ވަރަށް ލޯބިން އުޅެފައި ކައިވެނިކުރުމުންވެސް ކުރު މުއްދަތެއްގެ ތެޜޭގައި ކައިވެނި ރޫޅެނީ ކީއްވެގެންކަމާއިމެދު ވަރަށް ގިނަ ބައަކު ސުވާލުކުރާތީ ދަންނަވަމެވެ.
މައްސަލައަކަށްވަނީ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރުމާއި ބެހޭ ގޮތުން އައިސްފައި ހުރި ނަބަވީ އިރުޝާދުތަކަށް ނުބެލެނީއެވެ. ބެލޭނަމަ ކައިވެނި ރަނގަޅު ގޮތުގައި ދެމިގެންދިއުމުގެ ފުރުޞަތު އެތައް ތަނަކުން ބޮޑުވާނެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ޒަވާޖީ ޙަޔާތް ބަރުބާދުވާ، ދަރިން ތަރުބިއްޔަތު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ މިނަބަވީ އިރުޝާދަށް ޢަމަލުނުކުރެވޭކަމެވެ!
ن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: ” تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِيْنِهَا، فَاظْفَرْ بِذَاتِ الدِّيْنِ تَرِبَتْ يَدَاكَ”. (رواه البخاري ومسلم )
ޙަދީޘުގެ މާނަ:
ﷲ ތަޢާލާ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ހަތަރުކަމަކަށްޓަކައި އަންހެނުންނާއި ކައިވެނި ކުރެވެއެވެ. އޭނާގެ މުދަލަށްޓަކައެވެ. އޭނާގެ ޙަސަބުގެ މަތިވެރިކަމަށްޓަކައެވެ. އޭނާގެ ރީތިކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރިޔާ އިޚްތިޔާރުކުރާށެވެ. އެހެންނޫނީ ތިބާގެ ދިރިއުޅުން ވެއްޔާ މޮޑެވިދާހުއްޓެވެ."
ތަފްޞީލީ މާނަ:
ބުއްދިވެރި، މުރޫއަތްތެރި، ދީންވެރި ފިރިހެނާއަށް އެހެން ހުރިހާ އެއްޗަކަށްވުރެ މުހިންމުވާނީ ދީންވެރި، ރިވެތި އަޚްލާޤެއް ލިބިފައިވާ މީހެކެވެ. އެހެންކަމުން އޭނާ ރަޙްމަތްތެރީންގެ ގޮތުގައި އިޚްތިޔާރުކުރާނީ އެންމެ ތަޤުވާވެރި އެންމެ ޚުލުޤުހެޔޮ މީހުންނެވެ. އަދި އޭނަގެ ދަރިންގެ މަންމައެއް ގޮތުގައި އޭނާ އިޚްތިޔާރު ކުރާނީ އެންމެ ޚުލުޤުހެޔޮ، ﷲއާއި އެއިލާހުގެ ރަސޫލަށް ތަބާވުމުގައި އެންމެ ކުރިއަރާފައިވާ މިހާއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
تخيروا لنطفكم فانكحوا الأكْفاء وأنكحوا إليهم "ތިޔަބައިމީހުންގެ ނުޠުފާތަކަށްޓަކާ ރަނގަޅު ދަނޑެއް އިޚްތިޔާރުކުރާށެވެ. އަދި (ދީންވެރިކަމާއި އަޚްލާޤުގެ ގޮތުން) ކުފޫ ހަމަވާ ބަޔަކާއި ކައިވެނި ކުރާށެވެ! އަދި އެފަދަ ބަޔަކާއި (ތިޔަބައިމީހުންގެ ދަރީން) ކައިވެނިކޮށްދޭށެވެ!"
ދީންވެރި ޚުލުޤުހެޔޮ އަންހެނަކީ، މި ދުނިޔޭގައި ހޯދައި، ރައްކާތެރިވާންޖެހޭ ކަންޒެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިކަމުގައި ޞަޙީޙް މުސްލިމުގައި ވާރިދުވެފައިވެއެވެ.
الدنيا متاع وخير متاع الدنيا المرأة الصالحة
"ދުނިޔެ އަކީ ވަގުތީއުފަލެކެވެ. އަދި މިދުނިޔޭގެ ވަގުތީ އުފާތަކުގެ ތެރެއިން އެންމެ ރަނގަޅުވެގެންވަނީ ޞާލިޙު އަންބެކެވެ."
އެހެންކަމުން އޭނާގެ ޙަޔާތުގެ ބައިވެރިއެއްކަމުގައި އެފަދަ މީހަކު އިޚްތިޔާރުކޮށްފި މީހާ އުފާ ޙާޞިލުކޮށްފިކަން ކަށަވަރެވެ.
މުދާވެރި އަންހެނެއްގެ ފަރާތުން މުދާޙާޞިލުކުރުމަށްޓަކައި އެފަދަ އަންހެނަކު ހޯދުމަށް ބަޔަކު މަސައްކަތްކުރަމުންދާއިރު، އަނެއްބަޔަކު މަސައްކަތްކުރަމުން ދަނީ ޙަސަބުގެ ގޮތުން މަތިވެރި އަންހެނެއްގެ ފަރާތުން އޭނާ ބޭނުންވާ ޖާހާއި މަންޞަބު ހޯދުމަށްޓަކާ އެފަދަ އަންހެނަކު ހޯދުމަށެވެ. އަދި ބައެއްމީހުން މި ދެކަންތަކަށްވެސް ބެލުމެއްނެތި ރިވެތި އަންހެނަކު ހޯދަން މަސައްކަތްކުރަމުންދެއެވެ. މިފަދަ ޙާލަތެއްގައި މީސްތަކުންވީއިރު، ދެދުނިޔޭގެވެސް ބާއްޖަވެރިކަން ޙާޞިލުވާނޭ މަގު ބަޔާންކޮށްދެއްވައި އުންމަތަށް އިރުޝާދުދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނީ ޞާލިޙު އަންބަކު އިޚްތިޔާރުކުރާށެވެ. އޭނާއަކީ މުދަލެއްނެތް، ޙަސަބާއި ނަސަބުގެ ގޮތުން ނިކަމެތި، އަދި ރީތިކަމުގައި އެހާ ކުރީއަރާފައިވާމިހަކަށް ނުވިޔަސް އޭނާގެ ދީންވެރިކަން އޭނާ މަތިވެރިކޮށް ރީތިކޮށްލައެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އޭނާއަކީ ޢާލަމްތަކުގެ ވެރިރައްބު އަންގަވާފައިވާ ގޮތަށް އުޅޭ، އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލުކުރަން މަސައްކަތްކުރާ މީހެކެވެ. މޫނުތަކެއް އަލިވެ، މޫނުތަކެއް އަނދިރިވެގެންދާ ދުވަހު، އަލިވެގެންވާ މޫނުތަކުގެ ތެރެއިން ވުމަށް މަސައްކަތްކުރަމުންދާ މީހެކެވެ.
މިފަދަ ދަނޑެއް އިޚްތިޔާރުކޮށްފިނަމަ، ހެދިގެން އަންނަ ގޮވާންތަކަކީ ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރުވަނިވި ގޮވާންތަކަކަށް ވެގެންދާނެއެވެ.
މި ޙަދީޘުންލިބޭ ބައެއް ފައިދާތައް:
1. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ހެޔޮކަމުގެ މަގުތައް އުންމަތަށް ބަޔާންކޮށް ދެއްވެވި މިންވަރު
2. އެންމެ ހެޔޮވެގެންވަނީ ދީންވެރި ޚުލުޤުހެޔޮ އަންހެނަކާއި ކައިވެނިކުރުންކަން
3. މުދަލާއި ރީތިކަމާއި ޙަސަބަކީ ފިރިހެނުން އެއަންހެނަކަށް ޝައުޤުވެރިކުރުވާ ކަންތައްތަކެއްކަން
4. އިންސާނާ މަތިވެރިވެގެންދަނީ އޭނަގެ ޙަސަބާއި ނަސަބުގެ ސަބަބުން ނޫންކަން. އެހެނަސް އޭނާގެ ދީންވެރިކަމުގެ ސަބަބުންކަން.
- މަސްދަރު: ދިސަލަފިއްޔާ