އަނބިމީހާ ނުކިޔަމަންތެރިވާނަމަ ނަޞޭޙަތްދޭށެވެ!
ނަޞޭޙަތް ޤަބޫލު ނުކުރިނަމަ ދީނުގައި އޮތް ރިވެތިމަގުން އަނބިމީހާ ދޫކޮށްލެވިދާނެއެވެ. ނަމަވެސް އަންތބެއްގެ ގޮތުގައި ބައިންދާނަމަ ޖެހޭނީ ރަނގަޅު ގޮތުގައި ބަލަހައްޓާށެވެ! އަންތބެއްގެ ގޮތުގައި ބައިންދައިގެން އެކަން ނުކުރުމަށް އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ.
މައިންބަފައިން ގިނަގިނައިން ޝަކުވާކުރުމާއި ދަރިން ބަސް ނުއެހުމާއި އަނބިން ނުކިޔަމަންތެރިވުމަކީ ބަހަނާއަކަށް ހަދައި ތިމާއުފުލަންޖެހޭ ޒިންމާތަކުން ބަރީޢަވާން މަސައްކަތް ނުކުރާށެވެ! އެކަމެއް ނުކުރެވޭނެއެވެ!
ދެން އޮތީ މައިންބަފައިންނާއި ދަރިންގެ މައްސަލައެވެ. އެ ޒިންމާތަކުން ރެކެވޭނެ އެއްވެސް ގޮތެއް އިސްލާމް ދީނަކު ނެތެވެ. އޮތީ ރަނގަޅު ގޮތުގައި ޒިންމާތައް އުފުލުމެވެ. އެކަންކަމަށް ބުރަ އުފުލަން ޖެހުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! ބުރަ އުފުލަން ޖެހޭ ވަރަކަށް ދެއްވަވާ ޘަވާބު އިތުރުވާނެއެވެ! އިން ޝާ ﷲ.
ވިސްނާށެވެ! ބައެއް މީހުން ވަރަށް ގިނައިން އަޅުކަން ކުރެއެވެ. ނަމަވެސް ޢާއިލީ ޒިންމާތަކެއް ނުނަގައެވެ. މައިން ބަފައިންނާއި އަނބިދަރިން ބެލެހެއްޓުމުގައި ވަނީ ފޭލްވެފައެވެ. އެކަންކަމަށް އަޅައިލުން ވަރަށް ކުޑައެވެ.
މީސްތަކުންނޭވެ! އެ ޙާލަތުގައި އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއް ނޫނެވެ. އެހެނީ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ އަމުރުފުޅުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމުގެ ހުއްދަ ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. އަނބިދަރިންނާއި މައިންބަފައިން ބަލަހައްޓަން އަމުރުފުޅު ކުރެއްވެވީ ވެސް ހަމަ ﷲ ތަޢާލާއަށް އަޅުކަން ކުރަން އަމުރުފުޅެއްވެވި ﷲ ތަޢާލާއެވެ.
ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ނުވަތަ ގުޅުން ބަދަހިކުރުމަށް އެކަނި ބަލައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެހެނީ އެކަމުގައި ހިމެނެނީ އެމީހާ އެކަނި ކަމަށްވާތީއެވެ. ނަމަވެސް އިންސާނުންނާއި ގުޅުން ބަދަހިކުރުމަށް ބަލައިފިނަމަ އެއީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އެކަމުގައި ޝާމިލުވާ ދެވަނަ ފަރާތަކީ އިންސާނަކަށް ވުމުން އެމީހެއްގެ ކިބައިގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. މައިންބަފައިންނާއި އަނބިދަރިން ބެލެހެއްޓުމުގެ ޒިންމާ އަހަރެމެންނާއި ޙަވާލުކުރައްވަވާފައި އެވަނީ މިފަދަ ހުރިހާ ކަމެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގަތުމާއިއެކުގައެވެ.
- ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން