ޤިޔާމަތް ދުވަހު އެންމެ އުފާކުރާނީ ކުރެވިފައިވާ ފާފަތައް ޘަވާބަށް ބަދަލުވެ ތިލަފަތް ތިމާއަށް ސުވަރުގެ ލިބުމުގެ ކޮޅަށް ބަދަލުކޮށްލާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޤިޔާމަތް ދުވަހު އެންމެ އުފާކުރާނީ ކުރެވިފައިވާ ފާފަތައް ޘަވާބަށް ބަދަލުވެ ތިލަފަތް ތިމާއަށް ސުވަރުގެ ލިބުމުގެ ކޮޅަށް ބަދަލުކޮށްލާ މީހުން!

ކުރިން ފާފަ ކުރެވެމުން އައި މީހަކަށް ހެޔޮ ވިސްނުން މިންވަރުފުޅު ކޮށްދެއްވެވުމަކީ ﷲ ތާޢާލާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ނިޢަމަތެވެ. އެންމެ ބޮޑު އެއް ފުރުޞަތެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެ ފުރުޞަތުގެ ބޭނުން ހިފައި ﷲ ތަޢާލާ މިންވަރުކުރެއްވެވި ބޮޑު ނިޢްމަތުގެ ބޭނުން އެންމެ ބޮޑަށް ހިފުމަށެވެ.  

އެކަން ކުރަން ކުރަންޖެހޭ ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ތަޤްވާވެރިކަމުގައި ސާބިތުވާން މަސައްކަތް ކުރުމެވެ. ވީމާ އެއްވެސް މީހަކު އެމީހެއްގެ މާޒީ ގިރިޓީ ކުރަން މަސައްކަތް ނުކުރާށެވެ. މުސްތަޤްބްލުގެ ވިދުވަރު ގަދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.  

ވަރަށް މަދު މީހެއްގެ ނޫނީ އެމީހެއްގެ މުޅި ހަޔާތަކީ އެއްވެސް ލަފެއް ނެތް އެއްޗެއް ކަމަށް ހެދިފައެއް ނުވެއެވެ. ބައެއް މީހުން އެމީހުންގެ މާޒީ ރީތިކުރަން އުޅެން ހަދައިގެން މުސްތަޤްބަލަށް ހުރަސް އެޅޭ ހިސާބަށްވެސް ކަންކަން އެބަދެއެވެ.  

އެއީ ކުރަން އެއްވެސް ބޭނުން ކަމެއް ނޫނެވެ. މާޒީ، މާޒީގެ ގޮތުގައި މާޒީއަށް ދޫކޮށްލާށެވެ. ކުރެވިފައި އޮތް ކަމެއް ނުކުރެވޭކަމަކަށް ނުހެދޭނެއެވެ. ކުރެވިފައިވާ ކަމެއް އެއީ ނުކުރެވޭ ކަމަކަށްވެސް ނުހެދޭނެއެވެ. އެކަން ކުރަން ކުރެވޭ ކޮންމެ މަސައްކަތަކީ ވަރަށް ބޮޑަށް މަސައްކަތްތަކެވެ.  

ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް ރީތިކުރަން މަސައްކަތްކުރުމެވެ. ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތައުބާވާށެވެ. ދެން އެފަދަ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ މާޒީ އެވަނީ އުޖާލާކުރެވިފައެވެ.  

ތަޤްވާވެރިކަމުގައި ކުރިއަށް ދެވުމުން މާޒީގައި ކުރެވިފައިވާ ފާފަތަކަކީ ހެޔޮ ކަންކަން ކަމަށް ﷲ ތައާލާ ބަދަލުކުރައްވަވައި ދެއްވަވަތެވެ. ބަލަންވީ އެ މިންވަރަށް ތަޤްވާވެރިކަން އިތުރުކުރެވޭތޯއެވެ. އެ މިންވަރަށް ﷲ ތަޢާލާއަށް ބިރުވެތިވެވޭތޯއެވެ. ހުރިހާ އުފަލެއް ޙާޞިލުކުރެވުނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން