އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ ގިނަ ދެމަފިރިން ނުވަތަ ގިނަ މީހުންގެ ކިބައިން އެންމެ ގިނައިން ލިބޭ އެއްޝަކުވާއަކީ އެއްދާންކުރުމަށް އެކަކު ހުރަސްއަޅާކަމުގެ ޝަކުވާއެވެ. ޞިއްޙީ ގޮތުން ހުރަސްއެޅޭ ސަބަބެއް ނެތިވެސް އެކަމުގައި އެކަކު އިހްމާލްވާކަމުގެ ޝަކުވާއެވެ.
މިވާހަކަ މިދައްކަނީ މަޤްބޫލު ޢުޒުރެއް ނެތި ދީނީ ގޮތުންވެސް އެއީ ހުރަސްއަޅައިގެން ނުވާނެ ކަމަށްވާއިރުވެސް މިމައްސަލައިގައި ރޫޅެމުންދާ ކައިވެނިތައް ގިނަކަމުންނެވެ. ބޭނުމަކީ ކައިވެނި ދަމަހައްޓަން ބާރު އެޅުމެވެ. ހަރުދަނާ މުޖުތަމަޢުއެއް ބިނާކުރެވޭނީ ކައިވެނި ދެމެހެއްޓުނުވަރަކުން ކަމަށްވާތީއެވެ.
ދިރާސާތަކުން މިއަދު ޔަޤީންކުރެވޭ ގޮތުގައި ޤަވާއިދުކޮށް އެއްދާންކުރާނަމަ ލިބޭ ޞިއްޙީފައިދާތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި-:
- އެތެރެހަށީގައި އުފެދޭ ދުޅަތައް ނައްތާލައެވެ. އެކަމުގެ ސަބަބުން ބަލިވުން މަދުވެ ސަލާމަތް ޞިއްހަތެއްގައި ހުރެވެއެވެ.
- ގިނަ އިންފެކްޝަންތަކަކުން ސަލާމަތްކޮށްދީ މީހާއަށް ކުރިމަތިވާ ގޮތްނުއެނގޭ އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ.
- ރަނގަޅު ނިންޖެއް ލިބެއެވެ.
- ހިތުގެ ޞިއްހަތަށް ދުޅަހެޔޮކަން ލިބެއެވެ.
މިހުރިހާ ކަމަކުންވެސް އެނގިގެން މިދަނީ ރޭގަނޑުގެ ވަޤުތުތައް ގެއިން ބޭރުގައި ބޭކާރު ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި ދެމަފިރިން އެކުގައި އަވަހަށް ނިދާނަމަ އެކަމުން ކުރާނެ ފައިދާއެވެ. އެއްދާންކުރުމަށް އޮންނަ އެންމެ ބޮޑު ހުރަހަކީ ލޯބިނުވުމެއްވެސް ނޫނެވެ. އެކުގައި ނިދަން ނުއޮށޯވެވޭ ކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން