ވިހެއުމުގެ ތެރޭގަ މަރުވިޔަސް އަދި ކިތަންމެ ދުވަހެއް ފަހުން މަރުވިޔަސް ދާންޖެހޭނީ ﷲ ގެ ޙަޟްރަތަށް ކަމަށްބުނެ ދަރިން ވައްޓާނުލި އަންހެނަކަށް ހިތްފުރޭވަރަށް އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ވިހެއުމުގެ ތެރޭގަ މަރުވިޔަސް އަދި ކިތަންމެ ދުވަހެއް ފަހުން މަރުވިޔަސް ދާންޖެހޭނީ ﷲ ގެ ޙަޟްރަތަށް ކަމަށްބުނެ ދަރިން ވައްޓާނުލި އަންހެނަކަށް ހިތްފުރޭވަރަށް އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

ތިރީގައި އެވަނީ ފިރިމީހާއާއި އަދި އަމިއްލަ މައިންބަފައިންވެސް ބަނޑުގައި އޮތް 3 ދަރިން ވައްޓާލަން މަޖުބޫރުކުރުމުން ﷲ އަށް ބިރުވެތިވެ އެކަން ނުކުރި އަންހެނެކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ.  

ބަލިވެ އިންދާ ވަރިކޮށްލުމުން އެކަނިވެރިވާ މައިންނަށް ލިބޭ މާޔޫސްކަން އިޙްޞާޞްކުރެވޭނީވެސް ހަމަ އެފަދަ ކަމެއް މެދުވެރިވުމުންނެވެ. އެފަދަ މައިން ހިތްވަރުލިބިގަންނަންވީ މިފަދަ ވާހަކަތަކުންނެވެ. ވިދާޅުވެލައްވާށެވެ! އެނގިލައްވާނީ ޙައްޤު ގޮތުގައި ޘާބިތުކަމާއިއެކު ވަކީލްކޮށްފިނަމަ ނިކަމެތިނުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ  

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރުފުރުނުއިރުވެސް ދަރިއަކު ނުލިބެއެވެ. ފިރިމީހާ އަބަދު އަންނަނީ އެކަމާ ޝަކުވާކުރަމުންނެވެ. ދަރިއަކު ނުލިބޭނަމަ ކައިވެނި ރޫޅައިލާނެ ކަމުގެ ބިރުވެސް ދައްކަމުންނެވެ.  

ކައިވެންޏަށް 6 ވަނަ އަހަރު ޑޮކްޓަރު ބުނީ އަޅުގަނޑު އިނީ ބަލިވެކަމަށާއި 3 ކުދިންނަށް ކަމަށާއި މިއީ ވަރަށް މަދުވެރިވާ ކަމެއް ކަމަށެވެ. އެހިސާބުން ފިރިމީހާއަށް ކަމަކު ނުދިއައެވެ. އެއްފަހަރާ 3 ކުދިން ލިބުމުން ކުރަންޖެހޭނެ ޚަރަދު ބޮޑުވާނެތީއެވެ. ބޭނުންވީ  ދަރިން ވައްޓާލުމަށެވެ. އެކަމަށް އިންކާރުކުރުމުން ވަރިކުރީއެވެ. ބަނޑަށް 5 މަހުގައެވެ. އަޅުގަނޑުގެ މަންމަވެސް ތާއީދުކުރީ ފިރިމީހާއަށެވެ. ބުނީ އެއްފަހަރާ 3 ދަރިން ލިބިގެން ނުބެލޭނެ ކަމަށާއި ދަރިން ބަލައިނުދޭނެ ކަމަށެވެ.  

ވަރިކުރިތަނާހެން ޑޮކްޓަރުވެސް އެފަދަ އިންޒާރެއް ދިނެވެ. 3 ކުދިން އެކުގައި ވިހަންވެއްޖެނަމަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ. އަދި 2 ކުއްޖަކު ވަރަށް ބަލިކަށިކަމަށްވެސް ބުންޏެވެ. އަޅުގަނޑު ޑޮކްޓަރާއިވެސް ދެކޮޅު ހެދީމެވެ. އަޅުގަނޑު ބުނީމެވެ. "3 ފުރާނަ އެކުގައި އަޅުގަނޑުގެ ބަނޑުގައި ލައްވަވާފައިވަނީ އެންމެހައި ފުރާނަތަކެއްގެ ވެރި ﷲ އެވެ. މަދުކުރައްވަވާނީވެސް ﷲ އެވެ. ވިހެއުމުގެ ތެރޭގައި އަޅުގަނޑު މަރުވެއްޖެނަމަ އެއީވެސް ﷲ ގެ ނިންމެވުމެވެ. އެއިރުންވެސް ފަހުންވެސް ދާންޖެހޭނީ ހަމަ ﷲ ގެ ހަޟްރަތަށެވެ." 

ކުރަންޖެހުނު ހިތާމަ ބޮޑުކަމުން ނަމަވެސް ވިހަންޖެހުނީ 7 މަހުގައެވެ. ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އަޅުގަނޑަށްވެސް އޮންނަން ޖެހުނީ ހޮސްޕިޓަލުގައެވެ. އެކަނިމާއެކަންޏެވެ. އެއްވެސް މީހަކު އަޅުގަނޑުގެ ޙލު ބަލާލަންވެސް ނާދެއެވެ. އެހެން އޮވެގެން ކެނޑިނޭޅި ދުޢާކުރީމެވެ. 3 ދަރިން ބެލެހެއްޓޭނެ ރަހްމަތެއް މިންވަރުކުރެއްވެވުން އެދިއެވެ. ދަރިންގެ ބައްޕައަށްވެސް އަދި މައިންބަފައިންނަށްވެސް ތަކްލީފަކަށް ނުވެ ދަރިންކޮޅު ބެލޭނެގޮތެއް މިންވަރުކުރެއްވެވުން އެދިއެވެ.  

ވޯޑުން ނުކުމެ ވެއިޓިންގ ރޫމްގައި އިންދާ އެއްދުވަހަކު ބައްދަލުވި ދެމަފިރިއަކު އަޅުގަނޑުގެ ޙާލާއިމެދު ސުވާލުކުރިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ކިޔައިދިނުމުން ދެމަފިރިން ބޭނުންވީ ކުދިން ދޫކޮށްލުމުން އެމީހުންގެ ގާތަށް ދިއުމަށެވެ. އަދި ހޮސްޕިޓަލުގައި އޮންނައިރު ޚަރަދުކުރާނެ ފައިސާކޮޅެއްވެސް އަތަށް ދިނެވެ. އަދި ކޮންމެ ހަފްތާއަކު އައިސް ޙާލުބަލައެވެ.  

ހޮސްޕިޓަލުން ދޫކޮށްލީ 3 މަސްދުވަސްފަހުންނެވެ. ދޫކޮށްލުމުން ދެމަފިރިން ދީފައި އޮތް ނަންބަރަށް ގުޅުމުން ދެމަފިރިން އެކުގައި ވަގުތުން އަތުވެއްޖެއެވެ. އަޅުގަނޑާއި އެދެމަފިރިން ކޮންމެ މީހެއްގެ އަތުގައި ކުއްޖަކު އޮވެގެން ހޮސްޕިޓަލުން ނުކުންނަން ހިނގައިގެންފައި ހިތަށް އެރިއެވެ. "ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ބަލިވެ އިނދެ އުޅުނީ އެކަންޏެވެ. ވިހަން އައީ އެކަންޏެވެ. ހޮސްޕިޓަލުގައި އޮތީ އެކަންޏެވެ. ނުކުންނަން މިދަނީ 3 މީހުންގެ އަތުގައި 3 ދަރިން އޮވެގެން 3 މީހުން އެކުގައެވެ."  

އެދެމަފިރިންނަކީ ދަރިން ނުލިބޭތީ މީހަކު ވިހާ ދަރިއަކު ހޯދަން ހޮސްޕިޓަލަށް ޒިޔާރަތްކުރަމުންދިއަ ދެމަފިރިންނެވެ. 3 ދަރިން އެއްފަހަރާ ލިބުމުން ހީވީ ބޮޑު ޢީދެއް އައިހެންނެވެ. ދަރިންނަށް ގާތުންދިނުން ނޫން އެއްވެސް ކަމެއް އަޅުގަނޑަކަށް ނުޖައްސައެވެ. ރޭގަނޑު ހޭލައިގެން ކިރިޔާ ރޯލާއަޑު އިވުނަސް ދުވެފައި އައިސް ކުއްޖާ ގެންދެއެވެ.  

އެމީހުންގެ ގާތުގައި އިންނަތާ 6 މަސްދުވަސްވަރު ވީތަނާ އެއްރޭ ކާން ތިބެފައި ބުނީ އަންހެން މީހާގެ އެއްބަޑުއެއްބަފާ މީހަކާ ކައިވެނިކުރަން ރުހޭނަމަ ކައިވެނިކޮށްދީފާނެ ކަމަށެވެ. އަދި ކައިވެނިކުރިނަމަވެސް ކުދިން ގޮވައިގެން ގޮސްގެން ނުވާނެކަމަށެވެ. އުޅެންޖެހޭނީ އެގޭގައި ކަމަށެވެ.  

އަޅުގަނޑު ވަގުތުން އެއްބަސްވީމެވެ. ކައިވެނިކުރެވުނެވެ. ބޭރުފުށުގެ ސިފަ ކިޔާކަށް ނެތީމެވެ. އޭނާގެ އަޚްލާޤް ރަނގަޅުކަމުން އޭނާއަކީ ދުނިޔެއިން ބައްދަލުވާނެ އެންމެ ރީތި ފިރިހެނާކަމަށް ބުނަން ޖެހިލުމެއް ނުވަމެވެ.  

މިއީ އަޅުގަނޑުގެ ޙަޔާތެވެ. ހަޔާތުގައި ކަންކަން ހިނގައިދިއަ ގޮތެވެ. ލޯބިން ކުރި ކައިވެނި ނިމުނުގޮތާއި ދެވަނަ ފިރިއަކު ލިބުނުގޮތެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަވެސް ޔަތީމް ޙާލުގައި އުފަންވި 3 ދަރިންނަށް ލެއްވެވި ރަޙްމަތެވެ. މިހާރު 3 ދަރިން އެތިބީ ކިޔަވައިގެން ރަނގަޅު ވަޒީފާތަކުގައެވެ.  

މިއީ އަޅުގަނޑު ދުނިޔޭގެ ހުރިހާ އަންހެނުންނަށް ކުރާ އިލްތިމާސެކެވެ. ދަރިފުުގެ ބައްޕަ ނުވަތަ ޢާއިލާގެ އެހީތެރިކަން ނުލިބުނަސް، ކިތަންމެ އެކަނިވެރި ޙާލުގައި އުޅެން ޖެހުނު ނަމަވެސް ދަރިން ނުމަރާށެވެ! އެފުރާނަ އެޅުއްވެވި ފަރާތުން ވާގިއެދޭށެވެ. މަގުދައްކަވާނެތެވެ. އިން ޝާ ﷲ

 

- ޝަރީފާ ޚާން / ފައިސަލް އާބާދު، ޕާކިސްތާން

މިއަދު އޮންލައިން