ޢީދު ދުވަސް އައުމުން އޮތީ އުފާކުރުމެވެ. އެކަމަކު އުފާކުރަންވީ ގޮތާއި އުފާކުރުމުގެ ތެރެއިން ހޯދެން އޮތް އެންމެ ބޮޑު ކާމިޔާބީ ގިނަބައަކު ހަނދާނެއް ނުކުރެއެވެ. އެހެންވެ ގިނަ ބައަކު ހަދަނީ ޢީދު ދުވަހަކީ ތިމާއަށް އެންމެ ބޮޑަށް ގެއްލުން ދެވޭ ދުވަހަކަށެވެ.
މީސްތަކުންނޭވެ! ޢީދުގެ އުފާ ޙާޞިލްކުރަން އޮތީ ދީނުގައިވާ މަގުންނެވެ. ފުރަތަމަ ކަމަކަށް ދީނުގައި އޮތްގޮތަށް ފޭރާންލާށެވެ. އައު ހެދުމެއް ނެތްނަމަ ސާފުތާހިރު ފޭރާމެއްލާށެވެ! އެންމެ މުހިންމު ކަމަކީ ދީނުގައި އޮތް މިންވަރަށް ނިވާވުމެވެ.
ދެވަނަކަމަކީ ކުޅިވަރުކުޅުމުގައިވެސް ކުޅިވަރު ބެލުމުގައިވެސް ދެޖިންސުން މަސްހުނިނުވުމެވެ. ހުއްދަނޫން މީހެއްގެ ގައިގައި ނުބީހުމެވެ.
ތިންވަނަކަމަކީ މިއީ ކައިބޮއިހެދުމާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގެ ދުވަސް ކަމަށް ހެދުމެވެ. ވީހާ ގިނައިން ޛިކުރުކުރާށެވެ. ބޭކާރު ވާހަކަތައް ދެއްކުމާއި ނެތޮމޮށުން ފަދަ ފާފަވެރިވާނެ ވާހަކަދެއްކުމުން ދުރުހެލިވާށެވެ!
ހަތަރުވަނަ ކަމަކަށް ބައްދަލުވާ މީހުންނަށް ސަލާމްގޮވާށެވެ! ދަންނަ މީހުންނާއި ނުދަންނަ މީހުންނަށްވެސް ހިނިތުންވެ ހުރެ ސަލާމް ގޮވާށެވެ!
ފަސްވަނަ ކަމަކަށް ޢާއިލާގެ މީހުންނަށް ޒިޔާރަތްކޮށް ޙާލުބަލާށެވެ. ދަތިޙާލުގައި މީހަކު ހުރިނަމަ އެހީތެރިވެދޭށެވެ.
ދެން މިބުނަނީ އެންމެ މުހިންމު ކަންތަކެވެ. އެއީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމެވެ. ޢީދުނަމާދުކުރާށެވެ! ޢާއިލާގެ އެންމެން އެކުގައި ޢީދުނަމާދަށްދާށެވެ. ތަކްބީރުކިޔުން ގިނަކުރާށެވެ.
މިމަގުން ޢީދުގެ އުފާވެރިކަން ލިބިގަންނަން މަސައްކަތްކޮށްފިނަމަ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުއްލަވާނެތެވެ. މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން