ހުކުރު ދުވަހާއިމެދު ޣާފިލުނުވާށެވެ! ޙާޞިލުކުރެވެންހުރި ނިޢުމަތްތައް މާގިނައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހުކުރު ދުވަހާއިމެދު ޣާފިލުނުވާށެވެ! ޙާޞިލުކުރެވެންހުރި ނިޢުމަތްތައް މާގިނައެވެ!

ލޮބުވެތި އަޚުންނާ އުޚުތުން ހޭލުންތެރިވާށެވެ! މީހަކު ޞަދަޤާތެއް ކުރަން އުޅޭއިރަށް އެކަމުގެ ސަބަބުން އެމީހަކަށް މަދުވެދާނެ ކަމުގެ ބިރު ޝައިޠާނާ ދައްކާނެއެވެ. ކުރަން ބޭނުންވެ ނުކުރެވިހުރި ކަންކަން މަތިން ހަނދާންކޮށްދޭނެއެވެ. ފަޤީރު ވެދާނެ ކަމުގެ ބިރުވެސް ދައްކާނެއެވެ.  

މިއީ ހަމަ ޝައިޠާނާގެ އާދައެވެ. ނަމާދުގައި ހުންނައިރުވެސް ކުރަންޖެހޭ، ނުކުރެވި ހުންނަ ކަންކަން މަތިން ހަނދާންކޮށްދޭނެއެވެ. ސަލާމް ދިނުމަށްފަހު ޛިކްރްތަޞްބީހަ ކިޔައި ރަވާތިބު ސުންނަތް ކުރަން މަޑުނުކުރަން ބުނާނެއެވެ. ސަލާން ދޭއިރަށް އަވަހަށް މިސްކިތުން ފައިބައި ދިރިއުޅެން ކުރަން ހުރި މަސައްކަތްތައް ކުރަން އަވަސްވެގެންނަން ބުނާނެއެވެ.  

މީސްތަކުންނޭވެ! ހުކުރު ނަމާދު ނިމިގެން ވަގުތުން މިސްކިތުން ނުފައިބާށެވެ! ކުރަން ހުރި ހެޔޮ ކަންކަން ކުރާށެވެ! ޛިކްރް ތަޞްބީޙަ ކިޔައި ރަވާތިބު ސުންނަތުގެ 2 ރަކްޢަތް ކޮންމެހެންވެސް ކުރާށެވެ! ރަނގަޅީ 4 ރަކްޢަތް ކުރުމެވެ. (2 ރަކްޢަތް ގޭގައިވެސް ކުރެވޭނެއެވެ) ސުންނަތްކަން ގަދަވެގެންވަނީ 4 ރަކްޢަތުގެ ތެރެއިން 2 ރަކްއަތް ގޭގައިކުރުމެވެ. ނަމަވެސް ގޭގައި ނުކުރެވޭނެ ނަމަ މިސްކިތުގައި ކުރާށެވެ. އަދި އެދޭ ކަންކަމުގެ ވާހަކަ ދަންނަވައި އެކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރާށެވެ!  

އަދި ކަހްފި ސޫރަތް ނުކިޔެވި އޮތްނަމަ ކިޔަވައި ނިންމައިލާށެވެ! މިކަންކަމަކީ ލަސްކޮށްފިނަމަ ނުކުރެވުމުގެ ފުރުޞަތު ކައިރި ކަންކަމެވެ. މިސްކިތުން ފައިބައިފިނަމަ ދެން ކުރަން ހުންނަ ކަންކަން ގިނަވެ މިކަންކަން ނުކުރެވިދާނެއެވެ.  

މީސްތަކުންނޭވެ! ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލޭށެވެ! ބަނޑުފުރާނަ މުއްތިކުރާނެ ވަރަށްވުރެ އިތުރަށް އެންމެ ކުޑަމިނުން ކަދުރު އޮށެއް އޮތް ނަމަވެސް ޞަދަޤާތްކުރާށެވެ! ބޭނުން ޖެހިފައި ހުރި ގާތް ތިމާގެ މީހަކަށް ނަމަވެސް މެއެވެ. ހުކުރު ދުވަސް ނިމިގެންދާއިރު ޞަދަޤާތެއް ނުކޮށް ދޫކޮށް ނުލާށެވެ! ހޭދަކުރާނެ އެއްޗެއް އަތުގައި ނެތް ނަމަ މީހަކަށް ހެޔޮ ކަމެއް ކޮށްދީގެން ނަމަވެސް ޞަދަޤާތެއް ލިބިގަންނާށެވެ. ކުރާ މަސައްކަތަކުން ނަމަވެސް މީހަކަށް މުހްތާދެއް ފުއްދައިދިނުމަކީވެސް ޞަދަޤާތެކެވެ.  

"ފަޤީރު ވެދާނޭ ކަމުގެ ބިރުން، ތިއަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠާނާ  ތިއަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ، ތިއަބައިމީހުންނަށް ވައްދު ކުރައްވަވަނީ، އެކަލާނގެ ޙަޟްރަތުން ތިއަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލްވަންތަ ކަމަށެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ބަޤަރާ: 268) 

އަދި މިރޭވެސް އެއްކަމެއް ހަނދާންކޮށްލައިދޭނަމެވެ. އެއީ ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަ ކުރެއްވެވުމުގެ ވަޤުތުކޮޅުގެ ވާހަކައެވެ. އެއީ ކޮން ވަޤުތުކޮޅެއްކަން ޔަޤީން ނުވިނަމަވެސް ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ އެ ވަޤުތުކޮޅު ވަނީ ޢަޞްރުގެ ފަހާއި މަޣްރިބް ވުމުގެ ކުރިން ކަމަށެވެ. ވީވަރަކުން ދުޢާކުރުން ގިނަކުރާށެވެ! އެ ވަޤުތުކޮޅާއި ދިމާކޮށް ދުޢާކުރެވިއްޖެނަމަ ވަޤުތުން ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން