ﷲ ތަޢާލާ ޢަފޫކުރައްވަވާނެ މީހެއްގެ ގޮތުގަ މަރުވުމަށް އެދިގެން ކުރަން އޮތް 2 ކަމެއް! ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ﷲ ތަޢާލާ ޢަފޫކުރައްވަވާނެ މީހެއްގެ ގޮތުގަ މަރުވުމަށް އެދިގެން ކުރަން އޮތް 2 ކަމެއް! ޙަދީޘުން

ރަނގަޅު މަރަކުން މަރުވުމާއިބެހޭ ގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އެހެންވެ މިބުނަނީ އެކަމުގައި އަހުރެން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއްގެ ވާހަކައެވެ. އެފަދަ މަރަކަށް އެދިގެން އަހުރެން އުންމީދުކުރާ ގޮތުގެ ވާހަކައެވެ. އެފަދަ މީހަކަށް ވެވޭތޯ މިދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ.  

ކީރިތި ޤުރުއާނަށް ބަލައިފިނަމަ އެއްބައި އާޔަތްތަކުގައި ވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ޢަފޫ ކުރެއްވެވުމުގެ ވާހަކަތަކެވެ. ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ކަމުގެ ވާހަކަތަކެވެ. އަނެއްބައި އާޔަތްތަކުގައި ވަނީ ޤިޔާމަތް ދުވަހުގެ ޢަޛާބް ތަކުގެ ވާހަކަތަކެވެ. ނުކިޔަމްންތެރިންނަށް ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ވާހަކައެވެ. އެހެންކަމުން ބައެއް މީހުންގެ ހިތުގައި ކަންބޮޑުވުން އުފެދެއެވެ.  

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މިސާލު ނަގަންވީ ދޫންޏަކުންނެވެ. ދޫންޏަށް އުދުހެވޭނީ ދެ ފިޔަ ހަމައަށް އިނދެގެންނެވެ. އެއްފިޔައިން އުނދުހެން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ވީމާ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމަށް ވިސްނައި ފިކުރުކުރުމަކީ އިންސާނާ ކުރިއަށްދާން ބޭނުންވާ އެއް ބައެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ނުކިޔަމަންތެރިވާ މީހުންނަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ދެއްވަވާނެ ގަދަ ފަދަ ޢަޛާބަށް ބިރުވެތިވުމަކީ ދެވަނަ ބައެވެ.  

އިންސާނާއަށް ކުރިއަށް ދެވޭނީ ހިތުގައި މިދެބައި އޮވެގެންނެވެ. ހަމަ އެއާއިއެކު ދޫނި އުދުހޭއިރު ބޯ ކުރިއަށް ނެރޭފަދައިން އިންސާނުން ކުރިއަށް ދާން ޖެހޭނީ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ލޯބި އެންމެ ކުރިއަށް ނެރެގެންނެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އީ ދީލަތިވަންތަކަމާއިއެކު ޢަފޫކުރައްވަވާ ރަސްކަލާނގެ ކަމަށާއި އަދި ތިމަން ﷲ އީ ގަދަފަދަ ޢަޛާބު ދެއްވަވާނެ ރަސްކަލާނގެ ކަމަށެވެ. އަދި މިކަން މީސްތަކުންނަށް ބަޔާންކޮށް ދެއްވެވުމަށް ﷲ ތަޢާލާ ވަނީ ރަސޫލް (ﷺ)އަށް އަންގަވައިފައެވެ.  

އީމާންތެރިކަން ފުރިހަމަވާނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާ އާއިމެދު އުންމީދު އޮވެގެންނެވެ. ހަމައެއާއިއެކު ﷲ ތައާލާގެ ކޯފާވެވޮޑިގަތުމަށާއި ގަދަފަދަ ޢަޛާބަށް ބިރުވެތިވެސް ވެގެންނެވެ. ވީމާ ހިތުގައި މި ދެބައި ހަމަހަމަކުރަން ޖެހޭނެއެވެ!  

ޒުވާން ޞަހާބީއަކު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ރަސޫލް (ﷺ) ވަޑައިގެން އޭނާގެ އިޙްޞާޞްތަކާއިބެހޭ ގޮތުން ސުވާލު ކުރެއްވެވިއެވެ. ޞަހާބީ ދެންނެވީ ﷲ ތައާލާގެ ޙަޟްރަތުން ހެޔޮ ރަޙްމަތްފުޅަށް އުންމީދު ކުރައްވަވާ ކަމަށާއި އަދި ކުރެއްވެވިފައިވާ ފާފަތަކަށް ވަރަށް ބޮޑަށް ބިރުފުޅުގަންނަވާ ކަމަށެވެ. އެހިނދު ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެމީހެއްގެ މަރުމަތީގައި ﷲ ތައާލާގެ ޙަޟްރަތުން އުންމީދުކުރުމާއިއެކު ﷲ ތައާލާއަށް ބިރުވެތިވާ މީހާއަށް ﷲ ތަޢާލާ ޢަފޫ ކުރައްވަވާނެ ކަމަށެވެ.

 

- ޝައިޚް ޑރ. މުޙައްމަދު ޙަކީމްގެ ދަރުސަކުން

 

މިއަދު އޮންލައިން