ސިފަ ރީތިނަމަ ގިނަބައަކު ސަމާލުކަންދޭނެ! އެކަމަށް ސަމާލުނުވެއްޖެނަމަ ޢުމުރުގެ ބޮޑުބައިގަ ޖެހޭނީ ހިތާމަކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސިފަ ރީތިނަމަ ގިނަބައަކު ސަމާލުކަންދޭނެ! އެކަމަށް ސަމާލުނުވެއްޖެނަމަ ޢުމުރުގެ ބޮޑުބައިގަ ޖެހޭނީ ހިތާމަކުރަން!

ތިބާއަކީ ވަރަށް ރީތި މީހަކަށްވެދާނެއެވެ.

އެހެންކަމާއިއެކުވެސް ވިސްނާލަން ޖެހޭނެ ކަމަކީ މިއަދު ތިބާ ކިތަންމެ ރީތިނަމަވެސް ދުނިޔޭގައި ހުރިނަމަ މޫނުގައި ރޫތައް ޖެހޭނެ ދުވަސް އަންނާނެކަމެވެ. ރީތިކަމަކީ އެއްވެސް މީހަކާއިއެކު މުޅި ޢުމުރަށް ދެމިހުންނަ ނިޢުމަތެއް ނޫންކަމެވެ.  

މިއަދު ތިބާ ރީތިވީމާ ތިބާ ގޮވައިގެން ކޮފީއަށްދާނެ ނުވަތަ އެހެންވެސް މަޖަލެއް ކުރާނެ މީހުން ކިތަންމެ ގިނަ ނަމަވެސް ރީތިކަން ގެއްލުމުން ތިބާއަށް ސަމާލުކަންދޭނެ މީހަކު ނުހުންނާނެއެވެ. އެއިރު ތިބާގެ ރީތިކަމަށް ތަޢްރީފްކުރަމުން ތިބާގެ ވަށައިގެން އެނބުރު އެންމެން ތިބާއާއި ވަކިވާނެއެވެ.  

ހަނދާންކުރާށެވެ! ކިތަންމެ ގިނަ ބައަކު މިއަދު ތިބާގެ ވަށައިގެން އެނބުރުނުކަމުގައިވީނަމަވެސް ޢުމުރުން ދުވަސްވުމުން ނުވަތަ އެއިގެ ކުރިންވިޔަސް ތިބާގެ ރީތިކަން ގެއްލުމުން ތިބާއަށް ކަމެއްކޮށްދީ ހެޔޮ ދުޢާކޮށްދޭނީ ބައިވެރިޔާ އާއި ދަރިންނެވެ.  

އާދޭސްކޮށްފައި ބުނަމެވެ. މީހުންގެ ތަޢްރީފަށް ޙެއްލި، ޖަޒުބާތުގައި ޖެހި ދަރިންނަށާއި ބައިވެރިޔާއަށް ހެޔޮކޮށް ހިތުމުގައި އިހްމާލްވާން ހެޔޮނުވާނެއެވެ!   

މިވާހަކަ ދައްކަން މިޖެހެނީ ބައެއް މީހުންނަށް ކަންތައްތައް ކުރެވޭ ގޮތުންނެވެ. ތިމާގެ ރީތިކަން ތިމާގެ ކިބައިގައި ހުންނަ ދުވަސްވަރު މީހުންގެ އަވާގައި ޖެހި ބައިވެރިޔާއަށާއި ދަރިންނަށް އަޅާނުލެވި އިހްމާލްވެވޭ މީހުންނަކީ މަދުބައެއް ނޫނެވެ.  

ފިރިހެނަކަސް އަންހެނަކަސް ރީތިނަމަ ލިބޭ ދަޢުވަތުތައް ގިނަވާނެއެވެ. ކައިވެނީގެ ކުރިން އެފަދަ ދަޢުވަތުތައް ޤަބޫލުކުރެވޭނަމަ ރަނގަޅު ބައިވެރިއަކު ލިބުން އޮންނާނީ ވަރަށް ދުރުގައެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ނުލިބޭނެތީއެވެ. ކައިވެންޏަށްފަހު މީސްމީހުންގެ އަވާގައި ޖެހެވޭނަމަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. ދާދިއަވަހަށް މީހާ ބާކީވެގެންދާނެއެވެ.  

ސިފަ ރިތިވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެކެވެ. ރީތިކަން ލިބިއްޖެނަމަ އެނިޢުމަތް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމަކީ ކިޔަމަންތެރިވުމެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކުރައްވަވާނެކަން ކީރިތި ޤުރްޢާނުން އެނގެން އެބައޮތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން