ލޮލާއިމެދު ޑޮކްޓަރުން އަދިވެސް ތިބީ ޙައިރާންވެގެންނެވެ. ފެންނަފެނުމަށް އެއީ ޞިއްޙަތުދެރަ، ޢުމުރުން 80 އިން މަތީގެ މީހެކެވެ. އެމަމަކު އެންމެ އަކުރުކުދި ޚިތިމުން އެކިޔަވަނީ އައިނަކާއި ނުލައެވެ. މިފަދަ މަންޒަރު ފެނުމުން ބޮޑެތި ޑޮކްޓަރުން ކަޅިނުޖަހާ ބަލަންތިބޭތަންވެސް ފެނެއެވެ.
ބޭސްވެރިކަމުގެ ދާއިރާއިން އެމީޙުން ކަންބޮޑުވާނެއެވެ. ޙައިރާންވެސް ވާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު ވިސްނާ މީހަކަށް އެފަދަ ކަންކަން ފެނުމުން ޙައިރާންވާކަށް ނުޖެހޭނެއެވެ.
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭނީ ލޮލުގެ ފެނުމަށެވެ. ލޮލުގެ ފެނުން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށާއި ލޮލަށް ކިތަންމެ ކުޑަ މައްސަލައެއް ކުރިމަތިވިނަމަވެސް ޑޮކްޓަރަށް ދައްކަން އަވަސްވެގަންނާނެއެވެ.
އަހުރެން ޤަބޫލުކުރާ ގޮތުގައި ފެނުން ގުޅިފައިވަނީ ލޮލަކާއިއެއް ނޫނެވެ. އެއީ ހަމައެކަނި މީސްތަކުންނަށް ޤަބޫލުކުރެވޭ ޤަބޫލުކުރެވުމެކެވެ. އެހެނީ އަހަރެމެން މަރުވުމުން ދެލޯ ވެސް ގެއްލިގެންދެއެވެ. ނަމަވެސް ކައްވަޅުގައި ﷲ ތަޢާލާ އަހަރެމެންނަށް ދައްކަވަން އިރާދަކުރައްވަވާ ކަންކަން ދައްކަވަތެވެ. އެކަންކަން ފެނުމުން މަޙްރޫމްވެގެނެއް ނުދެއެވެ.
އަދި ކީއްހެއްޔެވެ؟ ކައްވަޅުގައި އޮންނައިރު ދައްކަވާ ބިރުވެރި ކަންކަން ނުބަލަން ކުރެވޭނެ ކަމެއްވެސް ނެތެވެ. ޖެހޭނީ ހަމަ ބަލާށެވެ. ނުބަލަން މަރާނެ ދެލޮލެއް ނުވެސް އިންނާނެއެވެ. ވީމާ ނުބަލަން ކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ފެނުމަކީ ﷲ ތަޢާލާ ދެއްވަވާ ނޫރެކެވެ. އިންސާނާއަށް ދެއްވަވާ އެންމެ ބޮޑު އެއް ރަޙްމަތެވެ. ވީމާ އެ ރަޙްމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ.
ބަލަން ހުއްދަ ކުރެއްވެވި ކަންކަމާއި ތަންތަން ނޫނީ ނުބަލާށެވެ. ގިނަގިނައިން ޤުރްއާނަށް ބަލައި ކިޔައި އުނގެނޭށެވެ. ތިމާއަށް އާޚިރަތުގައި ފައިދާކުރާނެ ކަމެއް ނޫނީ އެނޫރުން ނުކުރާށެވެ. ދުނިޔެއާއި އުޑުތަކަށް ބަލާށެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާށެވެ. ޢިބްރަތް ޙާޞިލުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން