އެއްވެސް މީހަކީ ސުވަރުގެ ނުވައްދަވާނެ މީހަކުކަމަށް ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާ އަންގަވާފައި ގޮތަށް ދުނިޔޭގައި އުޅެގެންކަމަށް ﷲ ތަޢާލާ ވަނީ ވަޙީޚުރައްވަވައިފައެވެ.
ތެލާ ނުލައި އިންޖީން ސްޓާޓްކޮށް ކުރިއަށް ނުދުއްވޭނެ ފަދައިން ﷲ ތަޢާލާއަށް އީމާންވެ ހުރެ، ހެޔޮ ޢަމަލު ނުކުރާ މީހަކަށް ސުވަރުގެ ވަދެވޭނެ ކަމަށް އުންމީދުކުރުމެއް ނެތެވެ! ސުވަރުގެ ވަދެވުމަކީ އެކަމަށް އެދުމުން އެކަނި ހާޞިލުވާން އޮތް ކަމެއް ނޫނެވެ! އެކަން ޙާޞިލުކުރެވޭނީ އެކަމަށް އެދިގެން ހެޔޮ ޢަމަލު ކުރި ވަރަކުންނެވެ!
މީސްތަކުންނޭވެ! ކާރެއްވިޔަސް ސައިކަލެއްވިޔަސް ޖެނެރޭޓަރެއްވިޔަސް އަދި އެހެން އިންޖީނެއްވެސް ސްޓާޓްކުރެވޭނީ ތެޔޮ ނުވަތަ އެނޫންވެސް އެކަމަށް ބޭނުންވާ ހަކަތަ އެއިންޖީނަކަށް ފާރުކޮށްދީގެންނެވެ. މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ހަމައެފަދައިން ސުވަރުގެއާއި ދިމާއަށް ދަތުރުކުރަން ފެށޭނީ ފުރަތަމަ ކަމަކަށްވެސް ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެންނެވެ.
ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމަކީ ތިމާ މިހުރީ އީމާންވެގެންކަމަށް ދުލުން ބުނެލުމެއް ނޫނެވެ. ދުލުން ބުނުމާއިއެކު ޢަމަލުން އެކަން ދައްކަން ޖެހޭނެއެވެ. މީސްތަކުންނަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. ތިމާ އާއިއެކުގައި ތިއްބަވާ މަލާއިކަތުންނަށެވެ.
ބުނާ ކޮންމެ ބަހެއްވެސް މަލާއިކަތުން ތިބާގެ ފަތުގައި ލިޔުއްވަވާނެތެވެ. ނަމަވެސް ޢަމަލުން އެކަން ނުދައްކާނަމަ ބުނިބަސް ޤިޔާމަތް ދުވަހު ކިރައިލެވޭއިރު އެބަހުގައި ހުންނާނީ ކޮން ބުރަދަނެއް ހެއްޔެވެ؟ ތިބާކުޅަ ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބުރަވާނީ ހެޔޮ ޢަމަލުކުރުމުންނެވެ. އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. ނަހީކުރެއްވެވި ކަންކަން ނުކޮށް ދުރުހެލިވެގެން ހުރުމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން