އަންހެނުންނާ ޖިންނި މާފަސޭހައިން އަވަލާކަމަށާއި އެއެއްޗެތީގެ އުނދަގޫތައް އަންހަނުންނަށް މާބޮޑުވާނެކަމަށް ޢިލްމްވެރިން ބަޔާން ކުރަްވަނީ ސަބަބުތަކެއް ހުރުމުންނެވެ. ތިރީގައިވާ ލިޔުމުން ސަބަބުތައް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ޖިންނީގެ ނުރައްކާ އެންމެންނަށްވެސް އެބަ އޮތެވެ. ނަމަވެސް އަންހެނުންނަށް އެ ނުރައްކާ ބޮޑުވެގެންދެއެވެ. ވީމާ އެނގިހުރި މިންވަރުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ޤަބޫލު ކުރި ނަމަވެސް އަހަރެމެންގެ ތެރޭގައި ޖިންނި ހަމަ އަހަރެމެން ފަދައިން އެބަ އުޅެއެވެ. ބައެއް މީހުންނަށް ޖިންނީގެ ކިބައިން ރަނގަޅުކަންތައްތައް ވެސް މެދުވެރިވެފައި އެބަހުއްޓެވެ. ނަމަވެސް ގިނަ މީހުންނަށް ކުރިމަތިވެފައިވަނީ މުޞީބާތްތަކެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. އަންހެނުންނަށް ގިނައިން މުޞީބާތްތައް ކުރިމަތިވަނީ ޖިންނިންނަށް އަންހެނާ ފެނިގެން ޖިންނިއަކު އެއަންހެނަކު ދެކެ ލޯބިވުމުންނެވެ.
މިއީ ހިނގަމުންދާ ކަމެކެވެ. ހަމަ މިހާރުވެސް މިފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. ޖިންނިއަކު އަންހެންކު ދެކެ ލޯބިވެއްޖެނަމަ ނިކަން ފަސޭހައިން ހިތް ދަމައިގަންނާނެއެވެ. ސަބަބަކީ ފެންނާނީ އަންހެން މީހާ އެންމެ ރުހޭ، އެންމެ ބޮޑަށް ބޭނުންވާ ސިފައިގައި ކަމެވެ. އިންސާނުންގެ ހިތުގައިވާ ކަންކަން ނުވަތަ ބޭނުންވާ ކަންކަން ދެނެގަތުމުގެ ބާރު ޖިންނިއަށް ލިބިގެންވެއެވެ. އެހެންކަމުން އަންހެން މީހާއަށް ބޭނުންވާ އެންމެ ފިރިހަމަ ސިފަ ދެނެގަނެއެވެ. އަދި ސިފަ ބަދަލުކުރުމުގެ ބާރު ﷲ ތަޢާލާ ޖިންނިންނަށް ދެއްވަވާފައިވުމުން އެ ސިފައެއްގައި ހުރުމުގެ ކުޅަދާނަކަން ޖިންނިންނަށް ލިބިގެންވެއެވެ.
ގިނަ ފަހަރު ލޯބިވެގެން މިއުޅެވެނީ އިންސާނަކާއި ނޫންކަން އެނގެނީ އެތައް ދުވަހެއް ފާއިތުވާފަހުންނެވެ. އެއިރު ލޯބީގެ ގުޅުން އޮންނަނީ އިންތިހާއަށް ބަދަހިވެފައެވެ. އެމީހަކު ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި މީހަކު ދެކެ ލޯބިވެވިއްޖެނަމަ އެމީހަކާއި ދުރުވުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެއީ ޖިންނިއެއް ނަމަވެސް ވަކިވާން އޮންނަނީ ބޭނުން ނުވެވިފައެވެ. އެހާލަތުގައި ރުޤްޔާކޮށްގެންވެސް ކަންކަން ޙައްލުކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.
އަދިވެސް އެއް ކަންތައް ފާހަގަކޮށްލާނަމެވެ. އެއީ މިހާރަކަށް އައިސް އެއްވެސް ބިރެއްނެތި ހާމަ ތަންތަނުގައި އަންހެނުންނާއި ފިރިހެނުން ޝަހުވާނީ ޢަމަލުތައް އެބަކުރެއެވެ. ކިތަންމެ ފިލައިތިބެގެން އެކަންކުރިނަމަވެސް ޖިންނިއަށް އެމަންޒަރު ފެނެއެވެ. އަންހެނާގެ އައުރަ ފެނުމުން އޭނާ އާއި ބެހިގަންނަން ޖިންނި ދަހިވެތިވެއެވެ. އަދި ޖުނުބުވެރި ޙާލަތުގައި ހުންނައިރު އަތުލައިގަންނަން ފަސޭހަވެސްވެއެވެ. ވީމާ މިއީވެސް ވަރަށް ބޮޑަސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ލޮބުވެތި ކަނބަލުންނޭވެ. މިހާލަތުން ސަލާމަތްވާން އަންހެނުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ގެއިން ނުކުންނައިރު އާއި ގެއިން ބޭރުގައި އުޅޭއިރު ކިޔަން ޖެހޭ ޛިކްރްތައް ކިޔުމެވެ. ޚާއްޞަކޮށް އިސްލާމް ދީނުގައި އަންހެނުން ފޭރާންލާން އަންގަވާފައިވާ ގޮތަށް ފޭރާން ލުމެވެ. ނިވާކުރަންޖެހޭ މިންވަރަށް ނިވާކޮށްގެން އުޅުމެވެ. ކުރިން މިބުނި ފަދަ ދަށުދަރަޖައިގެ ޢަމަލުތައް ނުކުރުމެވެ.
- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން
ޖިންނިން މީހުންނަށް ފާވާ ދެވަނަ ސަބަބު:
އަހަރެމެން ނަމާދުކޮށް އުޅޭ މިސްކިތް ކައިރިއެވެ. ޒުވާން ފިރިހެން ކުއްޖަކު އޮތީ ބިން މައްޗަށް ވެށްޓިފައެވެ. އޮވެގެން އޭނާގެ ދެއަތުން މަސައްކަތްކުރަމުން ގެންދިއައީ އޭނާގެ ކަރުގައި ހިފައި ބާރުކޮށް މަރުވުމަށެވެ.
އަހަރެމެން އޭނާ މިސްކިތުގެ ބައަކަށް ވެއްދީމުއެވެ. އަދި ފެންނަން ހުރި ނިޞާންތަކަށް ބަލައި ރުޤްޔާ ކުރީމެވެ. ވަކި ހިސާބަކުން އޭނާގެ ގައިގެ ބާރު ކެނޑި ހޭނެތުނެވެ. ކުއްލިއަކަށް އޭނާގެ ލޮލުން ނުކުތީ ޖިންނިއެކެވެ. އޭނާއަށް މިވަރުގެ އަނިޔާއެއް ދެނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އެ އެވާނާ އިޝާ ނަމާދު ވަގުތު ކައިރިވެފައި ވަނިކޮށް ދުވަމުން ގޮސް ޖިންނީގެ ދަރިއެއްގެ ބޮލަށް ފައިން އެރީ ކަމަށެވެ.
ކަން ދިމާވި ގޮތުން އެ ޖިންނި ވީ މުއުމިން ޖިންނިއަކަށެވެ. އެހެންކަމުން އެކަން މެދުވެރިވީ އަހަރެމެންނަށް ޖިންނި ނުފެންނާތީ ކަމާއި އެއީ ޤަޞްދުގައި ކުރި ކަމެއް ނޫންކަން ޖިންނިއަށް ވިސްނައިދިނުމުން ޖިންނި އެކަން ޤަބޫލުކުރިއެވެ. އަދި އޭނާ ދޫކޮށްލިއެވެ.
މިހާދިސާއަށް ބެލުމުންވެސް ގެއިން ބޭރަށް ނުކުންނަމުން ކިޔަންޖެހޭ ޛިކްރްތައް ނުކިޔުމާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަން ނުހޯދައި ޒުވާނާ ބޭރުގައި އުޅުނުކަން ފާހަގަކުރެވެއެވެ!
ޖިންނިން މީހުންނަށް ފާވާ 3 ވަނަ ސަބަބު:
ޖިންނިން މީހުންނަށް ފާވާ 3 ސަބަބަކީ ސިހުރު ހާހޫރައެވެ. ސިހުރު ހަދާ މީހަކު ޖިންނި ގެނެސް އެހީތެރިކަން ހޯދައި މިވެނި މީހަކަށް ނުވަތަ ބައަކަށް އަނިޔާކުރަން ބުނުމެވެ. އެހިސާބުން ޖިންނި ގޮސް އެމީހަކަށް ނުވަތަ އެބައެއްގެ މައްޗަށް ބާރު ފޯރުވައި ގެއްލުންދީ އަނިޔާ ކުރެއެވެ.
މިފަދަ ހާލަތުގައި ވިސްނަންވެސް ނުއެނގޭ ފަދަ ބައެއް ކަންކަން މެދުވެރިވެއެވެ. މިސާލަކަށް ދުވަހަކު ދެބަސްވެ ޒުވާބު ނުކުރާ ދެމަފިރިންގެ މެދުގައި ކުދިކުދި ކަންކަމާއިހުރެ ބޮޑެތި ޒުވާބުތައް ކުރުވައެވެ. ދިރިއުޅުން ބޮޑު އަރާރުން ގަނޑަކަށް ބަދަލުކުރުވައެވެ. ޢާއިލާގެ މެދުގައި ކުދިކުދި ކަންކަމުގައިވެސް ރުޅިގަދަވެ ގައަށް އަތްލައި އަނިޔާ ކުރާ ޙާލަތަށްވެސް ކަންކަން ދެއެވެ.
ވީމާ ޖިންނިންނާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ރައްކައުތެރިވާން މަސައްކަތްކުރަން ޖެހޭނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ނަމަވެސް މިހާރަކަށް އައިސް މިކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ރައްކައުތެރިވުމުގެ ގޮތުން ކިޔަން ޖެހޭ ޛިކްރްތައް ހުރިކަން ވެސް ދަންނަނީ މަދު މީހެކެވެ. އެނގުނު ނަމަވެސް ދަސްކޮށް ކިޔައި އުޅެނީ ވަރަށް މަދު މީހެކެވެ.
ސުންނަތުން އެނެގެން ހުރި ދުޢާތައް ކުރާށެވެ! ކިޔަވަންހުރި ޛިކްރްތައް ކިޔަވާށެވެ! ކިތަންމެ ކައިރީގައި ހުރިތަނަކަށް ދިއުމަށް ނަމަވެސް ގެއިން ބޭރަށް ނުކުންނަނަމަ މިކަން ނުކޮށް ނުނުކުންނާށެވެ!
- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން