އެއްވެސް މީހަކަށް ކޮންމެ ދުވަހަކު ކަންކަން ކުރިމަތިވާނީ އެއްގޮތަކަށް ނޫނެވެ. އެހެންކަމުން ތަފާތު ދުވަސްތައްވެސް ބައްދަލުކުރާނެއެވެ. ބައެއް ދުވަސްތަކުގައި ވަނީ އުފާވެރިކަމެވެ. އަނެއްބައި ދުވަސްތަކުގައި ހިތާމައާއި ހިތްދަތިކަމެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. އަހުރެމެންނަށް އޮތީ އެކަން ޤަބޫލުކުރުމެވެ.
ހިތާމައާއި ހިތްދަތިކަން ނުވަތަ އަތްމަތިދަތިކަން ކުރިމަތިވިނަމަވެސް ޤަބޫލުކުރަންވީ ޙާލަތު ބަދަލުކޮށްދެއްވަވާނެކަމެވެ. ހިތަށް ހަމަޖެހުން މިންވަރުކުރައްވަވާނެކަމެވެ. އަތްމަތިދަތިކަންވެސް ފިލައިގެންދާނެ ކަމެވެ. ހަމައެއާއިއެކު ޔަޤީންކުރަންވީ މިޙާލަތު ކުރިމަތިކުރައްވަވާނީ ތިމާއަށް ރަނގަޅަކަށް ކަމެވެ. އަދި މިކަމުގައި ޙިކުމަތެއް އޮންނާނެ ކަމެވެ.
އެއިރުން އެމީހަކަށް އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. ކުރިމަތިވި ނުތަނަވަސްކަމުގައިވެސް ﷲ ތަޢާލާއަށް އިތުބާރުކުރިކަމެވެ. ﷲ ތަޢާލާގެ ރަހްމަތަށް އިތުބާރުކޮށްގެން ހުންނަ މީހަކު ނިކަމެތިނުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ.
އެކަމަށް ޔަޤީންކަން މިދެނީ އަހުރެންނެއް ނޫނެވެ. އެކަމަށް ޔަޤީންކަންދެނީ ކީރިތި ޤުރްއާނެވެ. ކޮންމެ މުޞީބާތަކާއިއެކުވެސް އުފާވެރިކަމެއްވާކަމަށް އޮތުމުންނެވެ. ގިނަބައަކަށް ޤަބޫލުނުކުރެވެނީ އެކަމެވެ. ވީމާ އަހުރެމެން ވާންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތައް ޔަޤީންކުރާ ބައަކަށެވެ. އެއިރުން އެމީހަކަށް ކުރިމަތިވާ ކޮންމެ ޙާލަތަކުން ސަލާމަތްކޮށްދެއްވަވާނެތެވެ. އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން