ތިމާކުރަންޖެހޭ އަޅުކަން ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ރިޒުޤް ހޯދަން މަސައްކަތްކުރަންޖެހުން ކަމަށްބުނާ މީހުން މަދެއް ނޫނެވެ. އެކަމުން އެނގެނީ ރިޒުޤަށް ބޭނުވާ މިންވަރެވެ. ވީމާ ސަމާލުކަންދެއްވައިގެން ވިދާޅުވެލައްވާށެވެ! ޙައްލު ފެނިލައްވާނެއެވެ. އިން ޝާ ﷲ
ރިޒުޤްގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް މާނަކުރެވޭނީ ކާއެތިކޮޅެވެ. ނަމަވެސް އަދި އެވަރަކުން ނުފުދެއެވެ. ތިމާއަށް ބޭނުންވާ ހުރިހާ ކަންކަންވެސް ހިމެނިގެންވަނީ ރިޒުޤުގެ ތެރެއިންނެވެ.
ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!
ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބަދުއްރަހްމާން ބިން ޢައުފްގެ މަންމަ އަކީ މައްކާގެ މުއްސަނދި އަންހެނެކެވެ. ޢަބަދުއްރަހްމާން ބިން ޢައުފް އިސްލާމްވެވަޑައިގެން މަދީނާއަށް ވަޑައިގަންނަވަން އުޅުއްވުމުން މަންމަ ބުނީ މުޙައްމަދު ރަސޫލް (ﷺ)ގެ ދިނަށް ވަދެ މަދީނާއަށް ހިނގައްޖެ ނަމަ އެންމެ ދިރުހަމެއްވެސް ނުދޭނެ ކަމަށެވެ. ޖަވާބުގައި ޢަބަދުއްރަހްމާން ބިން ޢައުފް ވިދާޅުވީ ކީއްކުރާ ދިރުހަމެއް ހެއްޔެވެ؟ ތިމަން ކަލޭގެފާނަށް ﷲ ތަޢާލާ އިން ފުދެއެވެ.
ޢަބަދުއްރަހްމާން ބިން ޢައުފް މަދީނާއަށް އަރައިވަޑައިގެންނެވިއިރު އަތްޕުޅުގައި އޮތީ އެންމެ 4 ދިރުހަމެވެ. ދެން ކަންތައް ވީ ކިހިނަކުންކަން އެނގޭހެއްޔެވެ؟ ބައްދަލުވެވަޑައިގެންނެވި އަންޞާރީއަކީ ތަނަވސް ބޭކަލެކެވެ. ވަގުތުން އެއް ފިހާރަ ދެއްވީއެވެ. އަދި އަނބިކަނބަލަކުވެސް ވަރިކުރައްވާފައި ދެއްވީއެވެ. ޢަބަދުއްރަހްމާން ބިން ޢައުފް ބޭނުންފުޅުވީ މަދީނާގެ ބާޒާރު ދައްކަވައި ދެއްވުމަށެވެ. އަމިއްލަފުޅަށް މަސައްކަތްޕުޅު ކުރެއްވެވުމަށެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ މަސައްކަތްޕުޅެއް ކުރެއްވެވި ނަމަވެސް ﷲ ތަޢާލާ ކުރިއެރުން ދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތްޕުޅުގައި އޮތުމުންނެވެ. ސުވާލަކީ މިއަދު އަހަރެމެންގެ ހިތުގައި އެ ޔަޤީންކަން އެބަ އޮތް ހެއްޔެވެ؟
އަހަރެމެންގު ރިޒްޤް ވަނީ އުޑުގައެވެ. އެމީހަކަށް ކަނޑައަޅުއްވަވާފައިވާ މިންވަރު އެމީހަކު މަރުވުމުގެ ކުރިން ދެއްވަވާނެތެވެ. ނަމަވެސް ނަމާދަށް ގޮވުމުން ޖަމާޢަތަށް ނުގޮސް ވިޔަފާރިކުރަން މިތިބެނީ އެވަގުތުކޮޅުގައި ލިބިދާނެ 10 ވަރަކަށް ރިޔާލަ ގެއްލިދާނެތީއެވެ. ހުކުރަށް ނުގޮސް މިތިބެނީ ލިބިދާނެ 50 ވަރަކަށް ރިޔާލަ ގެއްލިދާނެ ކަމަށްޓަކައެވެ. ތިމާއަށް ދެއްވަވަން ހުރި ރިޒުޤް ވަނީ އުޑުގައިކަން ހަނދާނަކު ނުހުރެއެވެ.
ރިޒްޤް އިތުރުކުރަން ކުރެވިދާނެ 4 ކަމެއް ބުނެދޭނަމެވެ.
ފުރަތަމަ ކަމަކީ އީމާންތެރިކަން ވަރުގަދަކުރުމެވެ. އީމާންކަން ވަރުގަދަކޮށްފިނަމަ އެބައަކަށް ނުވެސް އެނގޭނެހައި ގިނަ މަގުތަކުން ރިޒްޤް ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ.
ދެވަނަ ކަމަކީ ﷲ ތަޢަލާއަށް ބިރުގަންނަން ޖެހޭ މިންވަރަށް ބިރުގަތުމެވެ. ނަމަވެސް އަހަރެމެންނަށް އެބަ ބިރު ގަނެވޭ ހެއްޔެވެ؟ މިސާލަކަށް ބެލުންތައް ތިރިކުރެވޭ ހެއްޔެވެ؟ ބެލުން ތިރި ކުރުމަކީ ރިޒްޤް އިތުރުވާ ކަމެކެވެ. ބަލަން ނުޖެހޭ ތަންތަނަށް ބެލުމަކީ ރިޒްޤަށް ހުރަސް އެޅޭ ކަމެކެވެ.
3 ވަނަ ކަމަކީ ދެއްވަވާ މިންވަރަށް ޝުކުރު ކުރުމެވެ. ދެއްވަވާ މިންވަރަށް ޝުކުރު ކުރެވޭނީ ތިމާއަށްވުރެ ގިނައިން ލިބޭ މީހުންނަށް ލިބޭ މިންވަރަށް ނުބަލައި ތިމާއަށްވުރެ މަދުން ލިބޭ މީހުންނާއިމެދު ވިސްނުމުންނެވެ.
4 ވަނަ ކަމަކީ އިސްތިޣްފާރުކުރުން ގިނަކުރުމާއި ދުޢާކުރުން ގިނަ ކުރުމެވެ.
ރިޒްޤް އިތުރުކުރަން އެދޭނަމަ ރިޒްޤް ވަނީ ބިމުގައި ނޫން ކަމާއި އުޑުގައިކަން ޔަޤީންކުރާށެވެ! އެކަން ޤަބޫލުކުރާ މީހާގެ ރިޒްޤް އަބަދުވެސް ދާނީ އިތުރުވަމުންނެވެ. އެހެނީ އެކަން ޤަބޫލުކުރާ މީހާއަށް އަބަދުވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިމާމް މާޒިން ޤާސިމްގެ ދަރުސަކުން