ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އިސްލާމް ދީނަށް ނަޞްރުދީ ކުރިއެރުވުމަކީ ވެރިންނަށާއި ދީނީ ޢިލްމުވެރިންނަށް އެކަނި އޮތް މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން މަސައްކަތްކުރަންޖެހޭނެ މީހެކެވެ.
ދަންނާށެވެ! އިސްލާމް ދީނުގައި ވެރިންނަކީ ހަމައެކަނި މުޖުތަމަޢުތަކުގެ ވެރިންނެއް ނޫނެވެ. ﷲ ތަޢާލާ މަސްއޫލިއްޔަތު ޙަވާލުކުރެއްވެވި ކޮންމެ މީހެކެވެ. ދެފަރިންގެ ތެރެއިން ފިރިމީހާއަކީ އިސްމީހާ ކަމުގައި އޮތުމުން އެއޮތީ ވެރިއަކަށް ވެވިފައެވެ. ދަރިންގެ މައްޗަށް ވެރިންނަކީވެސް ބައްޕައެވެ. މިއީ ބަދަލުނުކުރެވޭނެ ކަންކަމެވެ.
ﷲ ތަޢާލާގެ ދީން މަތިވެރިކުރަން ތިބާ ކުރީ ކޮންކަމެއް؟ ކަމާއިމެދު ކޮންމެ މުސްލިމަކާއިވެސް ސުވާލުކުރައްވަވާނެކަން އެއީ އެނގެން އޮތް ކަމެކެވެ. އެކަން ޔަޤީންވަނީ އެމީހެއްގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރަން އަންގަވާފައިވާތީއެވެ.
އެކަމުން އެނގެނީ އިސްލާމް ދީންމަތިވެރިކޮށް ދީނަށް ނަޞްރުދިނުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލަން ކޮންމެ މުސްލިމަކަށްވެސް ޖެހޭނެ ކަމެވެ. އެކަންކަމުން ރެކި ބަރީޢަ ވެވޭނެ މުސްލިމަކު ނުހުންނާނެ ކަމެވެ.
ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެއް ފާހަގަކޮށްލާނަމެވެ.
މައްކާއާއި މަދީނާއާ ދެމެދުގައި 400އަށް ވުރެ ގިނަ ކިލޯމީޓަރު ހުރެއެވެ. އެއީ އިސްލާމް ދީނުގެ ޙައްޤުގައި ފުރާނަފުޅު އަތްޕުޅު މައްޗަށް ލައްވައިގެން އަމިއްލަ ގެދޮރާއި މުދާތަކާއި ޢާއިލާ ދޫކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން ކުރެއްވި ގިނަގުނަ ދަތުރުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. "
މިއަދު އަޅުގަނޑުމެން ވިސްނާލަންވީ އަޅުގަނޑުމެން އިސްލާމް ދީނަށްޓަކައި އެފަދަ ޙާލަތުގައި ކަޑައްތު ކުރީ ކިހާ ދުރުމިނެއްތޯ؟ ކުރީ ކިތައް ދަތުރުތޯ؟ އެވެ."
މިއަދު އަޅުގަނޑުމެންގެ ޙާލަކީ ޖެހިގެން ހުރި އަވަށްޓެރިޔާއަށް ހެޔޮ ނަޞޭޙަތެއްދޭން މިއުޅެނީ އޭނާ އާއިވެސް ބައްދަލުކޮށްނުލެވިގެންނެވެ. އަނބިމީހާއަށް ނަމާދުކޮށްލާނެ ވަޤުތުކޮޅެއް ދޭން އެހީތެރިނުވެވިގެންނެވެ. ދަރިފުޅު ގޮވައިގެން މިސްކިތުގެ ޖަމާޢަތަށް ގޮސްލަން ބުރަކަމަކަށްވެގެންނެވެ.
ދެން ނިކަން ބުނެބަލާށެވެ! ޤިޔާމަތްދުވަހު އެފަދަ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ސަލާމަތްވެވޭނެ ހެއްޔެވެ؟ މިހިސާބުންވެސް، މިރެއިން ފެށިގެންވެސް މިކަންކަމަށް ވިސްނައި މަސްއޫލިއްޔަތު އަދާކުރަން ފަށާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
މިސުވާލާއިމެދު ވިސްނާލައި ޖަވާބުދޭށެވެ! އަނބިމީހާއަށް ނަމާދުކުރަން ފަސޭހަކޮށްނުދީ، ދަރިންގޮވައިގެން މިސްކިތަށް ނުގޮސް ޤިޔާމަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ މިއީވެސް އިސްލާމް ދީނަށް ނަޞްރުދޭން ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަންކަން ކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން