ނަމާދުކުރާއިރު ސަޖިދައިގަ އޮވެވެނީ ރަނގަޅަށްކަން ޔަޤީންކުރަންޖެހެއެވެ.
ނަމަވެސް މި ޙަދީޘްފުޅު ގިނަބައަކަށް ނުއެނގޭތީ ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މި ޙަދީޘްފުޅަށް ޢަމަލުނުކުރާކަން ފާހަގަކޮށް މީގެކުރިންވެސް އެތައް ފަހަރަކު ވާނީ ޙަނދާންކޮށްދެވިފައެވެ. އަދިވެސް އިޞްލާޙް ނުކުރާ ބައަކު ނަމާދުކުރާކަން ފާހަގަކުރެވޭތީ އަދިވެސް ހަނދުމަކޮށްލައިދެމެވެ.
ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. "ތިއަބައިމީހުން ސަޖިދައިގަ ސީދާވާށެވެ! ތިއަބައިމީހުންގެ ތެރެއިން އެކަކުވެސް، ކުއްތާ އޭގެ ދެއަތްދަނޑި ދަމާލާފަދައިން (ސަޖިދައިގަ) ދެއަތްދަނޑި ނުދަމާށެވެ." (ޞަޙީޙް މުސްލިމް:493)
އަދިވެސް ޙަދީޘް ކުރައްވަވާފައިވެއެވެ.
"ރުކޫއާ ސުޖޫދުގައި މައިބަދަ (ބުރަކަށި) ސީދާ ނުކުރާނަމަ ﷲ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ." (ސުނަން ތިރްމިޛީ: 2/52)
ގިނަ މިސްކިތްތަކުގައި ސަފުގެ ރޮނގު ދަމާފައި ހުންނަނީ މި ޙަދީޘްފުޅަށް ބަލައިގެން ކަމަށްނުވާތީ ސަޖިދައިގައި ބުރަކަށި ސީދާކުރުމަކީ އުނދަގޫކަމަކަށްވެއެވެ. ދެސަފު ދެމެދުގައި އެހައި ޖާގަ ނުއޮންނާތީއެވެ. އެޙާލަތުގައި ޖާގަ އޮތްވަރަކުން ސީދާކުރަން މަސައްކަތްކުރަންވާނެއެވެ. ދެން އޮތްބައި ރޮނގުދެމި ބައަކަށް ދޫކޮށްލައްވާށެވެ!
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް