ކުރިމަތިވާ މާލީ ދަތިތަކަށްވެސް އަދި ދިރިއުޅުމުގެ މައްސަލަތަކަށްވެސް ޙައްލެއް ލިބި ޙަޤީޤީ ފައިދާއެއް ކުރާނީ ހުރިހާ ކަންކަން މިންވަރުކުރައްވަވާ ﷲ ތަޢާލާގެ އާއި ކުއްތަންވެވުނު މިންވަރަކުންނެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުނު ވަރަކުންނެވެ.
ހެޔޮ ޢަމަލުކުރުމުގެ އާދަތައް ހަރުލެއްވިއްޖެ ނަމަ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ ފައިދާ ކުރާނެއެވެ! އުނދަގޫ ކަމަކަށް ވަނީ ހެޔޮ ޢަމަލުތައް ކުރަން އާދަކުރުމެވެ. ހިތްވަރުން ނަމަވެސް އާދަކުރެވިއްޖެ ނަމަ ހެޔޮ އަމަލުކުރުމަކީ ދެވިހިފާކަމެކެވެ. ނަމާދުކުރުމަކީ ކުރަން އުނދަގޫކަމަކަށްވަނީވެސް ނަމާދުކުރަން އާދަނުކުރެވޭތީއެވެ. 5 ވަޤުތު ނަމާދުނުކުރެވޭތީއެވެ.
ހުރިހާ ކަމަކަށްވުރެ ބޮޑަށް އިސްކަންދީގެން ގަދައަޅައި މަސައްކަތްކުރަންވީ ހެޔޮ ޢަމަލުކުރަން ދެވި ހިފާފައިވާ މީހަކަށް ވުމަށެވެ! އެއިރުން ތިބާއަށް ބުރައަކަށް ނުޖައްސުވައި ތިބާގެ ހިތާއި ސިކުނޑި އެކަންކަމަށް ތިބާގެ ގުނަވަންތަކަށް ބާރުއަޅައިގެން ތިބާލައްވައި ހެޔޮޢަމަލުތައް ކުރުވާނެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ "އޮޓޯއިން" އަޅުކަންކުރެވޭނެއެވެ. އެހެން ޢިބާރާތަކުންނަމަ
"ރޭއަޅުކަންކުރުމަށާ ފަތިސްނަމާދަށް ހޭލަން އަދި ވީހާގިނަ އަޅުކަންކުރަން ތިބާގެ މައްޗަށް ތިބާގެ ނަފުސް މަޖުބޫރުކުރުވާނެ" މީހަކަށް ވެގެންދާނެއެވެ.
މިކަން އެންމެ ބޮޑަށް ފެނިގެންދާ އެއް ޢަމަލަކީ ރޭއަޅުކަމާއި ފަތިސްނަމާދެވެ. ރޭއަޅުކަންކުރަންވެސް ފަތިސްނަމާދުކުރަންވެސް އާދަކޮށްފި މީހަކަށް ނުހޭލެވިއެއް ނުދާނެއެވެ. ގަޑިސޯނާ ނުވިޔަސް، ފޯން އެލާމް ނުވިޔަސް ހިތާއި ސިކުނޑި ތިމާ ސޯނާ ކުރުވާނެއެވެ. ހިތް ތިމާގެ މައްޗަށް މަޖުބޫރުކުރުވާނެއެވެ. އިން ޝާ ﷲ
އަތްމަތި ތިޔާގިވުމަށް އެދޭމީހާ އަމިއްލަ ޢާއިލާގެ މީހުންނާއި އަވަށްޓެރިންނާއި އެހެންވެސް މީސްތަކުންގެ ޙާލު ބަލައި އެހީތެރިވެވެން އޮތް ގޮތަކުން އެހީތެރިވެދޭށެވެ. ވަކިލާރިއަކުން ނަމަވެސް ޞަދަޤާތްކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ޢަމަލުތައް ކުރުން ގިނަ ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން