ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެ ނަރަކައިން ސަލާމަތްވާން މަސައްކަތްނުކުރާ މީހަކީ ތިމާގެ އަމިއްލަ ނަފުސްދެކެވެސް ލޯބިވާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފަރުޟް ނަމާދުތަކަށް ރައްކައުތެރިނުވެ ނަރަކައިން ސަލާމަތްވާން މަސައްކަތްނުކުރާ މީހަކީ ތިމާގެ އަމިއްލަ ނަފުސްދެކެވެސް ލޯބިވާ މީހެއް ނޫން!

ޤިޔާމަތް ދުވަހު ނަރަކައަށް ވައްދަވާނެ މީހުންނާއި ނުވައްދަވާނެ މީހުން މިދުނިޔެމަތީގައި ނުއެނގުނަސް ނަރަކައަށް މީސްތަކުން ވައްދަވާނެ އެންމެ ބޮޑެތި ސަބަބުތައް އެނގެން އެބައޮތެވެ. އެއިގެ ތެރެއިންވެސް އެންމެ ފައުޅުކަންބޮޑު 2 ކަމަކީ ﷲ ތަޢާލާއަށް ޝަރީކުކުރުމާއި ނަމާދުނުކުރުންކަންވެސް އެނގެން އެބައޮތެވެ.  

1 ޝަރީކުކޮށް ތައުބާނުވެ ހުއްޓައި މަރުވެއްޖެނަމަ އެމީހެއްގެ ތައުބާ ޤަބޫލުފުޅުނުކުރައްވަވާނެތެވެ. އެމީހަކު ސުވަރުގެ ނުވައްދަވާނެތެވެ.

2 މީސްތަކުން ކުޅަ ޢަމަލުތަކުގެ ތެރެއިން ފުރަތަމަވެސް ޙިސާބުބައްލަވާހުށީ ނަމާދުގެ ކަމަށާއި ނަމާދުކުރުމުގައި ފޭލްވެއްޖެނަމަ އިތުރަށް ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއްކޮށްފައިވީނަމަވެސް އެއިން އެއްވެސް ޢަމަލެއް ޤަބޫލުފުޅު ނުކުރައްވަވާނެކަން އެއޮތީ އެނގޭށެވެ. 

އެހެންކަމަށްވާއިރު ފަރުޟު 5 ނަމާދަށް ރައްކައުތެރިނުވާ މީހާ އެދަނީ ޤިޔާމަތް ދުވަހު އޭނާގެ އަމިއްލަ ނަފްސް ނަރަކައަށް އެއްލާލުމަށް ތައްޔާރުވަމުން ނޫންހެއްޔެވެ؟  

ހަމައެއާއިއެކު ވިސްނާލަންޖެހޭނެ ކަމަކީ ފާފަކުރާ މީހުންނަކީވެސް އެމީހުންގެ އަމިއްލަ ނަފްސްދެކެ ލޯބިވާ ބައެއް ނޫނެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުން ވަޤުތީ ހިތްހަމަޖެހުމެއް ލިބުނަސް ޙަޤީޤަތުގައި އެމީހާއަށް އެކުރެވޭ ކަމަކީ އޭނާގެ ނަފްސް ނަރަކައަށް އެއްލައިލުމެވެ. 

ތިމާގެ އަމިއްލަ ނަފްސް ދެކެ ލޯބިވާނަމަ ކުރަން އޮތް ފުރަތަމަ ކަމަކީވެސް ނަފްސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. އެކަން ނުކުރެވޭނަމަ އެމީހަކީ އޭނާގެ ނަފްސް ދެކެ ލޯބިވާ މީހަކަށް ނުވާނެއެވެ. އަދި އަމިއްލަ ނަފްސް ނަރަކަށް އެއްލައިލުމަށްވުރެ ބޮޑު އަނިޔާވެރިކަމެއް ނެތެވެ. އެއީ އެހެން ހުރިހާ ކަމަކަށްވުރެ ނުބައިކަން ބޮޑު ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން