ދަރިންނަށް އެންމެ ފައިދާހުރި ގޮތުގަ ދަރިން ތަރުބިއްޔަތުކުރަން އެންމެ ކުޑައިރުންސުރެ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދަރިންނަށް އެންމެ ފައިދާހުރި ގޮތުގަ ދަރިން ތަރުބިއްޔަތުކުރަން އެންމެ ކުޑައިރުންސުރެ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް!

ޒުވާން ޢުމުރުގައި ކައިވެނިކުރުން މިދަނީ ގިނަވަމުންނެވެ. އެހެންވެ ޒުވާން ޢުމުރުގައި ދަރިންވެސް ލިބެއެވެ. އެއިރު އެދަރިންނަށް އެންމެ ފައިދާހުރި ގޮތުގައި ތަރުބިއްޔަތުކުރަން ކުރަންޖެހޭނެ ކަންކަން ގިނަ ބައަކަށް ނުވިސްނެއެވެ.

އެހެންވެ ގިނަ މައިންބަފައިންނަށް ވިސްނެނީ ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރުމުގެ މަސައްކަތް ކުރަން ފަށަންޖެހޭނީ ކުދިން ވަކިވަރަކަށް ބޮޑެތިވުމުން ކަމަށެވެ. ނަމަވެސް އެއީ ކުރެވޭ ކުށްހީއެކެވެ. ކުދިންނާއި ފުރަތަމަ ކުރެވޭ މުޢާމަލާތުތަކުގެ ތެރޭގައިވެސް ﷲ ތަޢާލާގެ މަތިވެރިކަމުގެ ވާހަކަ އެކުއްޖާއަށް ވިސްނޭނެ މިންވަރަށް ދައްކަންޖެހޭނެއެވެ.  

މިޘާލަކަށް ދަރިފުޅަށް ހަދިޔާއެއް ދިނުމުން "ބައަޕައަށް ޝުކުރިއްޔާ" ބުނެފާނެއެވެ. އެކަން ބަލައިގަތުމާއިއެކު އެހަދިޔާ ދަރިފުޅަށް ލިބުނީ ﷲ ތަޢާލާ ދެއްވެވުމުންކަން ދަރިފުޅަށް ވިސްނައިދޭންވާނެއެވެ. އަދި ބައްޕައަށް ޝުކުރިއްޔާއެވެ ބުނުމުގެ ކުރިން جزاك اللهُ خيرً ބުނަން ފަރިތަކުރުވަންވާނެއެވެ. އަދި އެއިގެ މާނަވެސް ދަސްކޮށްދޭންވާނެއެވެ. (ﷲ ތިބާއަށް ހެޔޮރަޙްމަތް ރައްވަވާނދޭވެ!) އަދި އެހެން ބުނަންޖެހެނީ ކީއްވެގެންކަންވެސް ދަސްކޮސްދޭންވާނެއެވެ.  

ދެން އޮތީ ކޮންމެ ކަމަކަށް ބޭނުންވެގެން ނަމަވެސް އެކަމަކަށް ބައްޕަ ނުވަތަ މަންމަގެ ގާތުގައި ބުނުމުގެ ކުރިން އެކަން ހިންމަވައިދެއްވެވުން އެދިގެން ﷲ ތަޢާލާއަށް ދުޢާކުރަން އާދަކުރުވުމެވެ.  

އަހުރެންނަށް އެކި މީސްމީހުންގެ ކިބައިން ލިބިފައިވާ މަޢުލޫމާތަށްބަލާއިރު ކުދިން އެންމެ ކުޑައިރުވެސް މި 2 ކަންތައް އާދަކުރެވިއްޖެނަމަ ކުދިން ބޮޑެތިވެގެން އަންނައިރު އެކުދިންގެ ހިތުގައި ﷲ ތަޢާލާއަށް ޚާއްޞަ މަޤާމެއް އޮންނާނެއެވެ. އަދި 7 އަހަރަށް އެޅުމުން ނަމާދުކުރަން ބާރުއަޅަން ފަށަންވާއިރު އެކުދިން ތިބޭނީ އެކަމަށް ތައްޔާރުވެގެންނެވެ.  

ނަމާދުނުކުރަން ވެގެން ބޮޑާހޭކުން ފަދަ ކަންކަމެއް ނުކުރާނެއެވެ. އެއީ ނަމާދުކުރަން މިއުޅެނީ ތިމާގެ ހުރިހާ ބޭނުންތަކެއް ފުއްދަވައިދެއްވަވާ ﷲ ތަޢާލާގެ ޙަޟްރަތަށްކަން އެކުދިންނަށް ވިސްނޭނެތީއެވެ. އަދި ގިނަ ބޭނުންތައް ފުއްދަވައި ދެއްވަވާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންކަން އެޢުމުރުގައިވެސް ޤަބޫލުކުރެވޭނެތީއެވެ.  

މިހެންބުނީމާ އެހައިކުޑަކުދިންނަށްވެސް ތިއަކަންކަން ވިސްނޭނެތޯ ސުވާލުކޮށްފާނެއެވެ. ޖަވާބު ވަރަށް ސާފެވެ. މިބަޔާންކުރިމަގުން ކުދިން ތަރުބިއްޔަތުކުރެވިފައިވާނަމަ އެކުދިންނަށް ވިސްނެއެވެ. ވިސްނޭނެވެސްމެއެވެ. މިހައި ޔަޤީންކަމާއިއެކު މިބުނަނީ އެކަން އަހުރެންގެ ކާފަދަރިންގެ ކިބައިން ފެނި ޘާބިތުވެފައިވާތީއެވެ.  

އަހުރެންގެވެސް ޒުވާން ޢުމުރުގައި މިކަންކަން އަހުރެންނަށް ނުއެނގޭތީ އަމިއްލަ ދަރިން ބޮޑުވެގެން އައިއިރު އެތަރުބިއްޔަތެއް ނުދެވުނެވެ. ނަމަވެސް އެކަންކަން އެނގުމުން ކާފަދަރިންނަށް އެތަރުބިއްޔަތު އެބަދެމެވެ. އެކަމުގެ ނަތީޖާ ފެންނަނީ ވަރަށް ރަނގަޅަށެވެ. ވީމާ މިވާހަކަ މިދައްކަނީ ކުރެވެމުން އަންނަ ތަޖުރިބާތަކުން ޔަޤީންކުރެވޭތީއެވެ. ތިއަ ލޮބުވެތި އަޚުންނާއި އުޚުތުން ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން