އަޅުގަނޑަކީ މާޔޫސްކަމުގައި ދިރިއުޅެމުން އަންނަ މީހަކީމެވެ. އެޙާލަތުން ސަލާމަތްވާން ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ދުނިޔޭގެ އެއްވެސް ކަމަކަށް މާޔޫސްވެއްޖެ ނަމަ ކުރަން އެންމެ މުހިންމު ކަމަކީ ނަމާދު ދިގުކުރުމެވެ. ނަމާދު ދިގުކުރާށެވެ! ދިގު ސޫރަތް ނުއެނގޭނަމަ ކުރު ސޫރަތް ކިޔަވާށެވެ! ރުކޫއާއި ސުޖޫދުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ! އަދި ދިގު ސޫރަތް ކިޔެވި ނަމަވެސް ރުކޫޢާއި ސުޖޫދުގައި ގިނަ ވަގުތު ހޭދަކުރާ މީހާގެ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ! އެދޭ ކަންތަކުގެ ފެންނާނެއެވެ! އިން ޝާ ﷲ!
މިއީ ފެށުނީންސުރެ މުސްލިމުން ކުރަމުން އަންން މުޖައްރިބް ތަޖުރިބާއެކެވެ! ނަމަވެސް މިއަދު ގިނަ ބައަކަށް ވަނީ މިކަންތައް މަތިން ހަނދާން ނެތިފައެވެ. ރުކޫޢާއި ސުޖޫދުގައި ގިނަ ވަގުތު ހޭދަކުރުމަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ގުޅުން ބަދަހިވެގެންދާނެ ކަންތަކެވެ. އެއްވެސް މީހަކާއި ﷲ ތަޢާލާ އާއި ދެމެދު ގުޅުން ބަދަހިކުރެވިއްޖެ ނަމަ އެމީހަކު މާޔޫސްވާން ޖެހޭ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ! އިން ޝާ ﷲ!
ދުނިޔެ އާއިމެދު މާޔޫސްވެއްޖެ ނަމަ ގިނަ ބައަކު ފެންވަރައި ޒީނަތްތެރިވުން ހުއްޓައިލައެވެ. ކެއިން ބުއިމާއިވެސް ދުރުހެލިވެއެވެ. އަޅުކަމާއިވެސް ދުރުހެލިވެއެވެ. ވަޒީފާއަށް ފަރުވާ ކުޑަކުރެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އެކަމުގެ ހައްލެއް ނޫނެވެ.
އެއްވެސް ސަބަބެއް މެދުވެރިވެގެން ދުނިޔެއާއިމެދު މާޔޫސް ވެއްޖެ ނަމަ ކުރިން މިބުނި ހުރިހާ ކަންކަން ކުރުން ގިނަ ކުރާށެވެ! އިތުރަށް ފުރިހަމަކުރާށެވެ!
ކޮންމެ ނަމާދެއްގައި ތިމާ ހުންނައިރު ހުއްޓި ހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ސަޖިދައިގައި އޮންނ ވަގުތަކީ އެންމެ ބޮޑަށް ﷲ ތަޢާލާ ޢާއި ކުއްތަންވެވޭނެ ވަގުތެވެ. ތިބާ ﷲ ތަޢާލާ އާއި ކުއްތަންވުން ގިނަކޮށްފިނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ހުރިހާ ކަމަކުންވެސް ތިބާއަށް އުފާވެރިކަން ލިބެމުންދާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން