ތިމާއަށް އެހީތެރިވާ މީހުންގެ ހަނދާންނައްތައިލުމަކީ ނިކަމެތިކުރައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިމާއަށް އެހީތެރިވާ މީހުންގެ ހަނދާންނައްތައިލުމަކީ ނިކަމެތިކުރައްވަވާ ކަމެއް!

ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ.

ޢާއިލާގެ މީހުންވެސް ތިބޭނެއެވެ. އެކަމަކު ކަމެއް ޖެހުމުން އެހީތެރިވާނީ މަދުމީހެކެވެ.  

އެކުވެރިންނަށް ބަލާއިރު އެހީތެރިވާނީ މަޖުބޫރުވެގެނެއް ނޫނެވެ. ހެޔޮއެދޭތީއެވެ. އެހީތެރިވުން ވާޖިބުވާނީ ޢާއިލާގެ މީހުންނަށެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކަށް އޮންނަނީ އެހީތެރިނުވެވިފައެވެ. އެހެންކަމަށްވާއިރު ތިމާއަށް ކަމެއް ޖެހުމުން އެހީތެރިވާ އެކުވެރިންގެ މަތިން ބޮޑަށް ހަނދާންކުރަންވާނެއެވެ. ބޮޑަށް ޝުކުރުވެރިވާންވާނެއެވެ.

އެންމެ ދެރަކޮށް ކުރެވޭ ކަމަކީ ކިތަންމެ ރަނގަޅު އެކުވެރިއަކާއިމެދުގައިނަމަވެސް ހިތްހަމަނުޖެހޭއިރަށް އޭނާ ކޮށްދިން ހެޔޮކަންކަމުގެ އަގުވަޒަންނުކުރެވޭ ކަމެވެ. ރުޅިއައިސް ނަފުރަތުކުރެވޭ ކަމެވެ. ޢަދާވާތްތެރިއަކަށް ބަދަލުވެވޭކަމެވެ. މިއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ.  

ޢާއިލާގެ މީހަކު އެހީތެރިވިނަމަވެސް އެކަމުގެ އަގުވަޒަންކުރަންވާނެއެވެ. ﷲ ތަޢާލާއަށްޓަކައި ނަމަވެސް ތިމާއަށް ހެޔޮކަމެއް ކޮށްދިން ކޮންމެ މީހަކަށްވެސް ޝުކުރުވެރިވާންވާނެއެވެ. އެހެނަސް ގިނަ ބައަކަށް އެކަމެއް ނުވިސްނެއެވެ.  

އެކުވެރިއަކު ނަމަވެސް އަދި ޢާއިލާގެ މީހަކު ނަމަވެސް އަދި ކޮންމެ މީހަކު ނަމަވެސް ހެޔޮކަމެއް ކޮށްދީފިނަމަ އެމީހަކަށް ޝުކުރުވެރިވުމާއިއެކު ﷲ ތަޢާލާއަށް ޙަމްދުކުރަންވާނެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާންވާނެއެވެ. އެކަން ޢަމަލުތަކުން ދައްކަންވާނެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކުރައްވަވާނެ ކަމަށެވެ.  

ތިމާއަށް އެހީތެރިވާ މީހުންގެ މަތިން ހަނދާންނައްތައިނުލާށެވެ! އެއީ މީހާ ނިކަމެތިކުރައްވަވާ ކަމެކެވެ. ޝުކުރުވެރިވުމުގެ ބައި އެމީހެއްގެ ކިބައިގައި ނެތަތީއެވެ. ވީމާ އަބަދުވެސް މިކަންކަމަށް ވިސްނަންވާނެއެވެ. ޢާއިލާގެ މީހުންގެ ފަރާތުންވެސް، އެކުވެރިންގެ ފަރާތުންވެސް ހެޔޮ ގޮތްތައް މެދުވެރިވާނީ އެއިރުންނެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތް އިތުރުވާނީވެސް އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން