އިތުރު އަނބިން ހޯދުމުގެ ކުރިން އެކަމަށް ތިމާ ޝަރުޠޫހަމަވާކަން ބަލަންވީ އެމީހަކު އަމިއްލައަށެވެ! އަނބިމީހާއަށް އެކަން ހުށަހަޅަންވާނީ ތިމާ އަމިއްލައަށް އެކަން ބެލުމަށްފަހުގައެވެ. ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް 12 އަހަރެވެ. 9 އަހަރުން ދަށުގެ 4 ދަރިން އެބަތިއްބެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެއްސޭތީ ދަރިންގެ ބުއްދަޅުވެސް ގަނެވެނީ ހުސްވެ 2،3 ދުވަސްވާފަހުންނެވެ. އެޙާލުގައިވެސް 2 ވަނަ ކައިވެނިކުރަން ނުރުހެވޭނެކަމަށް ބުނުމުން އަބަދު އެއްޗެތި ގޮވަނީއެވެ. ބައެއް ރޭރޭ އަނިޔާވެސް ކުރެއެވެ.
އަޅުގަނޑުގެ ސުވާލަކީ ފިރިހެނުންނަށް 4 އަނބިން ހުއްދަވާތީ އިތުރު އަނބިން ހޯދުމަކީ މިހާރު ތިބި އަނބިދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވުނަސް ހަމަ ކުރުން ހުއްދަކަމެއްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ވަރަށް ފުރިހަމަ ޖަވާބެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކައިވެނިކުރުމާއިމެދު އިސްލާމް ދީނުގައި ކަންކަން ވަނީ ވަރަށް ފުރިހަމައަށް ބަޔާންވެގެންނެވެ. ކޮންމެ ފިރިހެނަކު 4 އަނބިން ހަމަކުރާކަށް ނެތެވެ. އަދި އެކަކާއިވެސް ކައިވެނިކުރަން އޮތީ އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އޭނާގެ ޚަރަދު ބަރަދު ބެލެހެއްޓޭނެ ނަމައެވެ. ކައިވެނިގައި ލިބޭ ދަރިންގެ ޚަރަދުތައް ބަލަހައްޓައި ތަރުބިއްޔަތުކުރުންވެސް އިސްލާމް ދީނުގައި ލާޒިމުކުރެއެވެ.
މިހެން ބުނުމުން ކިތަންމެ ގިނަ ބައަކު ރުޅިއައިނަމަވެސް ޙަޤީޤަތަކީ އަނބިމީހާ އާއި ލިބޭ ދަރިން ނުބެލެހެއްޓޭނެ މީހާއަށް އޮތީ ރޯދަހިފުމެވެ. ދޮގާއި މަކަރު ހަދައި އޮޅުވާލައިގެން ކައިވެނިކުރުމެއް ނެތެވެ.
ހަމައެއާއިއެކު މާތް ﷲ ކީރިތި ޤުރްއާނުގައި ވަކި ގޮތަކަށް ކަމެއް ބަޔާންކުރައްވަވާފައިވަނިކޮށް އެކަމަށް ނުރުހުން ފާޅުކުރެވިގެން ނުވާނެއެވެ. ޖެހޭނީ އެފަދަ މީހުންގެ އީމާންކަން މުރާޖަޢާކޮށް ތާޒާކުރާށެވެ! މާތް ﷲ ކީރިތި ޤުރްއާނުގައި ފިރިހެނުންނަށް ކައިވެނިކުރުމަށް ވަކި ޢަދަދެއް ހުއްދަކުރައްވާފައިވަނިކޮށް އެކަމާއި ނުރުހުން ފާޅުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
މުސްލިމް ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރައްވަވާފައި އޮތް އޮތުމަކީ ކޮންމެ ފިރިހެނަކު 4 އަނބިން ގެންގުޅެން ލާޒިމް ކުރާ ކަމެއް ނޫނެވެ. އަދި އަންހެނުން ބޭނުންވެގެން ނޫނީ ކައިވެނިކުރަން ލާޒިމް ކުރާ ސަބަބެއް ނޫނެވެ. އެންމެ އަންތބަކަށްވިޔަސް 2،3،4 އަންތބަށްވި ޔަސް އެކަނބަލުންނާއި ކައިވެނިކުރަންޖެހޭނީވެސް އެކަނބަލުންގެ ރުހުމުގައެވެ. އެކަނބަލުންގެ ރުހުން ހޯދަން ދޮގުހަދައި އޮޅުވާލައިގެންވެސް ނުވާނެއެވެ.
ބައެއް ފިރިހެނުންނަށް އެންމެ އަންތބަކަށް ކައިވެނިކޮށްގެން ވެސް ދިރި ނުއުޅެވުމުގެ ސަބަބުން އެތައް ކައިވެނިތަކެއް ކޮންމެ ދުވަހަކު ދަނީ ރޫޅެމުންނެވެ. އަދި އެއްބައި ފިރިހެނުން ވަރަށް ހަމަހަމަކަމާއިއެކު ގިނަ އަނބިން ގެންގުޅޭއިރު އިން އެންމެ އަނބިމީހާ އަބަދު ނޯށުން ރޮއްވާފައި ބައިންދާ ފިރިން ތިބިކަން ވެސް ފާހަގަކުރަން ޖެހެއެވެ. ހަމަ މިފަދައިން ފިރިމީހާއަށް ބޭވަފާތެރިވެ ނުބައިކޮށް ކަންކަންކުރާ އަނބިންވެސް ތިބޭނެއެވެ.
ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ އިސްލާމް ދީނުގެ ޙުކުމްތަކުގައި އެއްވެސް މައްސލައެއް އޮތުމަކުން ނޫނެވެ. އިސްލާމް ދީނުގެ ޙުކުމްތަކަކީ އެންމެ ފުރިހަމަ ޙުކުމްތަކެވެ. ހުރިހާ މައްސަލަތަކެއް އުފެދެނީވެސް އިސްލާމް ދީނުގެ ޙުކުމްތަކަށް އަމަލު ނުކުރެވޭތީއެވެ.
ގިނަ ބައަކު މިއަދު ޢަމަލުކުރަނީ ޔަހޫދީން އެމީހުންނަށް ބާވައިލެއްވެވި ފޮތާއިމެދު ޢަމަލުކުރާ އުޞޫލުންނެވެ. އެއީ އެމީހުންނަށް ދުނިޔޭގައި ފައިދާކުރާނެ އާޔަތްތަކަށް އަމަލުކޮށްފައި ދެން އޮތްބައި ދޫކޮށްލުމެވެ.
މިފަދަ ބަހެއް ބުނަން މިޖެހުނީ އެއްބައަކު އިން އެންމެ އަނބިމީހާ ނުބެލެހެއްޓިގެންއުޅޭއިރުވެސް 4 އަނބިން ހަމަނުކުރވިގެން ތެޅިފޮޅެނީއެވެ. އިން އެންމެ އަނބިމީހާގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭއިރުވެސް ދެވަނަ ކައިވެނި ކުރަން ހުއްދަނުދީގެން ތަޅާފޮޅަނީއެވެ. އަނެއްބައަކު އެއްފިރިންނަށްވުރެ ގިނަ ފިރިން ހުއްދަނުކުރާތީ އިސްލާމް ދީން ކުށްވެރިކުރަނީއެވެ. އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާ ވަކިގޮތަކަށް ކަމެއް ނިންމެވުމުން ތިމާއަށް މާމޮޅަށް އެނގޭކަމަށް ބުނާ މީހާއަކީ އެކަލާނގެއަށް އީމާންވެގެންހުރި މުސްލިމަކަށްވާނީ ކިހިނަކުންހެއްޔެވެ؟
ވީމާ މިހިރީ ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަންކަމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން