ޢީދު ޚުޠުބާ: ޢާއިލީ ގުޅުންތައް ދަމަހައްޓަވާ! އެންމެ މުހިންމީ އެކުވެރިކަމާ އަމާންކަމާ ހަމަޖެހުން އޮތުން!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 50ސ
ޢީދު ޚުޠުބާ: ޢާއިލީ ގުޅުންތައް ދަމަހައްޓަވާ! އެންމެ މުހިންމީ އެކުވެރިކަމާ އަމާންކަމާ ހަމަޖެހުން އޮތުން!

މިއަދަކީ ފިޠުރުޢީދު ދުވަހެވެ. މިއީ އަޅަމެންނަށް ހިދާޔަތްދެއްވިކަމަށް ޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަހެވެ. މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުންނެވެ. اَللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ. لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ، اَللهُ أَكْبَرُ، وَلِلَّهِ الْـحَمْدُ.  

މާތް اللهގެ އަޅުތަކުންނޭވެ! މި ބާއްޖަވެރި ދުވަހު، މާތް الله އަޅަމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރާށެވެ! އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީނެވެ. މި ދީންމަތީގައި ސާބިތުވެ ތިބުމަށް ތިޔަ އެންމެތަކުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ. ރޯދައިގެ އަޅުކަން އަދާކުރެވުނީތީއާއި މާތް الله ތިޔަބައިމީހުން އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވިކަމަށް ޓަކައި، ގިނަގިނައިން އެކަލާނގެ ހަނދުމަކޮށް ތަކުބީރުކިޔާށެވެ! اَللهُ أَكْبَرُ، اللهُ أَكْبَرُ، اَللهُ أَكْبَرُ. لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ اَللهُ أَكْبَرُ، وَلِلَّهِ الْـحَمْدُ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުންގެ ޢީދުން ފެންނަނީ، އެބައިމީހުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދީންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންގެ މެދުގައިވާ ގުޅުމެވެ. ފަޤީރުންނާއި މުއްސަނދީންގެ މެދުގައިވާ ރަޙުމަތްތެރިކަމެވެ. މާތް اللهއަށް ޙަމްދުކޮށް، ސަނާދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަރެވެ. اَللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ اَللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.   

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް މިއަދު ގޮވައިލަމެވެ! ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރާށެވެ! މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތަކެވެ. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." މާތް اللهގެ ހައްޤުތަކަށް ފަހު، މައިންބަފައިންގެ ޙައްޤުތަކެވެ. އެއީ މާތް اللهގެ ޙައްޤުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް އަމުރުކުރެއްވީތީއެވެ. މި ކަމަށް އިޝާރާތްކުރައްވައި ވަޙީކުރައްވައިފައި ވެއެވެ.   ---- މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ." ދެން އޮތީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމެވެ. އެ ގުޅުންތައް ދަމަހައްޓާންވީ ގޮތް ބަޔާންކުރައްވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ  ޙަދީޘްކުރައްވައިފައި ވެއެވެ. (لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِيْ إِذَا قُطِعَتْ رَحِـمُهُ وَصَلَهَا)[1]  މާނައީ: "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއީ، އޭނާއަށް ދޭ އެއްޗަކަށް ބަދަލުދޭ މީހާއެއް ނޫނެވެ. އެކަމަކު އެ ގުޅުން ދަމަހައްޓާ މީހާއީ އޭނާގެ ރަޙިމުގެ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާމީހާއެވެ."  

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޢީދު ދުވަހު ތިބާގެ މޫނުމަތީން ވެސް އުފާވެރިކަން ފާޅުކުރާށެވެ! ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރާށެވެ! މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަހެވެ. އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންނެވެ. މާތް اللهއަށް ޝުކުރުދެންނެވުމަށްޓަކައި ކުރާ، ޢީދުނަމާދުންނެވެ. މި ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވެއެވެ. އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެކެވެ. އެހެން ނަސްލުތަކުގެ މުސްލިމުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރާންވާނެއެވެ. ޢީދުގެ ކުރީން މުއްސަނދީން ފިޠުރުޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދެއެވެ. ޢީދުނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައެވެ.

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދެމެވެ! އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދޭށެވެ! ޢީދުގެ މާނައަކީ ތަކުރާރުކޮށް އަންނަ މުނާސަބަތެވެ. މާތް ރަސްކަލާކޮ! ޢީދަކަށް ފަހު ޢީދެއް އަޅަމެނަށް ތަކުރާރުކުރައްވާށިއެވެ! އާމީން!  

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ރަމަޟާންމަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައެވެ. މާތް الله ޝަރުޢުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާޢަތްތެރިވާ މަހެއްގެ ގޮތުގައެވެ. މުސްލިމުން ރަމަޟާންމަހުގައި، اللهގެ ޙަޟުރަތަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރެއެވެ. ނަމާދުކޮށް، ރޭއަޅުކަންކޮށް، އުޅެއެވެ. ރޯދަމަހަށް ފަހުގައި ވެސް ނަމާދު ޤާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ނަސޭހަތްތެރިވަމެވެ. اَللهُ أَكْبَرُ، اللهُ أَكْبَرُ، اَللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ اَللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.  

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ރޯދައަކީ، ތަރުބިޔަތުގެ މަދަރުސާއެކެވެ. އިސްލާމްދީނަކީ، އެ ދީނުގެ ޝިޢާރުތަކުގެ ތެރެއިން، ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެކެވެ. މި ތަމްރީނުގެ އަމާޒަކީ، ދީނުގެ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަޚުވަންތަކުރުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާއަށް އަނިޔާވެރިވުމަށް ދުޝްމަނުންގެ އަތްމައްޗަށް ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާގެ އަޚާގެ ބޭނުމެއް ފުއްދައިދިނުމުގައި ދެމިހުރި މީހާގެ ބޭނުން ފުއްދައިދެއްވުމުގައި މާތް ﷲ ވޮޑިގެންވެއެވެ. މުސްލިމެއްގެ ކިބައިން މުޞީބާތެއް ފިލުވައިދީފި މީހާއަށް، އެ ކަމުގެ ސަބަބުން ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް މާތް ﷲ ފިއްލަވައިދެއްވާނެއެވެ. މުސްލިމެއްގެ ޢައިބެއް ފޮރުވައިދީފި މީހާއަށް، ޤިޔާމަތްދުވަހުން މާތް ﷲ އޭނާގެ ޢައިބުތައް ފޮރުވައިދެއްވާނެއެވެ."[2] 

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ރައްޔިތުންގެ މެދުގައި އަމާންކަމާއި ފުދުންތެރިކަން އޮތުމަކީ މުހިންމު ކަމެކެވެ. ރަސޫލުބޭކަލުން އެ ކަންކަމަށް ޓަކައި ދުޢާކުރެއްވިއެވެ. މާތް اللهގެ ޚަލީލު، إِبْرَاهِيمُ عَلَيْهِ السَّلَامُ، ކުރެއްވި މި ދުޢާފުޅަށް ތިޔަބައިމީހުން ވިސްނާށެވެ! ---  މާނައީ: "އަޅުގެ ވެރި ރަސްކަލާކޯއެވެ! މި ރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެ ރަށުގެ އަހުލުވެރީން ކުރެ، اللهއަށާއި، އާޚިރަތްދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒުޤުދެއްވައިފާނދޭވެ!" އިބުރާހީމުގެފާނުގެ މި ދުޢާފުޅުގައި، އޭގެ މައްޗަށް ދިރިތިބުން ބިނާވެގެންވާ ކާބޯތަކެއްޗަށް ވުރެ ބޮޑު އިސްކަމެއް ދެއްވީ، ރަށުގެ އަމާންކަމަށެވެ. އެހެނީ އަމާންކަމެއް ނެތް ތަނެއްގައި، އެއްވެސް ހަމަޖެހުމެއް ނޯންނާނެއެވެ. ވީމާ ޤައުމުގެ ޞުލްޙަ މަސަލަސްކަމަށް މަސައްކަތްކުރާށެވެ! އެއީ ފަރުދުންނާއި މުޖުތަމަޢުގެ ވާޖިބެއްކަން ދަންނާށެވެ! ރަމަޟާންމަހުގެ ރޯދައަށް ފަހު، ޝައްވާލުމަހު ހިފާ ސުންނަތް ހަރޯދަ ހިފުމުން، މުޅި އަހަރު ރޯދަހިފަދައެވެ. ޖެހިޖެހިގެން ނޫނަސް އެ މަހުގައި ހަރޯދަހިފުމަށް ސަމާލުކަންދޭށެވެ! اَللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ وَاللهُ أَكْبَرُ اَللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.

 

 

މިއަދު އޮންލައިން