ބައިވެރިޔާ ކުރާ އަމުރުތަކުގެ ކުރިއަށް ﷲ ތަޢާލާގެ އެންގެވުންތައް ނެރޭތީ ވަރިކުރިޔަސް އަދި ވަރިވިޔަސް އެކަންވާނީ އެންމެ ބޮޑު ރަޙްމަތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބައިވެރިޔާ ކުރާ އަމުރުތަކުގެ ކުރިއަށް ﷲ ތަޢާލާގެ އެންގެވުންތައް ނެރޭތީ ވަރިކުރިޔަސް އަދި ވަރިވިޔަސް އެކަންވާނީ އެންމެ ބޮޑު
ރަޙްމަތަކަށް!

މީހަކު ދެކެ ކިތަންމެ ލޯބިވި ނަމަވެސް އެއްވެސް މީހަކަށްޓަކައި ދީނުގަ ޙަރާމްކަމެއް ނުކުރާށެވެ! މިއަދު ވާ ލޯބި މާދަމާވެސް ބިލާހަކަށްވެ ލޯބިވެރިޔާ ވަކިވެދާނެއެވެ. ކައިވެނި ރޫޅުމުން އެ ކައިވެނި ނިމުނީއެވެ! ނަމަވެސް މަރުވާން ޖެހުމާއި ބަރުޒަޚުގެ ޢާލަމާއި އާޚިރަތް ދުވަހުގެ ހިސާބު ބެއްލެވުމުން ސަލާމަތެއް ނުވެވޭނެއެވެ!  

ލޯބިވެގެން އުޅޭއިރު ލޯބިވެރިޔާ އެދޭތީ ނުވަތަ ޙަޔާތުގެ ބައިވެރިޔާއެދޭތީ އޭނާ ރުއްސަން އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވާ ކަންކަން ބައެއް މީހުންނަށް އެބަކުރެވެއެވެ. އަދި ކައިވެންޏަށްފަހުންވެސް އެބަކުރެވެއެވެ. މިއީ ވަރަށް ދެރަކަމެކެވެ.  

ތިމާ އެންމެ ބޮޑަށް ލޯބިވާންޖެހޭނެ މައިންބަފައިންނަށްވެސް އަދި ފިރިމީހާއަށްވެސް ކިޔަމަންތެރިކަން އަދާކުރުން އޮތީ އިސްލާމް ދީނުގައިވާ އިންތަކުގެ ތެރެއިންނެވެ. އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން ބުނެފިނަމަ އޮތީ ތިމަން ﷲ ތަޢާލާއަށް ބިރުވެތިވާކަމަށް ބުނެ އެކަމެއް ނުކުރުމެވެ.  

ކައިވެނިކުރުމުން ކުރަން ހުއްދަވާ އެއްވެސް ކަމެއް ކައިވެނީގެ ކުރިން ކުރަން ދެމީހުންކުރެ ކޮންމެ މީހަކު ބޭނުންވިނަމަވެސް އޮތީ އެކަމަށް ދެކޮޅުހަދައި އިންކާރުކުރުމެވެ. އަދި ކައިވެންޏަށްފަހުގައިވެސް އޮތީ ޙަރާމްކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ.  

މިޘާލަކަށް ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން، ލިވާޠުކުރުން، އިތުރު މީހަކު ބައިވެރިކޮށްގެން ޖިންސީ ގުޅުން ހިންގުން، ބަރަހަނާ މަންޒަރުތަކާއި ފިލްމް ބެލުން ފަދަ ކަންކަމަކީ ފިރިމީހާ ބޭނުންވިޔަސް އަދި އަނބިމީހާ ކުރަން ބޭނުންވިޔަސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.  

މިފަދަ ފާފައެއް ކުރަން ބުނުމުން އިންކާރުކޮށްގެން ކައިވެނި ރޫޅުނަސް ކަންބޮޑުވުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ފާފައެއް ކުރުން ދޫކޮށްލައިފި މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެމީހަކަށް ދެއްވަވާނެ ނިޢުމަތްތައް މާގިނަވާނެއެވެ.  މާތަނަވަސްވެފައި ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ. މިއީ ﷲ ތަޢަލާގެ ވަޢުދުބަސްފުޅުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން