މުސްލިމް އަޚުންނޭވެ! ކޮންމެ ދުވަހަކީ މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ދުވަހެކެވެ. އެ ނިޢުމަތްތަކާ މެދު ވިސްނައި ފިކުރުކުރާން ޖެހޭ ދުވަހެކެވެ. އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައެވެ.
މުސްލިމް އަޚުންނޭވެ! މާތް الله ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ، ވަގުތުގެ ނިޢުމަތެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ."[1] އެހެންކަމުން އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ވަރަށް ބޮޑެވެ. ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި الله تَعَالَى ހުވައި ވަޙީކުރައްވައިފައިވުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. الله تَعَالَى އެއްޗެއް ގަންދެއްވައި ބަސް ވަޙީކުރައްވާނީ އެކަނލާގެ ޙަޟުރަތުގައި އޭގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ. މި ކަމުން އެނގި ކަށަވަރުވަނީ الله تَعَالَى ވަގުތަށް ދެއްވައިފައިވާ މަތިވެރި ދަރަޖައެވެ.
މުސްލިމް އަޚުންނޭވެ! ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހެއެވެ. މާތް اللهއަށް ނިޔަތް ޚާލިޞްކޮށް ކިޔަމަންތެރިވުމުގައި އަހަރެމެން ހޭދަކުރަނީ ކިހައި ވަގުތެއްތޯ ހިސާބުކުރާންޖެހެއެވެ. އީމާންކަމުގެ ރުކުންތައް ހިތުގައި ކަށަވަރުވެފައިވޭތޯއާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރެވޭތޯ ކަށަވަރުކުރާންޖެހެއެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ފުރިހަމަކުރުމަށް ޙަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހެއެވެ. ޤުރްއާންކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ވެރީންނަށް އިޙުތިރާމުކޮށް ކިޔަމަންގަތުމާއި ގާތްތިމާގެމީހުންނަށް އެހީތެރިވެ، ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުން ފަދަ ދީނުގެ ކަންތައްތަކަށް ރައްކާތެރިވުމަށް ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލާން ޖެހެއެވެ. އަދި މާތް اللهއަށް އުރެދުމުގައި، ހަޔާތުން ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ވެސް ދެނެގަންނާން ޖެހެއެވެ.
މުސްލިމް އަޚުންނޭވެ! މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އިންސާނާގެ ޙަޔާތުން މަދުވެ އޭނާގެ އަޖަލާ ގާތްކުރުވައެވެ. އަލްއިމާމުލްޙަސަނުލް ބަޞްރީ ރަޙިމަހުالله ވިދާޅުވެފައިވާ މަޝްހޫރު ބަސްފުޅެއްގައިވެއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވާ ދުވަހެކެވެ."[2] ވީމާ ޣާފިލުކަމުގެ ނިދީގައިވަނިކޮށް، ޙަޔާތުގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންކަމުން ޣާފިލުކަމުގެ ނިދީން ހޭލައި ހެޔޮ ޢަމަލުކުރާށެވެ! އެހެނީ ދުނިޔޭގައި އޮތީ ޢަމަލުކުރުމެވެ. އަދި އާޚިރަތުގައި އޮތީ ހިސާބުބެއްލެވުމެވެ.
މުސްލިމް އަޚުންނޭވެ! މި ޙަޤީޤަތާ މެދު ވިސްނައި ފިކުރުކޮށް ޢިބުރަތް ޙާޞިލުކުރަނީ ކޮންބައެއްހެއްޔެވެ؟ އެއްވެސް މީހަކަށް އެ މީހަކު މަރުވާނޭ ވަގުތެއް ނޭނގޭނެއެވެ. އެކަމަކު އެނގި ކަށަވަރުވާ ޙަޤީޤަތަކީ ކޮންމެ ނަފުސެއްމެ މަރުގެ ރަހަ ދެކޭނޭކަމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ކޮންމެ أمّةއަކަށްމެ أجلއެއް ވެއެވެ. ފަހެ، އެއުރެންގެ أجل އައުމުން، އެންމެ ހިނދުކޮޅަކަށް ވެސް އެއުރެންނަކަށް ލަހެއް ނުކުރައްވާ ހުށްޓެވެ. އަދި އަވަހެއް ވެސް ނުމެ ކުރައްވާ ހުށްޓެވެ."
މުސްލިމް އަޚުންނޭވެ! ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ޙާލަތެއް ﷲ سُبْحَانَهُ وَتَعَالَى ވަނީ، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އޭގެތެރެއިން ފުރަތަމަ ޙާލަތަކީ: މަރު އައިސް އިންސާނާއާ ބައްދަލުކުރާ ޙާލަތެވެ. އެ ހިނދު އަޅާ ﷲއަށް ދަންނަވާނެތެވެ. "އަޅުގެ ވެރިރަސްކަލާކޮ! ކައިރި أجلއަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ صدقاتކޮށް، صالح އަޅުންގެ ތެރެއިންވާހުށީމެވެ."[3] ނަމަވެސް އެއީ އެއްވެސް އިންސާނަކަށް ލިބޭނޭ ފުރުޞަތެއްނޫންކަން ބަޔާންކުރައްވައި މާތް الله ވަޙީކުރަވައިފައި ވެއެވެ. ---- މާނައީ: "އަދި الله، އެއްވެސް نفسއެއް، އޭގެ أجل އަންނަ ހިނދު، ފަހެއްނުކުރައްވާނެތެވެ. އަދި اللهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ދެވަނަ ޙާލަތަކީ: ޤިޔާމަތްދުވަހު اللهއަށް އުރެދުނު އިންސާނާ އެކަލާނގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނޭ ޙާލަތެވެ. އެ ހިނދު އޭނާ الله سُبْحَانَهُ وَتَعَالَىއަށް ދަންނަވާނެތެވެ. މި އަޅާޔަށް އަދި އެއް ފަހަރު ދުނިޔެއަށް رجوعވުމެއް ލިބޭނޭ ނަމަ ކިހައި ރަނގަޅުހެއްޔެވެ؟ އެއިރުން ތިމަން އަޅާ ވާހުށީ، إحسانތެރީންގެ ތެރެއިންނެވެ. މި ޙާލަތު ސިފަކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----މާނައީ: "އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރައި ފޮނުއްވާނެ ނަމަ ކޮންފަދަހެއްޔެވެ؟ އެއިރުން ތިމަންމެންގެ ވެރިރަސްކަލާނގެ آيةތައް ދޮގެއް ނުކުރާނޫއެވެ. އަދި އީމާންވީ މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ."
މުސްލިމް އަޚުންނޭވެ! ހެޔޮގޮތުގައި ވަގުތު ހޭދަކުރާށެވެ! މަސައްކަތްތެރީން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވާށެވެ! އަދި ހަމައެހެންމެ ދަރިވަރުންވެސް ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ގަދައަޅައި މަސައްކަތްކުރާށެވެ! ފިލާވަޅުތައް ފަހަށް ނުބަހައްޓައި ދުވަހުން ދުވަހަށް ދަސްކޮށް މުޠާލިޢާކުރާށެވެ! ތަޢުލީމީ ޙަޔާތުގެ ކާމިޔާބުގެ އަލީގައި ދުންޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް އަވަހަށް މަސައްކަތް ފަށާށެވެ!
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް މަސައްކަތްކުރާ ހީވާގި ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!
މުސްލިމް އަޚުންނޭވެ! ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެކެވެ! ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެހެންކަމުން ތިބާއަށް الله ދެއްވި ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރާށެވެ! ދުނިޔޭގައި ތިބާ ވަގުތު ހޭދަކުރި ގޮތުގެ ހިސާބު ޤިޔާމަތްދުވަހުން ބެއްލެވި، އެ ކަމުގެ ޖަޒާ ތިބާއަށް ފުރިހަމައަށް ދެއްވޭނޭކަން ހަނދާންކުރާށެވެ! މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ފަހެ، ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮ ކަމެއް ކޮށްފި މީހާ، އޭނާ އެ ކަން ދެކޭނެތެވެ. އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއް ކޮށްފި މީހާ، އޭނާ އެ ކަން ދެކޭނެތެވެ."
ލޮބުވެތި މުސްލިމް އަޚުންނޭވެ! ޙަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރާށެވެ! މާތް اللهގެ މި ބަސްފުޅާ މެދު ވިސްނައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "ވާދަކޮށް ކުރިއަރައިދާ މީހުން ސުވަރުގޭގެ ނިޢުމަތްތަކާ މެދުގައި ވާދަކޮށް ކުރިއަރައިދާހުށިކަމެވެ!"