އަނބިންނަށް ވަޤުތުނުދީ ދިރިއުޅުމަށްޓަކާ ކުރަންޖެހޭ ކަންކަން ނޫންކަންކަމަށް ވަޤުތު ހޭދަކުރާ މީހުންގެ ދިރިއުޅުން ފޭލްވީމާ އަނބިމީހާގެ ބޮލުގަ ޒިންމާ އެޅުވުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 8ސ
އަނބިންނަށް ވަޤުތުނުދީ ދިރިއުޅުމަށްޓަކާ ކުރަންޖެހޭ ކަންކަން ނޫންކަންކަމަށް ވަޤުތު ހޭދަކުރާ މީހުންގެ ދިރިއުޅުން ފޭލްވީމާ އަނބިމީހާގެ ބޮލުގަ ޒިންމާ އެޅުވުމަކުން ކުރާނެ ފައިދާއެއް ނެތް!

އަނބިދަރިން ގާތަށް، ނުވަތަ ދިރިއުޅޭގެއަށް ނުދާކަށް ޝައިޠޯނާ ނުބުނާނެއެވެ. ޝައިޠޯނާ ދައްކާނީ ގެއަށް ނުގޮސް ކުރާނެ ކަންކަމެވެ. އުފާހޯދޭނެ ގޮތެވެ. އެކަންކަމުގައި ޖެހެވުނީމާ އަނބިދަރިންގެ ގާތަށް ގެއަށް ނުދެވެނީއެވެ.   

މިޘާލަކަސް ބުނާނަމަ ޝައިޠޯނާ ދައްކާނީ ނުބައި އެކުވެރިންނެވެ. އެކުވެރިވެވުނީ އެކުވެރިންނާއި ހިލޭ އަންހެނުންނާއިއެކު ކޮފީގައި ގިނަ ވަގުތު ހޭދަކުރާ މީހަކާއި  ނުވަތަ ބައަކާއި ކަމަށްވެއްޖެނަމަ ފުރަތަމަ އެފަދަ މޭޒުތަކުގައި ބައިވެރިވެލެވެނީއެވެ. ދެން އެކަމުގެ ތެރެއަށް ވަދެވެނީއެވެ. ބައިވެރިވެވެނީއެވެ. އެހިސާބުން އާދަވެ ދެވިހިފަނީއެވެ.

އެއިރުން ދެންވާންފަށާ ގޮތަކީ އަމިއްލަ އަނބިމީހާމަތިން ފޫހިވާންފަށަނީއެވެ. ދަރިންމަތިން ހަނދާންނެތެން ފަށަނީއެވެ. ގެއަށްވަންނަ ހިތް ނުވާންފަށަނީއެވެ. އަނބިދަރިންނާއިއެކު ހޭދަކުރަންޖެހޭ ވަގުތު އެކުވެރިންނާއި އަދި ހިލޭ އަންހެނުންނާއިއެކު ހޭދަކުރެވެން ފަށަނީއެވެ.  

ފިރިމީހާގެ އަޅައިލުން ނުލިބުމުން އަނބިމީހާ ދާނީ އެމީހަކުމަތިން ފޫހިވަމުންނެވެ. އިސާހިތަކު އަނބިމިހާ ވެސް އެހެން ގޮތެއް ހޯދަން މަސައްކަތްފަށާނެއެވެ. ސޯޝަލް މީޑިއާއިން ފުރަތަމަ ހޯދާނީ އެކުވެރިންނެވެ. އެއިގެ ތެރެއިން މީހަކު ނުވަތަ ބައަކު ބަދަލުވާނީ ލޯބިވެރިންނަށެވެ. އިސާހިތަކު އޮންނާނީ ކައިވެނި ރޫޅޭ ހިސާބަށް ކަންކަން ގޮސްފައެވެ.  

އެހިސާބަށް ދިއުމުން އަނބިމީހާ ކުށްވެރިކުރަން ނުހަދާށެވެ! އަނބިމީހާވެސް އެކުރީ ކުށެއް ނޫންކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް އަނބިމީހާ ލައްވައި އެކުށްކުރުވީ ތިމާކަމަށްވެހުރެ އަނބިމީހާ ކުށްވެރިކުރުމުގެ އޮންނާނީ ކޮން ޙައްޤެއް ހެއްޔެވެ؟

ނުބައި މީހުންނާއި އެކުގައި އުޅެމުން ބައެއް މީހުން ބުނެއެވެ. "އޭނާ އުޅޭ ގޮތަކަށް އޭނާ އުޅެފާނެ ނޫންހެއްޔެވެ؟ އޭނާ އުޅޭ ގޮތް އޭނާއަށެވެ. އެކަމަކުން އަހުރެންނަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަހުރެން އޭނާ އާއިއެކުގައި އުޅެނީ އޭނާއަކީ ކާކުކަން އެނގިގެންނެވެ."  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. ދެކޮޅުޖެހޭ ވާހަކައެއްވެސް ނޫނެވެ. އެކަން އެހެނެއް ނުވާނެއެވެ. ރަސޫލް ﷺ ގެ ބަސްފުޅު ދޮގެއް ނުވާނެއެވެ.   

ވާރިދުވެފައިވާ ބަސްފުޅެއްގައިވެއެވެ.: 

"މީހަކާއި ބެހެގޮތުން ސުވާލު ނުކުރާށެވެ! އޭނާގެ އެކުވެރިންނާއި މެދު ސުވާލު ކުރާށެވެ! ކޮންމެ މީހަކުވެސް އަޅައި ބެލޭނީ،އެނާގެ އެކުވެރިޔާގެ މިންގަނޑުންނެވެ. ތިބާ ކޮންމެ ތަނެއްގައި އުޅޭނަމަވެސް، އެތަނުގައިވާ  އެންމެ  ރަނަގަޅު މީހުން އިޚްތިޔާރު ކުރާށެވެ! ނުބައި މީހަކާއި އެކު  އުޅޭނަމަ  ތިބާވެސްވާނީ އެފަދަ މީހުންގެ ތެރެއިންނެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަނގަޅަށް ވިސްނާށެވެ! ރަޙްމަތްތެރިންކަމުގައި ބަލައި ތިމާ ގުޅިގެން އުޅެނީ  ދީންވެރި ޞާލިޙް ބައެއްކަމުގައި ނުވާނަމަ ތިމާގެ އުޅުމާއި ސުލޫކަށް އެމީހުންގެ ނުބައި އަޚްލާޤާއި އެމީހުންގެ އުޅުމުގެ އަސަރު ކުރުމަކީ ނުވެ ނުދާނެ ކަމެކެވެ. ކޮންމެވެސް ސިފައެއްގައި ތިމާގެ ސުލޫކަށް ދާނީ ބަދަލުތައް އަންނަމުންނެވެ. މަޑުމަޑުން ބަދަލުވަމުން ގޮސް އޭނާފަދަ ނުބައި މީހަކަށް ބަދަލުވެފައިވަނީ ކިތައް މީހުންތޯއެވެ؟  

އެފަދަ ރަޙްމަތްތެރިންގެ ސަބަބުން،ދުނިޔޭގައި ތިމާގެ އިޢްޒަތާއި އަބުރުގެއްލި، އަދި ތިމާގެ އުޚްރަވީ ޙަޔާތްވެސް ބަރުބާދުވެގެން ގޮސްފައިވަނީ ކިތައް މީހުންގެތޯއެވެ؟ އެކުވެރިން ކަމުގައި ބަލައިގެން އުޅެވޭ ބައެއްގެ ސަބަބުން ކިތައްމީހުންގެ ދިރިއުޅުން ބަރުބާދުވެ، ޒަވާޖީ ޙަޔާތް ރޫޅިގެން ގޮސްފައިވޭތޯއެވެ؟ ކިތައް ކައިވެނި ރޫޅި ދަރިން ބިކަޙާލުގައި ޖެހިފައިވޭތޯއެވެ؟  

ގިނަ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ތާށިވެ ސަލާމަތް ނުވެވޭ ހިސާބަށް ކަންކަންދަނީ ހަމަ ހުރެފައެއް ނޫނެވެ. އަމިއްލައަށް އެފަދަ މީހަކަށްވާން ބޭނުންވެގެނެއްވެސް ނޫނެވެ. އެކަންކުރާ ނުބައި މީހުންނާއި ގުޅިގެން އެކުގައި އުޅެވޭތީއެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ނަމާދު ޤަވާއިދުން ކުރަމުން އަންނަ މީހުން، ނަމާދުނުކުރާ މީހުންނާއި ގުޅިގެން އެކުގައި އުޅެން ފަށައިފިނަމަ އެމީހާއަކީވެސް ނަމާދުނުކުރާ މީހަކަށް ބަދަލުވެގެންދެއެވެ. ފުރަތަމަ ނަމާދަށް ފަރުވާކުޑަކުރެވޭނީއެވެ. ދުވަސްކޮޅަކުން ނަމާދު އެޅުމަކީ ބޮޑުކަމެއްގައި ޤަބޫލުވެސް ނުކުރެވޭނެއެވެ.  

އަނހެނުންނަށްވެސް ބުނެލަން އޮތީ ފާހިޝް ޢަމަލުތައްކޮށް ނުބައިމަގުން ދިރިއުޅޭ އަންހެނުންނާއި ގުޅި އެއީ އެކުވެިން ކަމުގައި ބަލައިގެން އުޅޭނަމަ އެމީހުންނެކޭ އެއްފަދައިން ނުބައި ޢަމަލުތައް ކުރާ މީހަކަށް އިސާހިތަކު ތިބާވެސް ބަދަލުވެގެން ހިނގައިދާނެއެވެ.  

ރަޙްމަތްތެރިންނަކީ ރަނގަޅު ސާލިޙް ބައެއްކަމުގައިވާނަމަ، މާތް ﷲ އެމުޤައްދަސް ގުޅުމުގައި ބަރަކާތްލައްވަވާނެތެވެ. އެއީ އެއްވެސް މީހަކު ޝައްކުރަންޖެހޭނެ ކަމެއް ނޫނެވެ. ރަޙްމަތްތެރިން ކަމުގައި ހެޔޮ ސާލިޚް މީހުން އިޚްތިޔާރު ކުރުމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ. އިންސާނުންނަކީ، އަނެކާގެ ތަބީޢަތުން ވަރަށް އަވަހަށް އަސަރުތައް ލިބިގަންނަ ބައެކެވެ. އެމީހުންގެ އުޅުމާއި އާދަތައް ދަސްކުރާބައެކެވެ. ސާލާމާއި ޞާލަވާތް ލެއްވި ކައުއިތުރު ނަބިއްޔާ ޞައްލައްﷲ ޢަލައިހިވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ.

(ا لمرء على دين خليله فلينلظر أ حد كم إ لي من يخا لل” (رواه أبو داود “ 

މާނައީ: "މީހާވަނީ އޭނާގެ ރަޚްމަތްތެރިޔާގެ ދީނުގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާއަށް ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމް ކުރެވެނީ ކާކާތޯ ބަލާށެވެ." 


- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން