ސުވަރުގެދާން ކުރާ މަސައްކަތްތަކަށާ ދުނިޔޭގެ ދިރިއުޅުމަށް ބެލިނަމަވެސް ގެއްލިއްޖެނަމަ އަލުން އަނބުރާ ނުހޯދޭނެ އެއްޗަށް ރައްކާތެރިވަނީ މަދުމީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ސުވަރުގެދާން ކުރާ މަސައްކަތްތަކަށާ ދުނިޔޭގެ ދިރިއުޅުމަށް ބެލިނަމަވެސް ގެއްލިއްޖެނަމަ އަލުން އަނބުރާ ނުހޯދޭނެ އެއްޗަށް ރައްކާތެރިވަނީ މަދުމީހެއް!

ތިމާގެ މުޅި ހަޔާތުގައިވެސް އެންމެ މުހިންމު އެއްޗަކީ ކޮބައިކަމާއިމެދު ސުވާލުކޮށްފިނަމަ ގިނަ ބައަކު ދައްކާނީ ފައިސާ އާއި މަތީ މަޤާމާއި ނުވަތަ އެނޫންވެސް އެފަދަ ކަންކަމުގެ ވާހަކައެވެ.

ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ އެފަދަ ކޮންމެ އެއްޗަކީވެސް، ކަމަކީވެސް އަލުން އަނބުރާ ހޯދިދާނެ ކަންކަމެވެ.

ސުވަރުގެދާން ކުރާ މަސައްކަތްތަކަށް ބެލިނަމަވެސް، ދުނިޔޭގެ ދިރިއުޅުމަށް ބެލިނަމަވެސް ގެއްލިއްޖެނަމަ އަލުން އަނބުރާ ނުހޯދޭނެ އެއްޗެއްވެއެވެ. ހަޔާތުގެ އެންމެ މުހިންމު އެއްޗަކަށްވާނީ ހަޔާތަށް ކޮންމެހެން ބޭނުންވާ އެއްޗެއް، އެއެއްޗެއް ގެއްލިއްޖެނަމަ އަލުން އަނބުރައި ނުހޯދޭނެ އެއްޗެއް ނޫންހެއްޔެވެ؟  

ވީމާ ޙަޔާތުގެ އެންމެ މުހިންމު އެއްޗަކީ ވަގުތެވެ! އެންމެ އަގުބޮޑު އެއްޗަކީވެސް ވަގުތެވެ. ފާއިތުވުމުން އަނބުރައި ނުހޯދޭނެ އެއްޗަކީވެސް ވަގުތެވެ. ނަމަވެސް އެކަންކަމަށް ވިސްނައިލެވެނީ މަދުމީހަކަށެވެ. ގިނަ މީހުންނަށް ވިސްނާލެވެން ފަށަނީވެސް ވަގުތުތައް ގެއްލި ހުސްވާފަހުންނެވެ. 

ޒުވާން ޢުމުރުގައި އަޅުކަން ނުކުރެވުމަކީވެސް ވަޤުތު ނަގައިލުމެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ އަޅުކަން ނުކުރުމާއި ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ނުކުރުމަކީވެސް ހަމަ ވަޤުތު ނަގައިލުމެވެ.   

ތިރީގައިއެވާ ލިޔުން ވިދާޅުވެލައްވާށެވެ! ފައިދާތަކެއް ކުރާނެކަން ޔަޤީނެވެ! އިން ޝާ ﷲ  

ތިބާއަކީ ވަގުތެވެ!

- ޝަފީޢު ޢަބްދުﷲ 

ކަންނެތްކަމެވެ. ލަސްކުރުމެވެ. ފަރުވާލެއް ނެތުމެވެ. ފިލްމާއި ޑްރާމާ ބެލުމެވެ. ބޭކާރު ވާހަކަތައް ދެއްކުމެވެ. ބޭނުމެއް ނެތް ގޮތުގައި ރޭހަތަރުދަން ހޭލާ ހުރުމެވެ. މާނައެއް ނެތް އެތައް ވަގުތެއް މީސްމީޑިއާގައި ހޭދަކުރުމެވެ. މިހިރީ މުޅީން ވެސް މީސްތަކުންގެ ވަގުތު ބޭކާރުވެގެންދާ ކަންކަމެވެ. 

މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައި މިވާ ވަގުތަކީ އަޅުގަނޑުމެންގެ ޙަޔާތެވެ. ޙަޔާތުން އުނިވެގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ މަރާ ކައިރި ކުރަމުންދާ ދުވަހެކެވެ. އެހެންކަމުން، ޢަރަބި ބަހެއްގައި ވެއެވެ. " يَا إِنْساَن! أَنْتَ بِضْعَةُ أَيَّامِ، كُلّمَا انْقَضَى يَومٌ، اِنْقَضَى بِضْعٌ مِنْكَ " " އޭ އިންސާނާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ގައިން އުނިވެގެންދާ ބައެކެވެ." ވަގުތަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ. ވަގުތު ދާނީ ކުރިޔަށެވެ. ފާއިތުވެއްޖެ ވަގުތަކީ ގެއްލިއްޖެ އެއްޗެކެވެ. ކުރިޔަށް އޮތް ވަގުތަކީ އިންސާނާގެ މިލްކިއްޔާތުގައިވާ އެއްޗެއް ނޫނެވެ. އިންސާނާއަށް ވަނީ އޭނާ އެހިނދެއްގައި ހޭދަކުރަމުންދާ ވަގުތެވެ. ކިތައް ކިތައް ޒުވާނުން ކުއްލިއަކަށް މަރާ ބައްދަލުކޮށްފައިވޭތޯއެވެ؟

ގިނަ ބަޔަކު ވަގުތު ބޭކާރުކުރަނީ ކަންނެތްކަމުންނެވެ. ކަންނެތްކަމަކީ ނާތަހުޒީބީ މީހުންގެ ސިފައެކެވެ. އެއީ މުއުމިނުންގެ ސިފައެއް ނޫނެވެ. ކަންނެތްކަމާއި ބޭކާރު ވާހަކަ ދެއްކުމާއި ކަމެއް ނެތި އޮށޯވެ އޮތުމަކީ މުއުމިނުންނާ އެކަށީގެންވާ ސިފަތަކެއް ނޫނެވެ. މުއުމިނުއަޅާގެ ވަގުތަކީ އަގުބޮޑު އެއްޗެކެވެ. މުއުމިނުންގެ ކޮންމެ ޙަރަކާތަކީ އަދި ކޮންމެ ސަކަނާތަކީ (ހަނުހުރުމަކީ) މާނައިން ފުރިގެންވާ އެއްޗެކެވެ.  

ބައެއް މީހުން ވަގުތު ބޭކާރުކޮށް އުޅެނީ ކުޅިވަރުގައެވެ. ގަނޑު ކުޅުމުގައެވެ. ރާޒުވާ ކުޅުމުގައެވެ. ބައެއް ޒުވާނުން ޒަމާނީ ގޭމުތައް ކުޅުމުގައެވެ. ކޮމްޕިޔުޓަރު ގޭމާއި ޕްލޭސްޓޭޝަން ގޭމުތަކެވެ. އެތައް ގަޑިއިރެވެ. މުޅި ދުވަހެވެ. މި ކަންކަން މި ގޮތަށް ހުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، އެ މީހެއްގެ ޙަޔާތުގައި އެއްވެސް މަޤްޞަދެއް ނެތުމެވެ. ލަނޑުދަނޑިއެއް ނެތުމެވެ. އެ މީހެއްގެ ލަނޑުދަނޑިއަކީ ބަނޑުހައިވީމައި ކެއުމެވެ. ކަރުހިއްކައިގަތީމައި ފެންބުއިމެވެ. ނިދި އައީމައި ނިދުމެވެ. އެހެން އިތުރު މަޤްޞަދެއް އޭނާގެ ޙަޔާތުގައި ނެތެވެ. އޭނައަށް ދުނިޔޭގައި މާތް ﷲ ލެއްވި މަޤްޞަދެއް އެނގިފައެއް ނޯވެއެވެ. އެނގިފައި އޮތަސް އެކަމާ މެދު އޭނާ ވަނީ ޣާފިލުވެފައެވެ. މާތް ﷲ އިންސާނާ ދުނިޔޭގައި ލެއްވީ އެ އިލާހަށް އަޅުކަން ކުރުމަށެވެ.--- މާނައީ: " ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެ."  

ވަގުތަށް ފަރުވާލެއް ނެތި ޙަޔާތުގެ ވަގުތުތައް ވެއަތު ކުރަމުން ދާ އިންސާނަކަށް ހޭވެރިކަމެއް ވާނީ ކުއްލިއަކަށް އޭނާއާ ދިމާވާ ކަމަކުންނެވެ. އޭނާއަށް ބައްޔެއް ޖެހުމުންނެވެ. ނުވަތަ އޭނަގެ އަޖަލު އޭނާއާ ބައްދަލުކުރާ ހިނދެވެ. އެހައިރުން އޭނާއަށް ހިތާމަކުރުން ނޫން ކަމެއް ނޯވެއެވެ. ތިމާ އެއިރު މިވެނި އެވެނި ކަމެއް ކުރި ނަމައޭ ހިތަށް އަރާނެއެވެ. ހެޔޮ ޢަމަލުތައް ކުރެވުނު ނަމައޭ، އާޚިރަތް ބާއްޖަވެރިކުރަން އުޅެވުނު ނަމައޭ ހިތަށް އަރާނެއެވެ.   

އޭ ލޮބުވެތި އަޚާއެވެ! މާތް ﷲ ގެ ރަޙްމަތަށް އެދޭށެވެ. އެ އިލާހުގެ ޙަޟްރަތަށް ތައުބާވާށެވެ. ނަމާދު ބަރާބަރަށް އަދާކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ގިނަގިނައިން މާތް ﷲއަށް ދުޢާކުރާށެވެ. ޢިލްމުގެ މަޖްލިސްތަކުގައި ބައިވެރިވާށެވެ. ރަނގަޅު ހެޔޮލަފާ މީހުންނާ އެކުގައިވާށެވެ. ދެ ދުނިޔެ ބާއްޖެވެރިވާނޭ ފަދަ ކަންކަމުގައި ތިބާގެ ވަގުތު ހޭދަކުރާށެވެ. އެހެނީ ތިބާއަކީ ވަގުތެވެ. ވަގުތުން އުނިވާ އުނިވުމަކީ ތިބާގެ ގައިން އުނިވާ އުނިވުމެކެވެ.

މިއަދު އޮންލައިން