ﷲ ތަޢާލާ ކޮންމެ މީހަކާއި ކޮންމެ މަސްއޫލިއްޔަތެއްވެސް ޙަވާލުކުރައްވަވަނީ އެކަލާނގެއަންގަވާފައިވާ ގޮތަށް އެ މަސްއޫލިއްޔަތެއް އަދާކުރުމަށެވެ. އެމީހަކު ބޭނުންވާހައި ގޮތަކަށް ކަންކަންކުރާކަށް ނޫނެވެ.
ކަންކަންކުރައްވަންވީ ގޮތް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަށް ﷲ ތަޢާލާ ވަނީ އަނގަވައިދެއްވަވައިފައެވެ. ކަންކަން އަހަރެމެން ކުރަންވީ ގޮތްވަނީ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންވެގެންނެވެ. ވީމާ މިކަމުން އެނގިގެންދަނީ އެއްވެސް އިންސާނަކަށް އެމީހަކު ބޭނުންވުމުން ބޭނުންގޮތަކަށް އެކަމެއް ކުރުމުގެ ހުއްދަ ލިބިގެންނުވާކަމެވެ.
އަހުރެން މިރޭވެސް ދައްކައިލަން ބޭނުންވަނީ ޢާއިލާގެ އިމާމްގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!
"ޢާއިލާގެ އިމާމް" މިބަހުގެ މާނައަކީ ވަރަށް ބޮޑު މާނައެވެ. އެއިގެ ތެރޭގައި އަނބިދަރިންނަށް ހެޔޮކޮށްހިތުމާއި ޢާއިލާގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި ތިމާގެ އަނބިދަރިންނަކީ ތަޤްވާވެރިބައަކަށް ހެދުން ހިމެނެއެވެ. އެމީހުން ލައްވައި ނަމާދުކުރުވުމާއި ޤުރްއާން ކިޔުއްވުމާއި އެހެނިހެން އަޅުކަންކުރުވުންވެސް ހިމެނިގެންވެއެވެ.
މިކަންކަން ކުރުވޭނީ އިމާމް، ޢާއިލާ އާއިއެކު ގިނަ ވަގުތު ހޭދަކޮށްގެންނެވެ. އިމާމްގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަކޮށްލާނަމަ މިބުނި ކަންކަން ދާނީ ބޮއްސުންލައިގެންނެވެ.
ތަކުރާރުކޮށްލާނަމެވެ! ފިރިންނަކީ ނުވަތަ ބައްޕައިންނަކީ އެމީހުން ބޭނުންވުމުން ތިމާއަކީ ޢާއިލާގެ އެންމެ އިސް މީހާ ކަމަށް ބުނަންޖެހޭ ބައެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު ޒިންމާއަކީ ޢާއިލާގެ އިމާމްކަމެވެ. އަނބިމީހާގެ އިމާމްކަމެވެ. ދަރިންގެ އިމާމްކަމެވެ. އެކަން ނުކުރެވޭ މީހާ، އިމާމްކަމުގައި ފޭލްވެގެންހުރެ އޭނާ އޭނާގެ ފައިދާއަށް އެމަޤާމުބޭނުންވުމުން ތިމާއަކީ ޢާއިލާގެ އެންމެ އިސް މީހާކަމަށް ބުނުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ.
ލޮބުވެތި އަނބީންނޭވެ! ތިއަބައިމީހުންގެ އިމާމަށް ތިއަބައިމީހުން ހެޔޮކޮށްހިތާށެވެ. ފިރިންނަށް ހެޔޮކޮށްހިތައި ކިޔަމަންތެރިވުން ލައްވަވާފައިވަނީ ސުވަރުގެ ދެއްވަވާ ޢަމަލުތަކުގެތެރެއިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން