ވަޒީފާގަ ގެންގުޅެން ހީވާގި ތެދުވެރި އިޚްލާޞްތެރިން ހޯދާފަ ކައިވެނިކުރަންވީމަ ބޭރުފުށުގެ ސިފައަށް ބެލީމަ ދެކޮޅުޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ވަޒީފާގަ ގެންގުޅެން ހީވާގި ތެދުވެރި އިޚްލާޞްތެރިން ހޯދާފަ ކައިވެނިކުރަންވީމަ ބޭރުފުށުގެ ސިފައަށް ބެލީމަ ދެކޮޅުޖެހޭނެތަ؟

އިންސާނުންނަށް ދުނިޔޭގައި އުޅެވެން އޮތީ ކޮންމެވެސް ބައަކާއި ގުޅިގެންނެވެ. ތަނަވަސްކަން ހުރިނަމަވެސް އެކަނި ދުނިޔޭގައި އުޅެވޭނެ މީހަކު މަދުވާނެއެވެ. އެއީ އޭނާއަށް ޚިދުމަތްކުރާނެ ބައަކު ބޭނުންވާނެތީއެވެ.  

ކޮންމެ މީހަކީވެސް ބައިވެރިއަކަށް ބޭނުންވާނެ މީހެކެވެ. ތަނަވަސްކަން ހުރިނަމަ މުވައްޒިފުން ބޭނުންވާނެއެވެ. އަދި ކޮންމެ މީހަކީވެސް އެކުވެރިންވެސް ބޭނުންވާނެ މީހެކެވެ. ދެން ބަލައިލަންވީ މިކަންކަމަށް ބޭނުންވާނީ ކޮންބައެއް ކަމެވެ.  

1-   ބައިވެރިއަކަށް ބޭނުމީ ﷲ އަށް ބިރުވެތިވާ މީހެކެވެ!

2-   ވަޒީފާއަށް ބޭނުމީ ތެދުވެރިންނެވެ!

3-   އެކުވެރިންނަށް ބޭނުމީ އިސްލާމް ދީނަށް ޢަމަލުކުރާ މީހުންނެވެ!  

ކަންކަމަށް މީހުން އިޚްތިޔާރުކުރާއިރު ކިތަންމެ ވަރަކަށް ބެލިނަމަވެސް އެއްވެސް މީހެއްގެ ބޭރުފުށުގެ ސިފައަކުން ކުރާނެ ފައިދާއެއް ނެތެވެ! ކިތަންމެ ރީތި ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކާއިއެކު ދިރިއުޅުމަކީ މުސްލިމަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ތެދުވެރިކަން ނެތްނަމަ ވަޒީފާއަކު ނުގެންގުޅެވޭނެއެވެ. އަދި އިސްލާމް ދީނަށް ޢަމަލުނުކުރާ މީހަކު އެކުވެރިއެއްކަމުގައި އިޚްތިޔާރުކޮށްފިނަމަ އެމީހެއްގެ އާޚިރަތް ގެއްލުން އޮތީ ދާދި ގާތުގައެވެ.  

ވީމާ ވިސްނާށެވެ! ހުރިހާ ކަމެއް ގުޅިފައިމިވަނީ ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރުގެ މައްޗަށެވެ. އެހެންކަމުން އޮތީ އެންމެ ޒުވާން ޢުމުރުން ފެށިގެންވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ރަނގަޅު ބައިވެރިއަކާއިއެކު ދިރިއުޅެވޭނީވެސް، ވަޒީފާގައި ދެމިހުރެވޭނީވެސް އަދި ރަނގަޅު މީހުން ތިމާއަކީ އެކުވެރިއެއް ކަމަށް ބަލައިގަންނާނީވެސް އެއިރުންނެވެ. 

އަދިވެސް ވިސްނާށެވެ! ވަޒީފާގަ ގެންގުޅެން ހެޔޮ ވިސްނޭ، ކުރިއަރައިދާން ބޭނުންވާ ކޮންމެ މީހަކުވެސް ހޯދާނީ ހީވާގި ތެދުވެރި އިޚްލާޞްތެރިންނެވެ. އެކަމަކު ކައިވެނިކުރަންވީމަ ބެލެނީ ބޭރުފުށުގެ ސިފައަށެވެ. އެމީހުންނަށް ނުއެނގޭކަމަކީ ތިމާއަށް އެންމެ މުހިންމުވާނެ ވަޒީފާއަކީ ޙަޔާތުގެ ބައިވެރިޔާގެ ވަޒީފާކަމެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން