ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަން އޮތީވެސް ތަރުތީބަކުންނެވެ. ވަކިކަމެއް ނޫނެވެ. ހުރިހާ ކަމެކެވެ. އެހެނަސް މިއަދު ގިނަ ބައަކަށް ވަނީ އެކަން އޮޅިފައެވެ. އެހެން ބުނަން މިޖެހެނީ ﷲ ތަޢާލާގެ ތަރުތީބުދޫކޮށްލައި އަމިއްލައަށް ތަރުތީބުކުރާތީއެވެ. އެކަމުގެ ނަތީޖާ ހިތިވާއިރު އެކަންވެސް ހަމަ ނުވިސްނެނީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އިސްރާއީލްގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، ﷲއަށް މެނުވީ ތިއަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިއަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިއަބައިމީހުން ދެކޮޅުވެރިވެގެންވާ ޙާލް، ތިއަބައިމީހުންގެ ތެރެއިން މަދު ބައަކު މެނުވީ (ޢަހްދު ފުއްދުމަށް) ފުރަގަސްދިނީއެވެ."
(ބަޤަރާ: 83)
1 ﷲއަށް މެނުވީ އަޅުކަން ނުކުރުން
2 މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުން
3 މީސްތަކުންނަށް ހެޔޮބަސްބުނުން
4 ނަމާދު ޤާއިމުކޮށް އަދި ޒަކާތް ދޭށެވެ!
އެއްވެސް ޝައްކެއް ނެތެވެ. ފުރަތަމަކަމަކަށް މުސްލިމުންނަށް އޮތީ ﷲ ތަޢާލާއަށް އީމާންވުމާއި ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ.
ނަމާދަކީ ސުވަރުގެ ވަނުމުގެ މައި ތަޅުދަނޑިކަމަށްވީއިރުވެސް ނަމާދުކުރުމުގެ ވާހަކަ މިއާޔަތުގައި މިއޮތީ 4 ވަނަ އަށެވެ. އެއިގެ ކުރިއަށް 3 ކަންތައް އޮތުމަށްފަހުގައެވެ.
މީސްތަކުންނޭވެ! އެއީ އެއްވެސް ނަމާދުކުރުމުގެ މުހިންމުކަން ކުޑަވުމެއް ނޫނެވެ. އަހަރެމެންނަށް އެނގިގެން މިދަނީ ހަމައެކަނި ނަމާދުކުރުމަކުން ނުފުދޭނެ ކަމެވެ. ނަމާދުކުރާ މީހާއަކީ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތާ މީހަކަށް ވާންޖެހޭނެ ކަމެވެ. ހަމަ އެއާއިއެކު މީސްތަކުންނަށް ހެޔޮބަސްބުނާ މީހަކަށްވެސް ވާން ޖެހޭނެ ކަމެވެ. މިކަންކަމަކީ ﷲ ތަޢާލާއަށް އަހަރެމެން ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ކަމެވެ. އަހަރެމެންގެ މައްޗަށް އޮތް މތިވެރި ވާޖިބެއް ކަމެވެ.
އަހުރެން ބުނާނީ މިއާޔަތުގަ މައިންބަފައިންނަށް ދެއްވަވާފައިވާ ޤަދަރުގެ މަތިވެރިކަމާއިމެދު ވިސްނައިލެވޭނަމަވެސް އެމީހުންގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކުރާނެކަމަށެވެ. އަބަދުވެސް ދަރިން ތިބޭނީ އެމީހުންގެ ޚިދުމަތުގައި ކަމަށެވެ.
"މީސްތަކުންނަށް ހެޔޮބަސްބުނާ މީހަކަށްވެސް ވާން ޖެހޭނެ" ކަމަށް އޮތް އޮތުމާއިމެދު ކުޑަ ބަހެއް ބުނެލާނަމެވެ. އެހެނީ މިހާރަކަށް އައިސް ކިތަންމެ ކުޑަނަމަވެސް ހިތް ހަމަނުޖެހޭ ކަމެއް މެދުވެރިވެއްޖެ ނަމަ ބޭނުންހައި ބަސްތަކެއް ދުލުން ބުނެލުން މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. ނަމަވެސް އެކުރެވޭ ކަމަކީ ކަނޑައެޅިގެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅާއި ދެކޮޅުވުމެވެ. ވީމާ ހަމަ އެއްވެސް މީހަކާއި ހިތަށް އެރިބަސްތައް ނުބުނާށެވެ. ކިތަންމެ ގަދައަށް ރުލި އައި ނަމަވެސް ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން