ދެމަފިރިން އެކަނި ތަނެއްގައި ދިރިއުޅޭއިރު ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިނަމަވެސް އެނގޭނެ އިތުރު މީހަކު ނުހުންނާނެ ކަމަށެވެ. އެގޮތަށް ވިސްނައިގެން ބައިވެރިޔާއަށް ނުބައިކޮށް ކަންކަން ކުރާ މީހުންނަށް އެހެދެނީ އެންމެ ބޮޑު އެއް ގޯހެވެ. ނުބައިބަސްތައް ބުނެ އަނިޔާވެރިވާނަމަ އެކުރެވެނީ އެންމެ ނުބައި ކަންތަކެވެ.
އެފަދަ މީހުންގެ ވިސްނުމުގައި ތެދެއްވެސް އެބަހިމެނެއެވެ. ދެމަފިރިން އެކަނި ގޭގައި ތިބެގެން ކޮންމެ ކަމެއް ކުރިނަމަވެސް އެތަނުގައި ބަލާނެ، އަޑު އަހާނެ މީހަކު ނެތުމުން އިތުރު މީހަކަށް ނުއެނގިދާނެއެވެ. ކުރާ ކަންކަން ނުފެނިދާނެއެވެ. ބުނާ ބަސްތަކުގެ އަޑުވެސް ނުއިވިދާނެއެވެ.
އެހެނަސް ކޮންމެ މީހަކު، ކޮންމެ ތަނެއްގައި ހުރެ ކިތަންމެ ސިއްރުން ކުރި ނަމަވެސް މީސްތަކުން ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވެއެވެ. އައްސަވައިވޮޑިގެންވެއެވެ. މަލާއިކަތުން އެމީހާގެ ފަތުގައި ލިޔުއްވަވަތެވެ.
ދެން ނިކަން ބުނެބަލާށެވެ! ދެމީހުން އެކަނި ދިރިއުޅޭ ގެއެއްގައި އެކަނި ތިބެގެން ނަމަވެސް ނުބައި ކަންކަން ކުރާނަމަ އެބަ ސިއްރުވޭހެއްޔެވެ؟ ޤިޔާމަތް ދުވަހު ސަލާމަތްވެވޭނެ ހެއްޔެވެ؟
ވީމާ ދެމަފިރިންގެ މެދުގައި ނަމަވެސް، އެހެން މީހަކާއި ނަމަވެސް އެކަކު އަނެކަކާ ވާހަކަދައްކާއިރުވެސް، މުޢާމަލާތުކުރާއިރުވެސް ﷲ ބައްލަވައިވޮޑިގެންވާ ކަމާއި އައްސަވައި ވޮޑިގެންވާކަން ހިތުގައި ބާއްވާށެވެ! ބަސް ބުނި ނަމަވެސް އަމަލެއް ކުރި ނަމަވެސް އެކަމަށް ބިރުވެތިވާށެވެ!
ދެމަފިރިންނަށް އެކަނި ދިރިއުޅެވޭނެ ގޮތް ވެއްޖެނަމަ އޮތީ ބައިވެރިޔާއަށް އަނިޔާވެރިވުމެއް ނޫނެވެ. އެބޮޑު ރަޙްމަތް މިންވަރުކުރެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. އަދި ޝުކުރުވެރިވާން ކުރަން އޮތް ކަމަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ދެމަފިރިން ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދިރިއުޅުން ދާނީ ކުރިއަރަމުންނެވެ. އިން ޝާ ﷲ
ތަކުރާރުކޮށްލާނަމެވެ! ދެމަފިރިން ވަކިން ދިރިއުޅުމަކީ ބައިވެރިޔާއަށް އަނިޔާކުރަން ހުއްދަވާ ސަބަބެއް ނޫންނެވެ! އޯގާތެރިވެ ހެޔޮކޮށް ހިތުނަ އިތުރުކުރަންޖެހޭ ސަބަބެކެވެ. ނޫންނަމަ ދެއްވަވާ ޢަޛާބް ގަދަފަދަ ވާނެއެވެ! އެއީ އޭނާގެ ހުރިހާ ޒިންމާތައް އުފުލަންޖެހޭނެ މީހާކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން