ދަރިންނާ ދެމަފިރިންގެ މުސްތަޤްބަލަށްޓަކައިވެސް ދައްކައިގެން ނުވާނެ ވާހަކައާ ދެއްކީމަ ފައިދާކުރާނެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަރިންނާ ދެމަފިރިންގެ މުސްތަޤްބަލަށްޓަކައިވެސް ދައްކައިގެން ނުވާނެ ވާހަކައާ ދެއްކީމަ ފައިދާކުރާނެ ވާހަކަ-

އަހުރެމެންގެ ތެރެއިން ގިނަބައަކަށް އެންމެ ގޯސްކޮށް ކުރެވޭ އެއްކަމަކީ އެކުވެރިންގެ ތެރެއިން ނުވަތަ ޢާއިލާގެތެރެއިން ނަމަވެސް އެންމެ ގޯސްކޮށް އުޅޭ، އެންމެ ބޮޑަށް މައްސަލަޖެހޭ މީހުންގެ ވާހަކަ ދެއްކުމެވެ.

މިވެނި މީހަކު އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމިހާއަށް މިވެނި ގޯސްކަމެއް ކޮށްފި ކަމުގެ ވާހަކަ ދެއްކުމެވެ.  

ގޯސްކޮށް ކަންކަން ކުރާ މީހުންގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާކަށް ނުބުނަމެވެ. އަނެކާއަށް އަނިޔާވެރިވާކަން އެނގިއްޖެނަމަ އެވާހަކަ ދައްކަންވެސް ޖެހެއެވެ. އެކަން ހުއްޓުވަން މަސައްކަތްކުރަންވެސް ޖެހެއެވެ. މިބުނާ ވާހަކައަކީ އަހުރެމެން ގިނައިން ދައްކަންވީ ރަނގަޅަށް އުޅޭ މީހުންގެ ވާހަކައެވެ. ޙަސަދަލުމެއް ނެތިއެވެ. އެހެނީ އަހުރެމެންގެ ދިރިއުޅުމަށް ފައިދާކުރާނީ ރަނގަޅަށް އުޅޭ މީހުންގެ ވާހަކަ ފަތުރައި އަދި އެގޮތަށް އުޅެން މަސައްކަތްކުރުމުންނެވެ.  

ހިތާމައަކީ ފޮތްތަކަށް ބެލިނަމަވެސް އެންމެ ގިނަ ބައަކު ކިޔާނީ، ފިލްމްތަކަށް ބެލިނަމަވެސް އެންމެ ގިނަ ބައަކު ބަލާނީ ނުބައިކޮށް ކަންކަން ކުރާ މީހުންގެ ވާހަކަތަކުގެ މައްޗަށް ކުޅެފައިވާ ފިލްމްތަކެވެ. މިއީ ޝައިޠޯނާ އުފައްދުވާފައިވާ ވަރަށް ނުބައި ޓްރެންޑެކެވެ.  

ނަތީޖާއަކީ ގޭގައި ތިބޭ ކުޑަކުދިންނަށްވެސް ފުރަތަމަވެސް ދަސްވަނީ ނުބައިކޮށް މީހުން ކުރާ ކަންކަމެވެ. ނުބައިކޮށް އުޅޭ މީހުން އުޅޭ ގޮތެވެ. އެކުދިން ބޮޑެތިވެ މީހަކާއިމެދު ހިތްހަމަނުޖެހިއްޖެނަމަ ޢޭނާއަށް ލަނޑު ނުވަތަ ދެރަދޭން ކުރަންވީ ކަންތައް އޮންނަނީ ސިކުނޑީގައި ބިންވަޅު ނެގިފައެވެ. ކޮންމެ މީހެއްގެ ގާތުން ދަސްކުރަންޖެހޭ ކަމެއް ނުއޮވެއެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެންގެ ދަރިންނަށް ދަސްކޮށްދޭންވީ ރަނގަޅަށް ކަންކަންކުރާށެވެ! ލޯބިން ދިރިއުޅޭށެވެ. އެންމެންނަށް އިޙްތިރާމްކުރާށެވެ. އަދި އަހުރެމެންވެސް ދަސްކުރަންވީ ހަމަ އެކަންކަމެވެ.  

އެކަން ޙާޞިލްކުރެވޭނީ މީހުންކުރާ ނުބައި ކަންކަމުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅަށް ކުރާކަންކަމުގެ ވާހަކަ ދައްކައިގެންނެވެ. ރަނގަޅު ގޮތުގައި ދިރިއުޅޭ މީހުންގެ ވާހަކަދައްކައިގެންނެވެ. މައްސަލަ ނުޖެހި ލޯބިން ދިރިއުޅޭ ދެމަފިރިންގެ ވާހަކަދައްކައިގެންނެވެ. އެހެނަސް ޙަސަދަ ނުލައެވެ. ހެޔޮދުޢާކުރަމުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން