ޢާއިޝަތު ރަފާޙް ޢަލީ
ޛިކުރު ކުރުމުގެ ޢާއްމު މާނަ ނުވަތަ ފުރަތަމަ މާނައެއްގެ ގޮތުގައި، ހުރިހާ އަޅުކަމެއް ހިމެނެއެވެ. އެއީ ނަމާދާއި ރޯދަ އާއި ޤުރްއާން ކިޔެވުމާއި، ﷲ ތަޢާލާ ހަނދުމަކޮށްދޭ ކޮންމެ ކަމެކެވެ.
ދެވަަނަ މާނައަކީ ނުވަތަ ޛިކުރު ކުރުމުގެ އަސްލު މާނަ އަކީ ކީރިތި ޤުރްއާނުގައި ހުރި ﷲ ތަޢާލާއަށް ޛިކުރު ކުރެވޭ ލަފްޘުތައް ކިޔުމާއި، ﷲ ތަޢާލާއަށް ތަަސްބީޙަ ކިޔުމާއި ޙަމްދު ކުރުމާއި، ޤުރްއާނުގެ އާޔަތްތައް ކިޔެވުމާއ، ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ޞަލަވާތް ކިޔެވުން ވެސް ހިމެނެއެވެ.
ޛިކުރު ކުރުމާއި ބެހޭގޮތުން ﷲ ތަޢާލާ އަޙްޒާބް ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾
މާނައީ: "ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. (35)"
އަދިވެސް ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾
މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! (152)"
ޛިކުރު ކުރުމަކީ ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ އަޅުކަމެކެވެ. އަދި ގިނަގިނައިން ޛިކުރުކޮށް ﷲ ތަޢާލާގެ މަތީން ހަނދުމަކުރާ އަޅުން ދެކެ ﷲ ތަޢާލާ ލޯބިވޮޑިގަންނަވައެވެ.