ކައިވެންޏަށްފަހު ކެތްތެރިވުމުގެ މާނައަކީ އަނިޔާ ލިބޭއިރު ކެތްތެރިވެގެން އިނުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައިވެންޏަށްފަހު ކެތްތެރިވުމުގެ މާނައަކީ އަނިޔާ ލިބޭއިރު ކެތްތެރިވެގެން އިނުމެއް ނޫން!

ކެތްތެރިކަމަކީ ކޮންމެ މީހަކަށް ލިބޭނެ ސިފައެއް ނޫނެވެ. އެއީ ވަރަށް ޢަޒުމް ވަރުގަދަ ވަރަށް ޚާއްޞަ ބައަކަށް ލިބިގަނެވޭ ސިފައެކެވެ. އަދި އެމީހާގެ ހިތަށް ވަރަށް ފުރިހަމައަށް އީމާންކަން ވަދެފައިވާ ﷲ ތަޢާލާ އަށް ބިރުވެތިވާ، ކިޔަމަންތެރި އަޅުންނަށް ލިބިގަނެވޭ ސިފައެކެވެ.  

އެހެން ސިފަތަކަކީ ކޮންމެ މީހަކަށްވެސް ނުހަނު ފަސޭހައިން ލިބިގަނެވިދާނެ ސިފައެކެވެ. ކެތްތެރިކަމާއިމެދު ފުންކޮށް ވިސްނައިފިނަމަ މިބުނި ވާހަކަ ޔަޤީންކުރެވޭނެއެވެ. ކެތްތެރިންނަށް އެހާމަތީ ދަރަޖައެއް ﷲ ތަޢާލާ ދެއްވަވަނީވެސް އެސަބަބަށްޓަކައެވެ.  

ކޮންމެއަކަސް ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ޙާޞިލްކުރެވޭނީ ކެތްތެރިންނަށް ކަމަށް ބުނެފިނަމަ ގިނަ މީހުންނަށް މާނަކުރެވޭނީ އެބުނަކީ އަނެކާގެ ކިބައިން ލިބޭ އަނިޔާތަކަށް ކެތްތެރިވުން ކަމުގައެވެ. ނަމަވެސް އަހުރެން ބުނާނީ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަހުރެން ދެކޭ ގޮތުގައި ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ޙާޞިލްކުރެވޭނީ ކެތްތެރިންނަށް ކަމަށް ބުނެވޭ ބަހުގެ މާނައަކީ ކައިވެނީގައި ދެމީހުންވީ ވަޢުދުތަކުގައި ޘާބިތުވުން ކަމުގައެވެ. ކައިވެންޏަށްފަހު އެހެން މީހުންގެ ކިބައިން ފެންނަ ރީތިކަމާއި އެނޫންވެސް ތިމާގެ ހިތް އެދޭ ސިފަތަކަށް ބޯނުލަނބައި ކައިވެނީގައި ތިމާވީ ވަޢުދާއި ޢަހުދުގެ މަތީގައި ކެތްތެރިވުން ކަމަށެވެ.  

އަނެކާގެ ކިބައިން އަނިޔާ ލިބެމުންދާއިރު އެކަމަށް ކެތްތެރިވާން މަސައްކަތްކުރިނަމަވެސް އެއީ އެއްވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫނެވެ. އަނިޔާ ލިބޭނަމަ އަވަހަށް އެހެން ގޮތެއް ހޯދަން ބާރުއަޅަނީ އެސަބަބަށްޓަކައެވެ. އެއިގެ ބަދަލުގައި މިބުނިމަގުން ކައިވެނީގެ ވަޢުދާއި ޢަހުދުގެ މަތީގައި ކެތްތެރިވެ ޘާބިތުވުމަކީ އެކަމަށް މަސައްކަތްކުރުމުން ކުރެވެން އޮތް ކަމެކެވެ. އަދި ކޮށްފިނަމަ އެކަމުގެ ނަތީޖާ ފޮނިވެފައި އުފާވެރިކަން ދެމިއޮންނާނެ ކަމެކެވެ.  

މައްސަލައަކަށް ވެގެން މިއުޅެނީ ކެތްތެރިން މަދުވުމުން ކައިވެނީގެ ވަޢުދާއި ޢަހުދުގައިވެސް ޘާބިތުވެ ކެތްތެރިނުވެވޭ ކަމުގެ މައްސަލައެވެ. އެކަމުގައި ކެތްތެރިވެވޭނަމަ ދެމަފިރިންގެ މެދުގައި ޙައްލު ނުކުރެވޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ނުޖެހޭނެއެވެ. އުފާވެރިކަން ދެމިއޮންނާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން