އަހުރެންގެ ގާތަށް ކައުްނސިލިންގ ހޯދަން އަންނަ ގިނަ މީހުންގެ މައްސަލަތަކަށް ބަލާއިރު އަނބިމީހާ އުޅެމުން އަންނަނީ ހިތްދަތިކަމުގަކަން ގިނަ ފިރިންނަށް ވިސްނެނީ އަނބިމީހާއަށް ބޮޑެތި ބަދަލުތަކެއް އައުމުންނެވެ. އަނބިމީހާއަށް ކުރިމަތިވާ އެޙާލަތަށް "ދިރިހުރި ޤަބުރެއް"ގެ ނަންވެސް ބައެއް ޢިލްމްވެރިން ދެއްވައެވެ.
އަހުރެން ފާހަގަމިކުރަނީ އަނބިމީހާގެ އަމިއްލަ ސަބަބެއް މެދުވެރިވެގެން އެކަން ސިއްރުކޮށްގެން ހުންނަ ވާވަހަކައެއް ނޫނެވެ. ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން ހިތްދަތިވެގެން ހުންނަންޖެހޭ ޙާލަތުގެ ވާހަކައެވެ. ހިތްދަތިކަމުގައި ހުންނަމުން އައިސް ބޮޑެތި ބަދަލުތައް އަންނަ ޙާލަތުގެ ވާހަކައެވެ. އެޙާލަތަށް އަނބިމީހާ ވެއްޓިގެންދާއިރު އަނބިމީހާ ހުންނާނީ ދިރިއުޅުންމަތިން ފޫހިވެފައެވެ. ދިރިއުޅޭނީ "ދިރިހުރި ޤަބުރެއް" ފަދައިންނެވެ.
އެޙާލަތުގައި އެއްވެސް ކަމެއް ކުރާހިތެއް ނުވާނެއެވެ. ފަރުވާކުޑަކުރެވޭނީ ހަމައެކަނި ފިރިޟިހާގެ ކަންކަމުގައެއް ނޫނެވެ. ދަރިންގެ ކަންކަމުގައިވެސް ފަރުވާކުޑަކުރެވޭނެއެވެ. އެޙާލަތަށް އަނބިމީހާގެ ކަންކަން ދިއުމުން ފިރިމީހާއަށް އަނބިމީހާ ކުށްވެރިކުރެވެއެވެ. އެއީ ކަންކަމުގައި ފަރުވާކުޑަކުރާތީއެވެ. ދެރަ ކަމަކީ އަނބިމީހާ އެޙާލަތަށް ވެއްޓިފައި އެހުރީ ތިމާގެ ސަބަބުންކަން ޤަބޫލުނުކުރެވޭ ކަމެވެ.
އެހިސާބުން މައްސަލަތައް ޖެހެން ފަށައެވެ. އަނބިމީހާ ކުށްވެރިކޮށް ވަރިވެސް ކުރެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އަނބިމީހާއަށް އެފަދަ ބަދަލުތަކެއް އަންނަކަން އިޙްޞާޞްކުރެވޭނަމަ ފުރަތަމަވެސް ބަލަންވާނީ އެކަމުގައި ތިމާގެ އިހްމާލެއް އޮތްތޯއެވެ. އަނބިމީހާއާއިމެދު ޝަކުވާކުރުމުގެ ކުރިން ވިސްނައި ތިމާ އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް އިޞްލާޙްކުރަންވާނެއެވެ.
މިއީ ކޮންމެ ދެމަފިރިއަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ކައިވެނި ސަލާމަތްކުރެވޭނީ މިކަންކަމަށް ވިސްނައލެވުނު ވަރަކުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން