ފުރަތަމަވެސް ބުނެލާނަމެވެ. އަހުރެން މިވާހަކަ މިކިޔައިދެނީ އަހުރެން ބެލި ވީޑިއޯއަކުން ފެނުނު ގޮތަށެވެ. އެއްވެސް ޙާލެއްގައި އަންހެނުން ނުވަތަ ފިރިހެނުން ކުށްވެރިކުރާކަށް ނޫނެވެ. އަންހެނަކުވެސް އަދި ފިރިހެނަކުވެސް މިގޮތަށް ކަންތައްކޮށްފާނަމެވެ. ވާހަކައަށްފަހު އަހުރެންގެ ސުވާލުކުރާނަމެވެ.
އެއީ ތަނަވަސް އަންހެނެކެވެ. އޭނާގެ މުވައްޒިފަކުދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވެއެވެ. އެކިފަހަރުމަތިން އެކި ގޮތްގޮތަށް އެކަން ހުށަހެޅުމުންވެސް މުވައްޒިފް ބުނަނީ އޭނާ ވަރަށް ލޯބިވާ އަންހެނަކު ހުންނަކަމަށާއި އޭނާއަށް ބޭވަފާތެރިނުވާނެ ކަމަށެވެ.
އޭނާ ވަރަށް ވިސްނާފައި އެއްދުވަހަކު އެއްލައްކަ ޑޮލަރު އެޒުވާނާއަށް ދިނެވެ. އެފައިސާ ޤަބޫލުކޮށްފައި ލޯބިވެރިޔާ ދޫކޮށްލާފައި އޭނާއާއި ގުޅުމަށް އެދުނެވެ. އެދުވަހުވެސް ޒުވާނާ ބުނީ ކިތަންމެ ގިނަ ފައިސާ ދިނަސް ލޯބިވެރިޔާއަށް ބޭވަފާތެރިނުވާނެ ކަމަށެވެ.
ދުވަސްކޮޅެއްފަހުން އޭނާ ޒުވާނާގެ ކިބައިން އެދުނީ ލޯބިވެރިޔާ ގޮވައިގެން އެރޭ ގެއަށް އައިސްދިނުމަށެވެ. ކުރަންއުޅޭ ކަމެއް ނުބުނެއެވެ. ނަމަވެސް އޭނާއަށް އިޙްތިރާމްކުރުމުގެ ގޮތުން ލޯބިވެރިޔާ ގޮވައިގެން އެގެއަށް ދިއުމުން އަންހެން މީހާއަށް އެއްލައްކަ ޑޮލަރުދީފައި އެދުނީ ލޯބިވެރިޔާ ދޫކޮށްލައިދިނުމަށެވެ. ފައިސާތަކަށް ބަލައިލުމަށްފަހު އަންހެންމީހާ ނިންމީ ފައިސާގެ ބޭނުންކޮށްފައި ލޯބިވެރިޔާއާއި ވަކިވުމަށެވެ. އެހެންވެ ޒުވާނާ އާދޭސްކުރަމުން ދަނިކޮށް ފައިށާތައް ހިފައިގެން ނުކުމެގެންދިއައީއެވެ.
އޭނާ ދިއުމުން ތަނަވަސް އަންހެންމީހާ ބުންޏެވެ. "ތިބާ ތިއަވަރުން ލޯބިވެގެން ތިއައުޅޭ އަންހެނާގެ ޙާލުހުރިގޮތް ފެނިއްޖެ ނޫންހެއްޔެވެ؟ އެއީ އަޞްލު ފައިށާއެއްވެސް ނޫނެވެ. ފޭކް ފައިސާއެވެ. އަހުރެން ތިބާއަށް މިދައްކައިލީ ލޯބީގެ އަގު މިއަދު ގިނަ މީހުން ވަޒަންކުރާ ގޮތެވެ. އަހުރެންގެ ސިފަ ހުތުރުވެދާނެއެވެ. އަހުރެން ތިބާދެކެ ލޯބިވަނީ ހިތުގެ އެންމެ އަޑިންނެވެ. އަހުރެން ތިބާގެ ކިބައިން އެދޭ ހަމައެކަނި ކަމަކީ އަހުރެންދެކެ ލޯބިވެދިނުމެވެ. ތިބާއަށް ބޭޜނުންވާ ހުރިހާ ކަމެއް އަހުރެން ކޮށްދޭނަމެވެ."
ދެން މިކުރަނީ ފަށަމުން އަހުރެން ފަހުން ކުރާނެ ކަމަށްބުނި ސުވާލެވެ. އެސުވާލަކީ މިއީ މިއަދު އަހުރެމެން މިވާ ލޯބީގެ ހަޤީޤަތް ހަމަ އޮތްގޮތްހެއްޔެވެ؟ އެޒުވާނާ ލޯތްބަށްޓަކައި އިންކާރުކުރަމުން އެއައީ ތަނަވަސް އަންހެނާގެ ލޯބި ޤަބޫލުކުރުމުން ލިބެން އޮތް ބޮޑު ތަނަވަސްކަމަށެވެ. ދޫކޮށްލީ ލިބެން އޮތް އެއްލައްކަ ޑޮލަރެއް ނޫނެވެ. މުޅި ޢުމުރަށް ތަނަވަސްކަމުގައި އުޅެން ލިބެން އޮތް ފުރުޞަތެވެ. އެކަމުގެ ބަދަލަކަށް ލޯބިވެރިޔާއެދިނީ ސުމެއް ނޫން ހެއްޔެވެ؟"
އެކުވެރިންނޭވެ! މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. ވިސްނައިފި މީހަކަށް ފައިދާކުރާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް