ކޮށްދޭ ކަންކަމަށް ހަމައެކަކު ޝުކުރުވެރިނުވިޔަސް ކަންބޮޑުވާން ނުޖެހި ހުރެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކޮށްދޭ ކަންކަމަށް ހަމައެކަކު ޝުކުރުވެރިނުވިޔަސް ކަންބޮޑުވާން ނުޖެހި ހުރެވޭނެ ގޮތް!

އެންމެ ގިނަ ބައަކު ކަންބޮޑުވާ ކަންކަމުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ކޮށްދޭ ކަންކަން ބައިވެރިޔާ ނުވަތަ ޢާއިލާގެ މީހުން ބަލައިނުގަތުމެވެ. ކިތަންމެ ރަނގަޅަށް ކަންކަން ކުރިނަމަވެސް ޝުކުރުވެރިނުވުމެވެ. ތަޢްރީފެގެ ބަހެއްވެސް ނުބުނުމެވެ.  

ހަމަ ރަނގަޅު ވާހަކައެކެވެ. ރަނގަޅަށް ކަންކަން ކޮށްދިނުމުން އެކަން ބަލައިނުގަންނަނަމަ ހިތަށް އަސަރުކުރާނެއެވެ. އެޙާލަތުގައި މިގޮތަށް ވިސްނާށެވެ! "އަހުރެން ކޮށްދިން ކަންކަން ކޮށްދިނީ އެއްވެސް މީހަކަށް ނޫނެވެ! ﷲ ތަޢާލާއަށްޓަކައެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ އަހުރެންނަށް ދެއްވަވާނެތެވެ." އެއިރުން ތިބާ ކޮށްދިން ކަންތައް އެއްވެސް މީހަކު ބަލައިނުގަތަސް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

ވީމާ ކުރާ ކޮންމެ ކަމެއްވެސް ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ކުރާށެވެ! މީސްތަކުން އެކަން ބަލައި ނުގަތް ނަމަވެސް ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. އިން ޝާ ﷲ  

އިމާމް މާލިކްގެފާނު ވިދާޅުވިއެވެ.! "ﷲ އަށްޓަކައި ކުރެވޭ ކަންކަން ދެމިގެންވެއެވެ." އެބަހީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ކުރާ ކަންކަން ﷲ ދަމަހައްޓަވާނެތެވެ. އެނޫން ކަންކަން އިސާހިތަކު ނެތިގެން ހިނގައިދާނެއެވެ.  

ތިބާކުރާ އަޅުކަންވެސް އަދި ބައިވެރިޔާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުވަތަ އެހެން މީހަކަށް ކޮށްދޭ ކަމެއް ނަމަވެސް ކުރާ ކޮންމެ ކަމެއްވެސް ކުރަމުން ގެންދަންވީ ބައެއްގެ ރުހުން ހޯދާކަށް ނޫނެވެ. މަތިވެރިވަންތަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެއިރުން އެއްވެސް މީހަކު އެކަން ބަލައި ނުގަތް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން