އަޢުރަ ނިވާނުކޮށް ހުންނަ މީހާ ފެނުމުން އިސް ތިރިކޮށްފިނަމަ އެމީހަކަށް ފާފައެއް ނެތެވެ. އެމީހާ ފާފަވެރިވާނީ އިތުރަށް ބެލުމުންނެވެ.
ނަމަވެސް ދެއްކިކަމުގެ ފާފަ އަޢުރަނިވާނުކޮށް ހުންނަ މީހާއަށް ލިބޭނެއެވެ. ދެއްކީތީ ފާފަވެރިވާނެއެވެ. އަޢުރަ ނިވާ ނުކޮށް ނަގާފައި ހުންނަ ފޮޓޯ އާއި ވީޑިއޯ ހާމަކުރުމުންވެސް އޮތީ ހަމަ މިޙުކުމެވެ. މީހުން ބަލާވަރަކަށް އެމީހަކަށް ދާނީ ފާފަތައް އިތުރުވަމުންނެވެ. ވީމާ އެމީހަކަށް އެހުންނަނީ އެކަންކަމުގެ ފާފަ އަބަދު އިތުރުވެއިތުރުވެއެވެ.
އަޢުރަ ނިވާކުރަން ﷲ ތަޢާލާ ޤުރްއާނުގައި އަންގަވައި އަދި އަޢުރައަކީ ކޮބައިކަން ބަޔާންކުރައްވަވާފައިއެވަނީ މަތިވެރި ސަބަބުތަކަކަށްޓަކައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ޤުރްއާނުގައިވާ މަގުން އަޢުރަ ނިވާނުކުރާނަމަ އެމީހާއަށް މަތިމައްޗަށް ފާފަކުރެވެމުންދާނެކަމެވެ. ކެނޑިނޭޅި ފާފަތައް އިތުރުވަމުންދާނެ ކަމެކެވެ.
ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "އިސްލާމް ދީނުގައި ކަންކަން ކުރުމަށް އައިސްފައިވާ ގޮތް ބުނެދިނުމަކީ ޢިލްމުވެރިންގެ ވާޖިބެކެވެ. ޢައުރަ ނިވާކުރަން ބުނަނީ ދީނީ ޢިލްމުވެރިންނުވަތަ ޝައިޚުންނެއް ނޫނެވެ. އެއީ އެކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ. އެކަން ޤަބޫލު ނުކުރުމަކީ އެމީހަކު ކީރިތި ޤުރްއާން ޤަބޫލުނުކުރާ ކަމުގެ ހެއްކެކެވެ. މިފަދަ މީހުންނަށް ނޫނެކޭ ބުނަން ރައްޔިތުން ޖެހޭނެއެވެ."
"ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އާލްއިމްރާން: 85)
ނޫރުސޫރަތުގެ 31 ވަނަ ޢާޔަތް:
"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އައްނޫރު: 31)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން