ކޮންމެ ދަރިއަކީވެސް އޭނާގެ މައިން ބަފައިން ބަލަހައްޓަންޖެހޭނެ ދަރިއެކެވެ. އެހެންކަމާއިއެކުވެސް އެކަމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭ ދަރިންވެސް ތިބޭނެއެވެ.
މިޘާލަކަށް މައިންބަފައިންގެ ހުރީ އެންމެ ދަރިއަކު ކަމަށްވެސް ވެދާނެއެވެ. އަދި މަންމަ އަކީ ބަލިޙާލުގައި އުޅޭ މީހަކަށްވާއިރު ހުރީ އެންމެ އަންހެން ދަރިއަކަށްވެސް ވެދާނެއެވެ. މިފަދަ ޙާލަތްތަކުގައި ކައިވެނިކުރިނަމަވެސް މައިންބަފައިން ދޫކޮށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ވީމާ ކިތަންމެ ބޮޑަށް މީހަކު ދެކެ ލޯބިވެވުނަސް މައިންބަފައިންގެ ޒިންމާ އުފުލައިދޭން އެމީހަކު ތައްޔާރަށް ނެތްނަމަ އެމީހަކާއި ކައިވެނިކުރުން ވާނީ ކުރެވޭ ރަނގަޅުކަމަކަށް ނޫނެވެ. ޒިންމާ އުފުލައިދިނުން ކަމަށް މިބުނަނީ ހުރިހާ މާނައެއްގައެވެ. މައިންބަފައިން ބަލަން ގާތުގައި ހުރުމަށް ހުރަސް ނުއެޅުމާއި އަދި މާލީ ދަތިކަމުގައި އުޅެންޖެހިފައިވާނަމަ މާލީ ގޮތުންވެސް އެހީތެރިވެދިނުމެވެ. ކައިވެނިކުރުމަށްފަހު އެއީވެސް ހަމަ ތިމާގެ އަމިއްލަ މައިންބަފައިން ކަމުގައި ޤަބޫލުކުރުމެވެ.
ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ކައިވެނި ކުރުމުގެ ކުރިން ބަލަންވީ ތިމާ ދެކެ ލޯބިވާނެ މިންވަރަކަށް ނޫނެވެ. އެހެން ކައިވެންޏެއްގައި ދަރިން ލިބިފައިވާނަމަ އެދަރިންނާއި ތިމާގެ މައިންބަފައިން ދެކެ ލޯބިވާނެ މިންވަރަށެވެ! ތިމާއަށް ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބުނު ނަމަވެސް ދަރިންނަށާއި މައިންބަފައިންނަށް ހިތާމަކުރަން ޖެހިއްޖެ ނަމަ އާޚިރަތް ދުވަހު ސަލާމަތްކަން ލިބުމަށް ހުރަސްތައް ކުރިމަތިވާނެތީއެވެ!"
ގިނަފަހަރު މިމައްސަލަ ކުރިމަތިވާނީ އަންހެނުންނަށެވެ. އެއީ ކައިވެނިކުރުމުން އޭނާގެ ބެލެނިވެރިކަން ފިރިމީހާގެ މައްޗަށް ފުރޮޅިގެންދާނެތީއެވެ. އޭނާގެ ކިޔަމަނުގައި ދިރިއުޅެންޖެހޭނެތީއެވެ. ފިރިމީހާގެ ނުރުހުމުގައި މައިންބަފައިންނަށް އެހީތެރިވާން އުޅެފިނަމަ މައްސަލަތައް ކުރިމަތި ކުރުވާނެތީއެވެ.
ވީމާ މިބަޔާންކުރި ފަދަ ޙާލަތުގައި މައިންބަފައިން ބަލަހައްޓަންޖެހިފައިވާނަމަ ކައިވެނީގެކުރިން އެކަމަށް މަޝްވަރާކުރަންވާނެއެވެ. ކައިވެނިކުރަންވާނީ މައިންބަފައިންނަށް ޚިދުމަތްކުރަން ހުރަސް ނޭޅޭނެ ގޮތަށެވެ.
މިމައްސަލައަކީ މުސްލިމުންގެ މެދުގައި އޮވެގެންވާނެ މައްސަލައެއް ނޫނެވެ. އެހެނީ ދެފަރާތުގެ މައިންބަފައިންނަށް އެހީތެރިވެދީ ބެލެހެއްޓުމަކީ ﷲ ތަޢާލާ ނުހަނު ގިނަގުނަ ޘަވާބު ދެއްވަވާ ކަމެކެވެ. އެހެންކަމާއިއެކުގައިވެސް މިފަދަ މައްސަލަތައް ކުރިމަތިވާކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކޮންމެ ދެމަފިރިއަކުވެސް މަސައްކަތްކުރަންވީ ދެމީހުންގެ ޢާއިލާއަށްވެސް އެހީތެރިވެދިނުމަށެވެ. އެކަމަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ޘަވާބުގެ ބޭނުމުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން