އެންމެންނާ ހުރިހާ ކަމެއް ހިއްޞާކުރާ މީހަކަށް ގާތީ އެއްވެސް ކުރިއެރުމެއް ނުލިބުން! ކައިވެނިވެސް ފޭލްވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެންމެންނާ ހުރިހާ ކަމެއް ހިއްޞާކުރާ މީހަކަށް ގާތީ އެއްވެސް ކުރިއެރުމެއް ނުލިބުން! ކައިވެނިވެސް ފޭލްވުން!

ހުރިހާ ކަންކަން ސޯޝަލްމީޑިއާގައި ހާމަކުރަމުންގޮސް ފިރިމީހާ ހަދިޔާއެއް ދިނުމުން އެއިގެ ފޮޓޯއާއިއެކު ހާމަކުރާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. އެމީހެއްގެ 1000 ފޮލޯވާސް ތިބިނަމަ އެކަމަށް އުފާކޮށް ހެޔޮދުޢާކުރާނީ 10 ވަރަކަށް މީހުންނެވެ. ގިނަ މީހުން ހެޔޮދުޢާކޮށް ކޮމެންޓްކުރާނީވެސް އެކަމަށް ޙަސަދަލައިގެން ތިބެއެވެ.   

ހަމައެގޮތަށް ލިބުނު ކާމިޔާބީއެއްގެ ވާހަކަ ޢާންމުކުރުމުންވެސް ހެޔޮދުޢާކުރާނީ މަދު މީހެކެވެ. ކުރަން ޤަޞްދުކުރާ ކަމެއްގެ ވާހަކަ ހާމަކޮށްފިނަމަ ގިނަވާނީ އެކަން ކާމިޔާބުނުވުމަށް އެދޭނެ މީހުންނެވެ.  

މިވާހަކަތައް ދެއްކީމާ ބައެއް މީހުން ހިތްހަމައެއް ނުޖެހޭނެއެވެ. ބުނާނީ ޢަދާވާތްތެރިން އެހާގިނަވާނެކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އަހުރެން ބުނާނީ މިއަދު ގިނައީ ތިމާއަށްއުފަލުގައި އެހެން މީހަކު އުޅެން ނުއެދޭ މީހުން ކަމަށެވެ. ތިމާއަށްވުރެ އެހެން މީހަކު ކުރިއަރައިދާން ވެސް ނުއެދޭ މީހުން ކަމަށެވެ. އެއީ މީސްތަކުންގެ ހިތުގައި ދުނިޔެއަށް ދަހިވެތިކަން ބޮޑުވެފައި އޮތްވަރުންނެވެ. އީމާންކަން ފުރިހަމަވާނީ ތިމާއަށް ލިބެން އެދޭ ކަންކަން އެހެން މީހުންނަށްވެސް ލިބުމަށް އެދުމުން ނަމަވެސް އެކަމަށް ވިސްނައިލާ މީހުން މިއަންނަނީ މަދުވަމުންނެވެ.  

ތިމާގެ ހުރިހާ ކަމެއް، ވަކިން ޚާއްޞަކޮށް ދެމަފިރިންގެ ގުޅުމުގެ ކަންކަން އެންމެންނާއި ޙިއްޞާކުރުމަކީ ދީނުގައިވެސް އޮތްކަމެއް ނޫނެވެ. ދީނުގައިވެސް އޮތީ ދެއްކޭ ވާހަކަތަކަށް ސަމާލުވެ ހުރެގެން ދެއްކުމަށެވެ. ކޮންމެ މީހެއްގެވެސް ޢަދާވާތްތެރިން ތިބޭނެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އަދި އަމިއްލަ ޢާއިލާގައިވެސް ޙަސަދަވެރިވެ ޢަދާވާތްތެރިވާނެ ބައަކު ތިބޭނެކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

ވީމާ ދިރިއުޅުން ކުރިއަރައި ދިއުމަށް އެދޭމީހާ މިކަންކަމަށް ސަމާލުކަންދޭށެވެ. ސަމާލުވާންވީ ސޯޝަލް މީޑިއާގައި ހާމަކުރަން އެކަންޏެއް ނޫނެވެ. އެހެން މީހުންނަށް ކިޔައިދިނުމުގައިވެސް ސަމާލުވާށެވެ. ކުރިއަރައިދެވޭނީ އެއިރުންނެވެ. ބައިވެރިޔާއާއިއެކު އުފަލުގައި އުޅެވޭނީވެސް އެއިރުންނެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން