ކާމިޔާބުވުން ގާތީ މީހުންގެ ގާތުގަ ކަންކަމަށް އެދުމުގެ ކުރިން ﷲ ގެ ޙަޟްރަތުގަ ދަންނަވާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކާމިޔާބުވުން ގާތީ މީހުންގެ ގާތުގަ ކަންކަމަށް އެދުމުގެ ކުރިން ﷲ ގެ ޙަޟްރަތުގަ ދަންނަވާ މީހުންނަށް!

ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ފުރަތަމަ ކަމަކަށް އެކަލާނގެއަށް ދެންނެވުމަށެވެ. "އެދޭށެވެ! ހިންމަވައި ދެއްވަވާނަމެވެ." ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަބައަކަށް ބޭނުމެއް ޖެހުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަނީވެސް އެންމެފަހުންނެވެ. މީސްމީހުންނަށް އާދޭސްކޮށްގެން އެކަމެއް ނުވުމުންނެވެ.  

މިހެންމިވަނީ އަހަރެމެންގެ ތެރެއިން ގިނަބައަކަށް ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އަވަސްވެގަނެވެނީ ކޮންމެވެސް މީހެއްގެ އެހީތެރިކަން ހޯދުމަށްކަމުގައިވާތީއެވެ. މިއީ ވަރަށް ދެރަކަމެކެވެ. އެއީ ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތެއް ނޫނެވެ. 

އަހަރެމެންގެ ހިތަށް އަރާފައިބާ ކަންކަންވެސް ދެނެވޮޑިގެންވާ ޙާލު އަހަރެމެންނާއި އެންމެ ގާތުގައި  ގާތުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. ކަމަކަށް ބޭނުންވުމުން އެކަލާނގެ ޙަޟްރަތުގައި އެދެން ވަކިވަގުތެއް ނެތެވެ. ބޭނުންވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ ކިޔަމަންތެރި އަޅުންކަމުގައިވުމެވެ.  

އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެން ހުރެ ކޮންމެ ކަމަކަށް އެކަލާނގެއަށް ދެންނެވިނަމަވެސް ހިންމަވައި ދެއްވަވާނެތެވެ. އެއީ ޝައްކުކުރަން ޖެހޭ ކަމެއް ނޫނެވެ. އަހަރެމެންގެ ޚިޔާލަށްވެސް ނުގެވޭނެފަދަ ގޮތަކަށް އެކަން ހިންމަވައި ދެއްވަވާނެތެވެ. އެކަން ޤުރައާނުން އެނގެން އޮތް އިރު ޝައްކުކުރަންވީ ކީއްކުރަން ހެއްޔެވެ؟

ދެން ބުނެލަން އޮތީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުން ކަމަށްވާއިރު ކަމެއް ޖެހުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދަންނަވައި ކަންކަމަށް މީހުންގެ ކިބައިން އެދެމުންގޮސް ބޭނުންވާ ކަންކަން ޙާޞިލު ނުވީމާ ކުރަން އޮންނާނީ ކޮން ޝަކުވާއެއްހެއްޔެވެ؟  

ދުޢާކުރުމަކީ އެންމެ ފުރަތަމަ ކުރަން އޮތް ކަންތަކެވެ. އެއީ ދެން އެހެން އެއްވެސް ގޮތެއް ނެތުމުން ކުރަން އޮތް ކަންތަކަށް ނުހަދާށެވެ! ވީމާ މިކަންކަމަށް ވިސްނައި ފިކުރުކުރަން ނަޞޭޙަތްތެރިވަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން