ފުރަތަމަ ކަމަކަށްވެސް ކިތަންމެ ބޮޑު މުޞީބާތެއްގައި އުޅެން ޖެހުނު ނަމަވެސް ކީރިތި ޤުރްއާނަށް ޢަމަލުކުރާށެވެ!
އެކަމަކާއި ގުޅިގެން ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އާޔަތްތަކަށް އަމަލުކުރާށެވެ! ހައްލު ފެންނާނެ ކަމާއިމެދު އެއްވެސް ވަރަކަށް ޝައްކުވެސް ނުކުރާށެވެ!
ހުރިހާ ކަމެއްގެ ޙައްލު ވެސް ފެންނާނީ ކީރިތި ޤުރްއާނުންނެވެ! މިފަދައިން ބުނުމުން މާލީ ދަތިކަމެއްގައި އުޅެންޖެހިފައިވާ މީހަކު އެމީހާގެ މައްސަލަތަކަށް ކީރިތި ޤްރްއާނުން ޙައްލު ހޯދާނެ ގޮތަކާއިމެދު ސުވާލުކޮށްފާނެއެވެ. އެފަދަ މީހުންނަށް ވެސް ހަމަ ބުނަން އޮތީ ކީރިތި ޤުރްއާނުން ޙައްލު ފެންނާނެއެވެ! ހޯދާށެވެ!
މީސްތަކުންނޭވެ! ދަތި އުނދަގޫ ހާލަތެއް މެދުވެރިކުރައްވަވައިފިނަމަ ޔަޤީންކުރަންވީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަމެވެ. ދުޢާ ޢިޖާބަ ނުކުރައްވަވައި ލަސްކުރެއްވުމުން ޝަކުވާ ކުރަމުން ދެކޮޅަށް ދުވަންވީއެއް ނޫނެވެ. އުފާކުރަންވީއެވެ. އެހެނީ މީސްތަކުން އެދި ދަންނަވާ ހުރިހާ ކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަމަކަށް އެންމެ ރަނގަޅު ވަގުތުގައި އެކަމެއް ފުއްދަވައި ދެއްވަވާނެތެވެ. އެކަމެއް މިދުނިޔޭގައި ފުއްދަވައި ނުދެއްވަވައިފި ނަމަވެސް ޔަޤީންކުރަންވީ އެއީ ތިމާއަށް އެންމެ ފައިދާހުރި ގޮތް ކަމެވެ.
މީސްތަކުންނޭވެ! މިކަންކަމަށް ނުވިސްނައި މާލީ ދަތިތައް ކުރިމަތިވުމުން ބައެއް މީހުން އެބަ މަކަރާ ހީލަތުން ފައިސާ ހޯދައެވެ. ވައްކަންކޮށްގެންނާއި ކޮރަޕްޝަނުންވެސް އެބަ ފައިސާ ހޯދައެވެ. އެފަދަ ކަމެއް ކުރުމުން އަތަށް އެވަގުތު ފައިސާކޮޅެއް އަރައިފާނެއެވެ. ނަމަވެސް އެއީ އަމިއްލައަށް ހޯދައި ގަނެވޭ ވަރަށް ބޮޑު ހިތާމައެކެވެ. އެގޮތުން ހޯދާ ފައިސާއަކީ ހަމަ އެއްވެސް ޙާލެއްގައި ޙައްލެއް ނޫނެވެ. އެހެނީ އެ ފައިސާގައި ﷲ ތަޢާލާ ބަރަކާތެއް ނުލައްވަވާނެތެވެ. ނަތީޖާއެއްގެ ގޮތުން އިތުރު މުޞީބާތްތައް އަބަދުވެސް ދާނީ ހަމަ ކުރިމަތިވަމުންނެވެ. ގިނަބައެއްގެ އަތްމައްޗަށް ފައިސާ އެރިޔަސް ޖީބަށް ފައިސާ އެޅުނަސް ބޭނުންތައް ނުފުދިގެން އުޅެންޖެހޭ ސަބަބަކީ އެއީއެވެ.
އެމީހާގެ ހަށިގަނޑަށް އެތެރެކުރެވެމުން އެދަނީ ހަމަ ނަރަކައިގެ އަލިފާނެވެ! ދެން އެއީ ފިނި، އަރާމު ލިބޭނެ އެއްޗަކަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ.
އެފަދަ މީހުންނަށް ﷲ ތައާލާ ވަޙިކުރައްވަވާފައިވާ ބަސްފުޅު ހިތަށް ގެންނާށެވެ. "ތިއަ ބައިމީހުން ސަމާލުކަން ތިއަ ދެނީ ކުރިމަތިން ފެންނަން ހުރި އުފާތަކަށެވެ. އާޚިރަތް ދުވަހުން ތިއަބައިމީހުންނަށް ތިމަން ﷲ ދެއްވަވަން އޮތް ނިޢްމަތްތައް މަތިން ތިއަބައިމީހުން ހަނދުމަނެތިކޮށްލައިފީމުއެވެ."
- މުފްތީ މެންކްގެ ދަރުސަކުން