މިހެން ބުނެ ޢަމަލުކުރާ ފިރިއަކު ލިބިއްޖެނަމަ ނަމަނަމަ ވަކިނުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
މިހެން ބުނެ ޢަމަލުކުރާ ފިރިއަކު ލިބިއްޖެނަމަ ނަމަނަމަ ވަކިނުވާތި!

އެންމެ ރަނގަޅު ފިރިންނަކީ ކޮބައިތޯ؟ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންވެ މިގެނެސްދެނީވެސް ޖަވާބަކަށް ފުދިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ރަނގަޅަށް އަޑުއަހާށެވެ! އަހުރެން މިބުނާ ފަދައިން ބުނާނީ ވަރަށް މަދު ފިރިއެކެވެ. ނަމަވެސް މިފަދައިން ބުނެ އެގޮތަށް ކަންތައް ކޮށްދޭނެ ފިރިއަކު ލިބިއްޖެނަމަ އެމީހަކަށް ހެޔޮކޮށްހިތާށެވެ. އެފަދަ ފިރިއެއްގެ ހިތުގައި ޖެހޭނެ އެންމެ ބަހެއްވެސް ނުބުނާށެވެ! އަދިވެސް އެޢިބާރާތް ނުބުނެ ކުރިއަށްދާނަމެވެ. ބުނާ ވަޤުތަށް ސަމާލުކަންދީގެން ތިބޭށެވެ.  

މުސްލިމް މުޖުތަމައުތަކުގައި ގިނަ އަނބިން މަސައްކަތްކުރަނީ ގޭގައެވެ. އެއިގެ މާނައަކީ އެމީހުންކުރާ މަސައްކަތްލުއިވުމެއް ނޫނެވެ. ދަރިންނާއި ގެދޮރު ބަލަހައްޓައި ކައްކައިކާންދިނުމަކީ ކުޑަ މަސައްކަތެއް ކަމަށް ދެކެގެން ނުވާނެއެވެ. އެކަންކަން ރަނގަޅަށް ކުރެވޭނީ ވަރަށް ހީވާގި އަންހެނުންނަށެވެ. އެކަންކަން ޙާޞިލުކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ.  

ފިރިން ޢާންމުގޮތެއްގައި މަސައްކަތްކުރާނީ ގެއިން ބޭރުގައެވެ. ބައެއް ފިރިން ވަރަށް ބުރަކޮށް މަސައްކަތްކުރާނެއެވެ. އެހެންކަމުން ޢިޝާ ނަމާދުން ފައިބާއިރު ތިބޭނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ބޭނުންވާނީ އަވަހަށް ނިދާށެވެ. (ހަނދާންކުރާށެވެ! މިދައްކަނީ އިސްލާމްދީނަށް ޢަމަލުކުރާ މުސްލިމް ފިރިންގެ ވާހަކައެވެ.)  

ދެން މިއުޅެނީ ކުރިން ނުބުނެ އޮތް ޢިބާރާތް ބުނާށެވެ! ވަޒީފާގައި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވެސް ބައެއް ފިރިން އެމީހުންގެ އަނބިން ދުވާލުކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ޢާންމުކޮށް ފިރިން ނުބުނާ ވާހަކައެއް އެބަބުނެއެވެ. އެއީ "ލޯބިވާ އަނބިމީހާއެވެ. މިއަދުވެސް ތިބާ ވަރަށް ބުރަކޮށް މަސައްކަތްކޮށްފީނުމުއެވެ. މިރޭ ދަރިފުޅު ހޭލުމުން ދަރިފުޅުގެ ކަންކަންކުރާނީ އަހަރެންނެވެ. ތިބާ ހަމަޖެހިލައިގެން ނިދައިލާށެވެ!"  

ލޮބުވެތި އަނބިންނޭވެ! މިފަދައިން ބުނެ އެކަންކޮށްދޭނަމަ އެފިރިއަކީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ ޖަވާހިރެއްފަދަ ފިރިއެކެވެ. އެފިރިމީހާގެ ހިތްވަނީ ތިބާއަށް ލޯބިން ފުރިފައެވެ. އޭނާ ވާނީ ތިބާއަށް ލިބޭނެ އެންމެ އަގުބޮޑު ޖަވާހިރަށެވެ! އެފަދަ ފިރިއަކު ލިބޭނީ ވަރަށް ވަރަށް މަދުންނެވެ. ލިބިއްޖެނަމަ ކުރިން ބުނިފަދައިން ފިރިމީހާ ނުރުހޭނެ ކަމެއް ނުކުރުމުގެ އިތުރުން ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ނުބުނާށެވެ.  

މިނަޞޭޙަތުން ޢިބްރަތް ލިބިގަންނަންވީ ހަމައެކަނި އަނބިންނެއް ނޫނެވެ! ފިރިންވެސްމެއެވެ. ފިރިން ޢިބްރަތް ލިބިގަނެ ކުރަންވީކަމަކީ މިފަދައިން ބުނެ ޢަމަލުކުރާ ފިރިއަކަށްވުމެވެ. އަރާމުގައި ނިދައިލުމަކީ ހަމައެކަނި ފިރިންނަށް އޮތް ޙައްޤެއް ނޫނެވެ. އަނބިމީހާއަށްވެސް ދޭންޖެހޭ ޙައްޤެކެވެ.

 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން