މުސްލިމުންގެ ތެރެއިންވެސް ގިނަ ޢަދަދެއްގެ މީހުން ބުނަނީ އެމީހުންނަށް ބޮޑުކަމެއް ކުރިމަތިވެގެން އެހީތެރިކަމަށް އެދޭނެ ޚާއްޞަ މީހަކު ނުވަތަ ބައަކު ނެތް ކަމަށެވެ. މާނައަކީ ގާތް އެކުވެރިން ނެތްކަމެވެ. އެހެން އެވަނީ އެކުވެރިންގެ ގޮތުގައި ރަނގަޅު ބައަކު ހޯދިފައި ނެތުމުންނެވެ.
މިއީ ވަރަށް ދެރަ ކަމެކެވެ. މިސިފައަކީ ތިމާ ދުނިޔޭގައި މިވަނީ އެކަނި ދުނިޔޭގައި އުޅެންކަމަށް ޤަބޫލުކުރާ ކާފިރުންގެ ސިފައެކެވެ. ކޮންމެ މުސްލިމަކީވެސް އަޚެކެވެ. ހުރިހާ އެންމެންނާއި އެއްވަރަކަށް ގުޅުން ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ދަންނަ އެކުވެރިންގެ ތެރެއިން ހެޔޮލަފާ މީހުންނާއި ގުޅުން ބަދަހިކުރަން އެބަޖެހެއެވެ.
ހުރިހާ ޒަމާނެއްގައިވެސް ދުނިޔޭގައި އުޅެފައިވަނީ ރަނގަޅުމީހުންނާއި ނުބައި މީހުންނެވެ. މިޒަމާނުގައިވެސް އެކަން އޮތީ ހަމައެގޮތަށެވެ. ދުނިޔޭގެ ނިމުން ގާތްވަމުން އަންނަ ވަރަކަށް ނުބައި މީހުން ދާނީ ގިނަވަމުންނެވެ. ގާތް އެކުވެރިން އިޚްތިޔާރުކުރުމުގައިވެސް އެކަމަށް ވިސްނަންވާނެއެވެ.
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާށެވެ! ހުރިހާ އެންމެންދެކެވެސް ލޯބިފުޅުވެވަޑައިގެންނެވިއެވެ. އެކަމަކު އެންމެ ގާތް މިތުރަކު ގެންގުޅުއްވެވިއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމަތިވެރި ދަރަޖައިގައި ހުންނެވީ އަބޫބަކުރުގެފާނެވެ. ރޭގަނޑު މެންދަމުގެ ވަޤުތުގައި ބޮޑުކަމެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ދެބޭކަލުން ބައްދަލުކުރައްވަވައި މަޝްވަރާކުރައްވަވައެވެ. އެހީތެރިކަން ހޯއްދެވިއެވެ.
އެކަމުން އެނގިގެންދަނީ އެންމެ ގާތް އެކުވެރިއަކު ނުވަތަ މިތުރަކު ގެންގުޅުމަކީ ސުންނަތެއްކަމެވެ. ވިސްނަންޖެހޭނެ ކަމަކީ އެންމެ ގާތް އެކުވެރިއަކު އިޚްތިޔާރުކުރުމުގައިވެސް ސަމާލުކަންދިނުމެވެ. އެމީހަކީ ތިބާއަށް އާޚިރަތް ހޯދައިދޭން އެހީތެރިވެދޭނެ މީހެއްކަން ޔަޤީންކުރަންވާނެއެވެ. އެހެން ނޫންނަމަ ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން