ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާނެ މީހަކު ކަމުގައި ނުވުމަށް ސަމާލުކަންދޭންވީ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާނެ މީހަކު ކަމުގައި ނުވުމަށް ސަމާލުކަންދޭންވީ ކަންތައް!

ﷲ ތަޢަލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އަދި މިދުނިޔޭގައި (ޙައްޤު ގޮތް ފިޔަވައި) ކަނުމީހަކު، އާޚިރަތް ދުވަހުގައިވެސް ވާނީ ކަނުމީހެއްގެ ގޮތުގައެވެ. އޭނާ ވާހުށީ މަގުގެއްލިފައިވާ މީހަކު ކަމުގައެވެ." (އަލްއިސްރާ: 72)

ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ މީހުންނަކީ ޙައްޤުމަގު އެނގި، އެމަގުން ޢަމަލުނުކުރާ މީހުންނެވެ. ﷲ ތަޢަލާގެ އެންގެވުންތަކަށް އަމިއްލައަށް ބަދަލުތައް ގެނެސް އެމީހަކު ބޭނުންވާ ގޮތަކަށް ދުނިޔޭގައި އުޅޭ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން ﷲ ތަޢާލާ އެމީހުންގެމަތިން ހަނދުމަނެތިކުރައްވަވަތެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމީހުން މަޙްޝަރުކުރައްވަވަނީ ލޯއަނދިރި ކަނުމީހުންގެ ގޮތުގައެވެ. ﷲ ތަޢާލާގެ ރަޙްމަތުން ބޭރުކުރައްވަވާ މީހުންގެ ގޮތުގައެވެ.  

އިންސާނަކަށް ލިބޭނެ އެންމެ ނިކަމެތިކަމަކީ އެމީހެއްގެމަތިން ﷲ ތަޢާލާ ހަނދުމަނެތިކުރައްވަވައި ލެއްވެވުމެވެ. އެހެނަސް މިއަދު އަހަރެމެން ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ މީހަކީ ކާކުކަމާއިމެދު އެއްވެސް ވަރަކަށް ވިސްނަމު ހެއްޔެވެ؟ ވިސްނާ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް ގިނައީ ނުވިސްނާ މީހުންކަމަށް ބުނަން ޖެހޭކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. ނަމަވެސް މިއީ ކަން އޮތް ގޮތެވެ. ޙަޤީޤަތެވެ!  

ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ މީހުންނަކީ އިސްލާމް ދީނުގެ ޙަޤީޤަތް އެނގި ތިބެމެ އިސްލާމް ދީނަށް އަމަލުނުކުރާ މީހުންނެވެ. ކީރިތި ޤްރްއާން ބާވައި ލެއްވެވީ ﷲ ތަޢާލާކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އަހަރެމެން ޤަބޫލުކޮށް އަމަލުކުރަން ޖެހޭ ކަންތައްތައް ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައިވާކަންވެސް އެބަ އެނގެއެވެ.

މީސްތަކުންނޭވެ! އިބިލީހަށް ﷲ ތަޢާލާ ލައްނަތް ލެއްވެވީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ ކަމެއް އެނގިހުރެމެ ބޮޑާވެގަތުމުންނެވެ. ﷲ ތަޢާލާ ހުރިހާ ނިޢްމަތްތަކެއް މިންވަރުފުޅު ކުރެއްވެވުމުންވެސް ޝުކުރުވެރި ނުވުމުންނެވެ. 

އަހަރެމެންނަށްވެސް ﷲ ތަޢާލާ މިވަނީ ވަރަށް ގިނަ ނިޢްމަތްތައް ދެއްވަވައިފައެވެ. ރަނގަޅު ޞިއްޙަތެވެ. ރިޒުޤެވެ. ދެންވެސް އެމީހަކަށް ދިރިއުޅެވޭނެ ގޮތްތަކެވެ. ކަންފަތަށް އަޑުއިވުމެވެ. ލޮލަށް ފެނުމެވެ. ވިސްނައި ފިކުރުކުރުމުގެ ބާރު ސިކުނޑިއަށެވެ. މިހެން ގޮސް އިންސާނާއަށް ބޭނުންވާނެ ނިޢްމަތްތައް ދެއްވެވުމުން ޝުކުރުވެރި ނުވީމާ އެދެވެނީ އިބިލީހުގެ ދަރަޖައަށް ނޫން ހެއްޔެވެ؟ އިސްލާމް ދީނުގެ މަތިވެރިކަން އެނގުމުން ވެސް ކިޔަމަންތެރިނުވެ ޢަމަލު ނުކުރުމުން އެ ދަނީ އިބިލީހުގެ ދަރަޖައަށެވެ.

މި މިސްކިތުގައި އަހަރެމެން އެންމެން ތިއްބައި މިހާރުވެސް ސިންގާއެއްގެ އަޑު އިވިބަލާށެވެ! ހަމައެކަކުވެސް ބޭރަކަށް ނުނުކުންނާނެއެވެ! ކީއްވެގެން ހެއްޔެވެ؟ ބިރުންނެވެ. ނުބައި ނުލަފާ މީހެއްގެ ކަންކަން އެނގިބަލާށެވެ! އެމީހަކު ދެކެ ބިރުގަނެއެވެ. ނަމަވެސް އެ ސިންގާ އާއި އެ މީހާ އާއި މި ދުނިޔެއާއި އަދި އެންމެހައި މަޚްލޫޤުން އުފެއްދެވި ﷲ ތަޢާލާ އަށް ބިރުވެތި ނުވެވޭނަމަ އަހަރެމެންނަށް ވިސްނައި ފިކުރުކުރަން ﷲ ތަޢާލާ ދެއްވެވި ސިކުނޑީގެ ބޭނުން އެބަ ކުރެވޭ ހެއްޔެވެ؟  

މީސްތަކުންނޭވެ! މުސްލިމުންނަށް ﷲ ތަޢާލާ މިވަނީ ވަރަށް ބޮޑު ނިޢްމަތެއް ދެއްވަވައިފައެވެ. އެއީ ޙައްޤާއި ބާޠިލު ވަކިކުރަން އެނގުމެވެ. ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ކޮންމެ އަކުރަކީވެސް ﷲ ތަޢާލާގެ ވަޙީކަން އެނގުމެވެ. ވީމާ އެ ނިޢްމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ﷲ ތަޢާލާ އެންމެ ކޯފާވެވޮޑިގަންނަވާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!  

ﷲ ތަޢާލާ އަހަރެމްނެގެ ކިބައިން 24 މިނިޓް، ނަމާދަށް ހޭދަކުރަން އަނގަވާފައި އެވަނީ 24 ގަޑިއިރު އަހަރެމެންނަށް ދެއްވެވުމަށްފަހުގައެވެ. ވީއިރު ބަންގި ގޮވުމުން ނަމާދަށް ކަންނެތްވާން ހެޔޮވެދާނެ ހެއްޔެވެ؟ ފަތިސް ނަމާދުކުރަން ފަތިހު ހޭލަން އަނގަވާފައި އެވަނީ ރޭގަނޑުގެ ހަތަރުދަން، އުފާކުރުމަށްޓަކައި އަހަރެމެންނަށް ދެއްވަވާފައެވެ. ވީމާ ފަތިސް ނަމާދަށް ނުހޭލައި ނިދާފައި އޮންނަން ބިރުވެތިވާށެވެ!  

ﷲ ތަޢާލާ ސުވަރުގެ އިން އިބިލީސް ބޭރުކޮށްލައްވަވައި ލައްނަތް ލެއްވެވީ އޭނާގެ ނުކިޔަމަންތެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުން ނޫން ހެއްޔެވެ؟ ވީމާ އަހަރެމެންގެ ކިބައިން އެފަދަ އަމަލުތައް ކުރެވޭނަމަ ހަމަ އަހަރެމެންނަށް ވެސް އެފަދަ ގޮތްތައް ދާނީ މެދުވެރިވަމުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން