ޙަޤީޤަތަކީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ސިޙުރު ޖެހިވަޑައިގެންނެވިކަން! މަސައްކަތްކުރަންވީ ރައްކައުތެރިވެތިބެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 27ސ
ޙަޤީޤަތަކީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ސިޙުރު ޖެހިވަޑައިގެންނެވިކަން! މަސައްކަތްކުރަންވީ ރައްކައުތެރިވެތިބެން!

ﷲ ތަޢާލާ ފިޔަވައި އަހުރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ލޯބިވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެއެވެ. އެހެންކަމުން އުހުދު ހަނގުރާމައިގެ ދުވަހު އިތުރު ޞާޙިބާއަށް އަނިޔާތައް ލިބިވަޑައިގެންނެވި ކަމުގެ ވާހަކަ އަޑުއަހަން ނުވަތަ ކިޔަން އަހުރެމެންނަކަށް ފަށޭހައެއް ނޫނެވެ. އެކަމަކު އެއީ ޙަމަ މެދުވެރިވެވަޑައިގެންނެވި ކަމެކެވެ.  

ހަމަ މިފަދައިން އިތުރު ޞާޙިބާއަށް ސިޙުރު ޖެހިވަޑައިގެންނެވި ކަމުގެ ވާހަކައަކީވެސް ހަމަ އެފަދަ ވާހަކައެކެވެ. އެހެންކަމުން މަސައްކަތްމިކުރަނީ ބައެއް ކިޔުންތެރިންގެ ހިތުގައިވާ ނުތަނަވަސްކަން ފިލކުވާލަން އެހީތެރިވެދެވޭތޯއެވެ.  

މައުޟޫއަށް ފެށުމުގެ ކުރިން ކުޑަ ބަހެއް ބުނެލާނަމެވެ. އަހުރެމެންގެ ލޮބުވެތި ރަސޫލް ޞައްލﷲ ޢަލައިހި-ވަސައްލަމަ އަކީ އެންމެހައި މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރައްވަވައި އެންމެ މަތިވެރިކުރެއްވެވި އިންސާނާއެވެ. އެހެންކަމާއިއެކުވެސް އާލާސްކަންފުޅުތައްވެސް ޖެހިވަޑައިގެންނެވިއެވެ. ހައިހޫނުކަމުގައި އުޅުއްވަވަންވެސް ޖެހިވަޑައިގެންނެވިއެވެ. ސިޙުރުވެސް ޖެހިވަޑައިގެންނެވިއެވެ.  

މީހަކަށް ކުރިމަތިވާނެ ހުރިހާ ތަކްލީފްތަކެއް އުފުއްލަވަން ޖެހިވަޑައިގެންނެވިއެވެ. އެއީ ކުރިމަތިކުރެއްވެވި އިމްތިޙާންތަކެވެ. މީސްތަކުންނަށް ޢިބްރަތަކަށެވެ. އެކަންކަން ކުރިމަތިވުމުން ޢަމަލުކުރަން އޮތް ގޮތް ސުންނަތުން ދައްކަވައި ދެއްވެވުމަށެވެ.  

" ރަސޫލް ޞައްލﷲ ޢަލައިހި-ވަސައްލަމަ އަށް ސިހުރުޖެހިވަޑައިގަތް ހެއްޔެވެ؟" މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދިފައި އޮންނަ ސުވާލެކެވެ. އަހުރެމެންގެ ލޮބުވެތި ރަސޫލް ޞައްލﷲ ޢަލައިހި-ވަސައްލަމަ ކަމަށްވުމުން ސިޙުރު ޖެހޭނެ ކަމަށް ގިނަ ބައަކަށް ޤަބޫލުކުރަން ފަސޭހައެއް ނޫނެވެ.  

ތިރީގައިވާ ލިޔުމަކީ މި މައުޟޫއަށް އައްޝައިޚް ޙަސަން ޒިޔާން ލިޔުއްވާފައިވާ ވަރަށް މުހިންމު ލިޔުމެކެވެ.    

ރަސޫލާ صلى الله عليه وسلم އަށް ސިޙުރު ޖެހިވަޑައިގަތްކަމަށް ރިވާވެފައިވާ ޙަދީޘަކީ އިމާމު ބުޚާރީ އާއި އިމާމު މުސްލިމުގެ އިތުރުން ޙަދީޘް ޢިލްމުގެ އެހެނިހެން އިމާމުންވެސް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. ސުންނަތުގެ އަހުލުވެރިން މި ޙަދީޘް ޤަބޫލުކޮށް ތެދުކުރެއެވެ. އަދި ބިދުޢަވެރިން މެނުވީ އެކަމަށް އިންކާރުކޮށް ދޮގު ނުކުރެއެވެ. މި ލިޔުމުގައި އެ ޙަދީޘްގެ ނައްޞާއި، ރިވާކުރެއްވެވި ބޭފުޅުންނާއި އެ ޙަދީޘްގެ މާނައަށް އަދި އެ ހާދިސާއަށް އިންކާރުކުރާ މީހުންނަށް ޢިލްމުވެރިން ދެއްވާފައިވާ ރައްދުތަކަށް އަލިއަޅުވާލާނަމެވެ. 

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : «سُحِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، حَتَّى كَانَ يُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّيْءَ وَمَا يَفْعَلُهُ، حَتَّى كَانَ ذَاتَ يَوْمٍ دَعَا وَدَعَا، ثُمَّ قَالَ: ((أَشَعَرْتِ أَنَّ اللَّهَ أَفْتَانِي فِيمَا فِيهِ شِفَائِي؟ أَتَانِي رَجُلانِ فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ أَحَدُهُمَا لِلآخَرِ: مَا وَجَعُ الرَّجُلِ؟ قَالَ: مَطْبُوبٌ، قَالَ: وَمَنْ طَبَّهُ؟ قَالَ: لَبِيدُ بْنُ الأَعْصَمِ، قَالَ: فِيمَا ذَا؟ قَالَ: فِي مُشُطٍ وَمُشَاقَةٍ وَجُفِّ طَلْعَةٍ ذَكَرٍ. قَالَ: فَأَيْنَ هُوَ؟ قَالَ: فِي بِئْرِ ذَرْوَانَ».

فَخَرَجَ إِلَيْهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثُمَّ رَجَعَ فَقَالَ لِعَائِشَةَ حِينَ رَجَعَ: «نَخْلُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ». فَقُلْتُ: اسْتَخْرَجْتَهُ ؟ فَقَالَ: «لا، أَمَّا أَنَا فَقَدْ شَفَانِي اللَّهُ، وَخَشِيتُ أَنْ يُثِيرَ ذَلِكَ عَلَى النَّاسِ شَرًّا» ثُمَّ دُفِنَتْ الْبِئْرُ. [رواه البخاري (3268) ومسلم(2189) ] 

عائشة رضي الله عنها އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم އަށް ސިޙުރު ޖެހިވަޑައިގަތެވެ. އެކަލޭގެފާނު ނުކުރައްވާ ކަންކަން ކުރެއްވުނުކަމަށް އެކަލޭގެފާނަށް ހީފުޅުވާން ފެށްޓެވުމަށް ދަންދެނެވެ. އަދި އެއް ދުވަހެއްގައި އެކަލޭގެފާނު ދުޢާކުރެއްވިއެވެ. އަދި ދުޢާ ކުރެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. "ކަމަނާއަށް އެނގިވަޑައިގަންނަވާތޯއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ޝިފާވަނީ ކޮން އެއްޗެއްގައިކަން ﷲ سبحانه وتعالى ދައްކަވައިފިއެވެ. ތިމަންކަލޭގެފާނުގެ އަރިހަށް ދެ ބޭކަލަކު ވަޑައިގަތެވެ. އެއް ބޭކަލަކު ތިމަންކަލޭގެފާނުގެ ބޮލާވީކޮޅުގައި އިށީންނެވިއެވެ. އަނެއް ބޭކަލަކު ފަޔާވީ ކޮޅުގައި އިށީންނެވިއެވެ. އަދި އެއްބޭކަލަކު އަނެއް ބޭކަލަކަށް ދެންނެވިއެވެ. މިކަލޭގެފާނު ބަލިކުރުވީ ކޮން އެއްޗެއް ހެއްޔެވެ؟ ދެންނެވިއެވެ. އެކަލޭގެފާނަށް ވަނީ ސިޙުރު ޖެހިފައެވެ. ދެންނެވިއެވެ. އެކަލޭގެފާނަށް ސިޙުރު ހެދީ ކާކު ހެއްޔެވެ؟ ދެންނެވިއެވެ. لبيد بن الأعصم އެވެ. ދެންނެވިއެވެ. ކޮން އެއްޗަކުން ހެއްޔެވެ؟ ދެންނެވިއެވެ. ފުނަލަކާއި، ފުނަލުގައި ތާށިވެފައިހުރި އިސްތައްޓާއި ފިރިހެން ކަދުރު ރުކެއްގެ އެތެއްގެ ތޮށިގަނޑުންނެވެ. ދެންނެވިއެވެ. އެ ކޮބާ ހެއްޔެވެ؟ ދެންނެވިއެވެ. ޛަރްވާންގެ ވަޅު ތެރޭގައެވެ." 

ފަހެ، ނަބިއްޔާ صلى الله عليه وسلم އެތަނަށް ވަޑައިގެންނެވިއެވެ. ދެން އެނބުރި ވަޑައިގެންނެވިއެވެ. އަދި عائشة رضي الله عنها އަށް ޙަދީޘް ކުރެއްވެވިއެވެ. “އޭގެ ކަދުރު ރުއްތައް ހީވާނީ ޝައިޠާނުންގެ ބޯތަކެއް ހެނެވެ.” ފަހެ ތިމަންކަމަނާ ދެންނެވީމެވެ. “އޭތި ވަޅުން ނެންގެވީ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ނޫނެކެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނަށް ﷲ تعالى ޝިފާ ދެއްވައިފިއެވެ. އަދި އޭގެ ނުބައި އަސަރެއް މީސްތަކުންނަށް ކޮށްފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަންނަވަމެވެ.” ދެން އެ ވަޅަށް ފަސްއަޅާ ފޮރުވާލެވުނެވެ.  

"المازري ވިދާޅުވިއެވެ. ބިދުޢަވެރިންގެ ތެރެއިން ބަޔަކު މި ޙަދީޘް އިންކާރުކުރެއެވެ. އަދި އެއީ ނަބީކަމުގެ ހައިބަތު ގެއްލުވައިލާ، ނަބީކަމާމެދު ޝައްކު އުފެދޭ ކަމެއްކަމުގައި އެބައިމީހުން ދަޢުވާ ކުރެއެވެ.

އެބައިމީހުން ބުނެއެވެ. މި ކަމަށް (ނަބީކަމަށް ޝައްކު އުފެދުމަށް) ފަހިކޮށްދޭ ކޮންމެ ކަމަކީ ބާތިލުކަމެކެވެ. އަދި އެކަން ޤަބޫލުކުރާނަމަ ޝަރުޢުކުރައްވާ ފަރާތުން ޝަރުޢުކުރައްވާފައިވާ ކަންކަމާމެދު އިތުބާރު ގެއްލި، އިޙްތިމާލު އުފެދެއެވެ. އެހެނީ ޖިބްރީލް عليه السلام އެތަނުގައި ނުވަނީސް އެ ތަނުގައި ހުރިކަމަށް އެކަލޭގެފާނަށް ހީފުޅުވީކަމުގައި ވެދާނެއެވެ. އަދި ވަޙީބާވައި ނުލައްވަނީސް ވަޙީބާއްވައިލެއްވިކަމުގައި ހީފުޅު ވެދާނެއެވެ. 

المازري ވިދާޅުވިއެވެ. މި ކަންކަމީ ޤަބޫލުނުކޮށް، ރައްދުކުރެވިގެންވާ ކަންކަމެވެ. އެހެނީ  ނަބިއްޔާ صلى الله عليه وسلم، ﷲ ގެ ޙަޟްރަތުން ގެނެސްދެއްވި ތަކެއްޗަށް ތެދުވެރިވެލެއްވިކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދެއްވިކަމުގެ ހެކިތައްވަނީ ޤާއިމްކުރެވިފައެވެ. އަދި މުޢުޖިޒާތްތައް އެކަލޭގެފާނުގެ ތެދުވެރިކަމަށް ހެކިދެއެވެ. އަދި އެކަމަކާ ދެކޮޅަށް ހެކިތައް ހުރިކަމަށް ޤަބޫލުކުރުމަކީ ބާތިލުކަމެކެވެ. އަދި އެކަލޭގެފާނު އެކަމަކައިގެން ފޮނުއްވަވާފައި ނުވާ، އަދި އެކަލޭގެފާނުގެ ރިސާލަތާވެސް ގުޅުމެއް ނެތް، ބައެއް ދުނިޔަވީ ކަންކަން ކަމުގައިވާ ބަލިވުންފަދަ ކަންކަން، އެހެން އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނާވެސް ކުރިމަތިވެލައްވައެވެ. އެހެންކަމުން ދުނިޔަވީ ކަންކަމުން ކަމެއްގައި ޙަޤީޤަތެއް ނެތް ކަމެއް އެކަލޭގެފާނަށް ހީފުޅުވުމަކީ ދުރު ކަމެއް ނޫނެވެ. ޝަރުޢީ ކަންކަމުގައި އެފަދަ ކަންކަމުން ރައްކާތެރިވެވަޑައިގެންވުމާ އެކުވެސްމެއެވެ.

ދެންނެވިއެވެ. ބައެއް ބޭފުޅުން ދަންނަވައެވެ. މި ޙަދީޘްގެ މުރާދަކީ، އެކަލޭގެފާނު އަނބިއަނބިކަނބަލުންނާއެކު ރޭ ނުކުރައްވަނީސް ރޭ ކުރެއްވެވުނުކަމަށް ހީފުޅުވުމެވެ. އިންސާނުންނަށް ނިދީގައި މިގޮތަށް ހީވުމަކީ ވަރަށް ގިނައިން ވާކަމެކެވެ. އެހެންކަމުން ހޭލާ ހުއްޓާ އެހެން ހީފުޅުވުމަކީ ދުރުކަމެއް ނޫނެވެ. 

ތިމަން (އެބަހީ: ابن حجر) ބުނަމެވެ. البخاري ގައިވާ ابن عيينة ގެ ރިވާޔަތުގައި މިކަން ޞަރީޙަކޮށް ވާރިދުވެފައިވެއެވެ. ابن عيينة ރިވާކުރެއްވިއެވެ. "އެކަލޭގެފާނު އަނބިއަނބިކަނބަލުން ގާތަށް ވަޑައިނުގަންނަވަނީސް ވަޑައިގެންނެވުނުކަމަށް ހީފުޅުވެއްޖައުމަށް ދާންދެންނެވެ." 

الحميدي ގެ ރިވާޔަތުގައިވެއެވެ. "އެކަލޭގެފާނުގެ އަހުލުންގެ ގާތަށް ވަޑައިނުގަންނަވަނީސް ވަޑައިގެންނެވުނުކަމަށް ހީފުޅުވެއްޖައުމަށް ދާންދެންނެވެ." 

عياض ވިދާޅުވިއެވެ. "އެހެންކަމުން ސިހުރުން އަސަރުކުރީ އެކަލޭގެފާނުގެ ހަށިކޮޅާއި ގުނަވަންފުޅުތަކަށް ކަމާއި އެކަލޭގެފާނުގެ ވިސްނުންފުޅާއި ޤަބޫލުކުރެއްވެވުންތަކައް ނޫންކަން މިކަމުން އެނގިގެންދެއެވެ.| … 

المهلب ވިދާޅުވިއެވެ. "ނަބިއްޔާ صلى الله عليه وسلم ޝައިޠާނުންގެ ކިބައިން ރައްކާތެރިކުރެވިގެންވުމުގެ މާނައަކީ އެ ޝައިޠާނުން އެކަލޭގެފާނަށް ގެއްލުމެއް ދޭން މަސައްކަތެއް ނުކުރާނެއެކޭ ނޫނެވެ. ފަހެ الصحيح ގައި ވެއެވެ. ޝައިޠާނަކު އެކަލޭގެފާނުގެ ނަމާދަށް ހުރަސް އަޅުއްވަން އުޅުއްވިއެވެ. ނަމަވެސް ﷲ تعالى އެކަލޭގެފާނު އެކަމުން ރައްކާތެރި ކޮށްދެއްވިއެވެ. ސިޙުރުވެސް ވަނީ ހަމަ އެފަދައިންނެވެ. އެ ސިޙުރުގެ ސަބަބުން އެކަލޭގެފާނަށް ކުރިމަތިވެލެއްވި ދަތިކަމަކުން އެކަލޭގެފާނުގެ ރިސާލަތު ފޯރުކޮށްދެއްވެވުމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެހެނެއްކަމަކު އެކަންވީ ބަލިމަޑުކަމެއްގެ ސަބަބުން ކުރިމަތިލާން ޖެހޭ އުނދަގޫތައްފަދަ ވާހަކަ ދައްކަން އުނދަގޫވުމާއި، ބައެއް ޢަމަލުތައް ކުރުމުގައި ދަތިވުމާއި، ޙަޤީޤަތުގައި ނުވާ ބައެއް ކަންތައްތައް ވީކަމަށް ބައެއް ފަހަރު ހީވުންފަދަ ކަމަކަށެވެ. އަދި ﷲ تعالى އެކަން ފިއްލަވައިދެއްވާ ބާތިލުކުރައްވަވާ، ޝައިޠާނާގެ ޢަމަލުތައް ފާޅުކުރެއްވެވިއެވެ."

[فتح االباري (10 / 226 ، 227)]  

"ބައެއް މީހުން މިކަމަށް އިންކާރު ކުރެއެވެ. އަދި އެކަން އެ ގޮތަށް ނުވާނެ ކަމުގައި އެބައިމީހުން ބުނެއެވެ. އަދި އެއީ އުނިކަމެއްކަމުގައްޔާއި ޢައިބެއް ކަމުގައި އެބައިމީހުން ހީކުރެއެވެ. ނަމަވެސް އެއީ އެބައިމީހުން އެ ހީކުރާ ކަހަލަ ކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ބަލިވުމާއި ތަދު އިހުސާސް ކުރެވުންފަދަ ކަމެކެވެ. އެއީ ބަލިތަކުގެ ތެރެއިން ބައްޔެކެވެ. ވިހައިން އަސަރު ކުރެއްވެވި ފަދައިން ސިޙުރުންވެސް އަސަރު ކުރެއްވީއެވެ. މިދެކަމުގައި ތަފާތެއް ނެތެވެ. الصحيحين ގައި عائشة رضي الله عنها ގެ އަރިހުން ސާބިތުވެގެން އައިސްފައިވެއެވެ. 

عائشة رضي الله عنها ވިދާޅުވިއެވެ. "ރަސޫލާ صلى الله عليه وسلم އަށް ސިޙުރު ޖެހިވަޑައިގެންނެވިއެވެ. އަދި އަނބިއަނބިކަނބަލުންގެ ގާތަށް ވަޑައިނުގެންނެވެނީސް ވަޑައިގެންނެވުނު ކަމުގައި އެކަލޭގެފާނަށް ހީފުޅުވެއެވެ. އެއީ އެންމެ ނުބައިވެގެންވާ ސިޙުރުގެ ތެރެއިން ސިޙުރެކެވެ." 

القاضي عياض ވިދާޅުވިއެވެ. "ސިޙުރަކީ ބަލިތަކުގެ ތެރެއިންވާ ބައްޔެކެވެ. އަދި އެއީ އެހެން ބަލިތައްވެސް ޖެހޭފަދައިން އެކަލޭގެފާނަށް ޖެހިވަޑައިގެންނެވި ބައްޔެއްކަމާމެދު އިންކާރެއް ނުކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ނަބީކަމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ.

އެކަލޭގެފާނު ނުކުރައްވާ ކަންކަން ކުރެއްވެވުނުކަމަށް ހީފުޅުވެލެއްވުމާއި އެކަލޭގެފާނުގެ ތެދުވެރިކަމާއި އެއްވެސް ގުޅުމެއް ނެތެވެ. އެއީ އެކަލޭގެފާނު އެ ކަމުން ރައްކާތެރި ކޮށްދެއްވިކަމަށް ހުރި ދަލީލުތަކާއި ޢިލްމުވެރިންގެ އިޖުމާޢުގެ ސަބަބުންނެވެ. އެހެނެއްކަމަކު އެއީ އެކަލޭގެފާނު ފޮނުއްވެވުނު ސަބަބުތަކުން ސަބަބެއްކަމުގައި ނުވާ ދުނިޔަވީ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަދި އެހެން އިންސާނުންނާއި އެކަލޭގެފާނާއި އެއްގޮތްވެގެންވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މިފަދަ ކަންކަމުގައި ޙަޤީޤަތުގައި ނުވާކަމެއް، ވީކަމަށް ހީފުޅުވުމަށްފަހު އެކަމުގެ ޙަޤީޤަތް ފަހުން ސާފުވެގެން ދިޔުމަކީ ދުރުކަމެއް ނޫނެވެ."

[زاد المعاد (4 / 124)] 

އެހެންކަމުން މި ޙަދީޘްގެ ޞައްޙަކަމާއި އެކަމުގެ ސަބަބުން ރަސޫލާ صلى الله عليه وسلم ގެ ނަބީކަމަށް ކުޑަވެސް އުނިކަމެއް ނާންނަކަން ބަޔާންވެގެން ހިނގައްޖެއެވެ. ﷲ سبحانه وتعالى ވަނީ އެ ސިޙުރުގެ ކުރިންނާއި، އެކަމުގެ ތެރޭގައްޔާއި އެ ކަމަށްފަހުވެސް އެކަލޭގެފާނު ރައްކާތެރި ކުރައްވާފައެވެ. އެ ސިހުރުގެ ސަބަބުން އެކަލޭގެފާނު އަނބިއަނބިކަނބަލުންގެ ގާތަށް ވަޑައިނުގަންނަވަނީސް ވަޑައިގެންނެވުނުކަމަށް ހީފުޅުވުން ނޫން އިތުރު އެހެންކަމެއް ނުވެއެވެ. އެއީ ހަމައެކަނި ދުނިޔަވީ ކަމެކެވެ. އެކަލޭގެފާނަށް ޖެހިވަޑައިގަތް ސިޙުރާއި، އެކަލޭގެފާނުގެ ރިސާލަތު ފޯރުކޮށްދެއްވުމާ އެއްވެސްކަހަލަ ގުޅުމެއް ނުވެއެވެ. އިސްވެދިޔަ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެކަން ބަޔާންވެ ހިނގައްޖެއެވެ. މި ހާދިސާއަށް އިތުރަށް ތަފްޞީލުކޮށް ބައްލަވާލައްވަން ބޭނުންފުޅުނަމަ، “فتح الباري” އަދި “زاد المعاد”، މި ދެ ފޮތަށް ރުޖޫޢަވުން ހުއްޓެވެ.

والله أعلم.

 

- އައްޝައިޚް ޙަސަން ޒިޔާންގެ ލިޔުއްވުމެއް

 

މިއަދު އޮންލައިން