އިންސިއަކަސް ޖިންނިއަކަސް އެއްވެސް ޝައިޠޯނަކަށް ދެމަފިރިންނާއި ވައިވެސް ނުއެޅެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އިންސިއަކަސް ޖިންނިއަކަސް އެއްވެސް ޝައިޠޯނަކަށް ދެމަފިރިންނާއި ވައިވެސް ނުއެޅެވޭނެ ގޮތް!

ބައެއް މީހުންނަށް ކައިވެނި މާނަކުރެވެނީ ކައިވެނިކުރުމުން އަތަށްދޭ ސެޓުފިކެޓާއި އެއިގަ ޖަހާ ތައްގަނޑު ކަމުގައެވެ.

ހަޤީޤަތުގައި ކައިވެންޏަކީ އެއަށްވުރެ މާމުހިންމު ކަމެކެވެ. ކައިވެނީގެ ސެޓުފިކެޓު ބޭނުންވަނީ ދެމަފިރިންކަން އެހެން ބައަކަށް ޔަޤީންކޮށްދޭން ޖެހިދާނެ ޙާލަތަށެވެ!  

ޙަޤީޤީ ކައިވެންޏަކީ ކައިވެނި ދަމަހައްޓަން ދެމީހުން ވެފައިވާ ވައުދުތައް އެގޮތުގައި ދެމެހެއްޓުމެވެ! ކުރިން ވީ ވަޢުދުތައް ﷲ އަޑުއައްސަވައިވޮޑިގެންވެއެވެ! އެހާ ފަސޭހައިން ކައިވެނި ރޫޅެނީ އެކަން ޤަބޫލު ނުކުރެވޭތީއެވެ!  

ކައިވެނީގެ ސެޓުފިކެޓަކީ ކައިވެނިކުރިކަން ބަޔާންކުރާ ރަސްމީ ލިޔުމެކެވެ. ކައިވެނި ދެމެހެއްޓުމަށް އޮތް ބާރަކީ އެކަރުދާހެއް ނޫނެވެ. ކައިވެނިކޮށްދޭން ފަށަނީ ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ ނަންފުޅުންނެވެ. ވީމާ ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރުކަމަށް ހަދަންޖެހޭނީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދެމީހުން ގުޅުނު ގުޅުން ދެމެހެއްޓުމެވެ.  

ދުނިޔަވީ އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދެމީހުން ގުޅުނު ގުޅުން ދަމަހައްޓަން ދެމީހުން މަސައްކަތްކުރާހައި ހިނދަކު އެކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ޝައިޠޯނާއަކަށް ދެމެދަކަށް ނުވަދެވޭނެތެވެ. އިން ޝާ ﷲ  

ދެމީހުންވެސް ވިސްނަންވީ ބާލިޣްވެ ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ އަވަހަށް ކައިވެނިކުރުމަށް ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގެންވާކަމެވެ. އަދި ކައިވެނި ކުރުމުގެ ދީނުގެ ދެއެއްބައި ފުރިހަމަވީކަމަށް ޙަދީޘްފުޅުގައި އެބައޮތްކަމެވެ. އަދި ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަމަކީ ވަރިކަމުގައިވާކަމެވެ.  

މިބަޔާންކުރި 3 ކަންތަކުންވެސް އެނގިގެންދަނީ ކައިވެނި ރޫޅާލަން އިސްނެގުމުގެ ކުރިން މި 3 ކަންތަކަށް ވިސްނަންޖެހޭނެކަމެވެ. ކައިވެނިރޫޅާލަންޖެހޭނީ އެނޫން އެހެން އެއްވެސް ގޮތެއް ނެތުމުން އެންމެ ފަހު ދެން އެހެން ގޮތެއް ނެތުމުން ކަމެވެ. އަދި މައްސަލައެއް ޖެހުނަސް ކައިވެނި ދަމަހައްޓަން މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. އިން ޝާ ﷲ   

ވަރަށް ޔަޤިންކަމާއިއެކު ބުނަމެވެ.! ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދެމީހުން ގުޅުނު  ދަމަހައްޓަން ދެމީހުން ( ތަކުރާރުކޮށްލާނަން- ދެމީހުން) މަސައްކަތްކުރާހައި ހިނދަކު އެކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ޝައިޠޯނާއަކަށް ދެމެދަކަށް ނުވަދެވޭނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން