ތިމާއަށް ބައިވެރިޔާ ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމަކީ ތިމާ ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމަށް އޮތް ޢުޒުރަކަށް ހެދީމާ ފާފަވެރިވާނީ ތިމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ތިމާއަށް ބައިވެރިޔާ ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމަކީ ތިމާ ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދިނުމަށް އޮތް ޢުޒުރަކަށް ހެދީމާ ފާފަވެރިވާނީ ތިމާ!

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ބައިވެރިޔާގެ ކިބައިން ތިމާއަށް ލިބެންޖެހޭ ޙައްޤުތައް ނުލިބޭނަމަ އަނެކާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން ނުޖެހޭނެ ކަމަށެވެ. މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.  

އަހުރެމެންގެ ތެރެއިން ގިނަ ފިރިހެނުން، އެމީހުންގެ އަނބިންނަށް އަދާކުރަން ޖެހޭ ވާޖިބުތައް އަދާނުކުރާތީ ސުވާލެއް ކޮށްފިނަމަ ދައްކާނީ އެމީހާއަށް އަނބިމީހާގެ ކިބައިން ލިބެން ޖެހޭ ޙައްޤުތައް ނުލިބޭ ކަމުގެ ވާހަކައެވެ. އޭނާ އެކުރާ ކަމަކީ އަނބިންނަށް އޭނާ އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމާއި އޭނާއަށް ލިބެން ޖެހޭ ޙައްޤުތައް ނުލިބުން މަސްހުނިކުރަނީއެވެ. މިގޮތަށް ބުނާ އަނބިންވެސް ތިބެއެވެ.  

އެއީ ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާއަށް ލިބެން ޖެހޭ ޙައްޤުތައް ނުލިބުމަކީ ތިމާ އަދާކުރަން ޖެހޭ ވާޖިބުތައް އަދާ ނުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ. ޤިޔާމަތް ދުވަހު އެމީހަކު ޖަވާބުދާރީވާން ޖެހޭނީ އެމީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތަށެވެ. އަނބިމިހާގެ ކިބައިން ލިބެން ޖެހޭ ޙައްޤުތައް ނުލިބިވާނަމަ ޤިޔާމަތް ދުވަހު އެކަމަށް ޖަވާބުދާރީވާން އަނބިމީހާއަށް ޖެހޭނެއެވެ.  

ޙަޤީޤަތުގައި މިހާލަތު ކުރިމަތިވަނީ ޝައިޠާނާގެ ވަސްވާސްތައް ޤަބޫލުކުރެވޭތީއެވެ. އަނބިމިހާއަށް ހެޔޮ ކަމެއް ކޮށްދޭން އުޅޭނަމަ ޝައިޠާނާ ބުނާނެއެވެ. ތިއަވަރުން ތިއަ ކަންތައް ކޮށްދޭން ތިއައުޅެނީ ކީއްކުރަން ހެއްޔެވެ؟ އަނބިމީހާ ކަލެއަށް މިވެނި އެވެނި ކަންކަން ވެސް ކޮށް ނުދޭ ނޫން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި އާޔަތަށް ބެލުމުން ފިރިމީހާގެ ދައުރާއި އަނބިމިހާގެ ދައުރު ވަރަށް ފުރިހަމައަށް އެނގޭނެއެވެ.  

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައްނިސާ: 34) 

އާޔަތުގެ ފުރަތަމަ ބައިގައި އެވަނީ ފިރިމީހާގެ މަސްއޫލިއްޔަތެވެ. އަނބިންގެ އެންމެހައި ކަންކަން ރައްކައުތެރިކަމާއިއެކު ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް ކަމެވެ. އަދި ފިރިމީހާ ވަނީ އަނބިމީހާގެ މައްޗަށް މާތް ކުރައްވަވާފައި ކަމެވެ.  

ދެން މިއަންނަނީ އަނބިމީހާގެ މަސްއޫލިއްޔަތެވެ. "ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ."  

ދެން މިއަންނަނީ އަނބިން އެމީހުންގެ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ އަމަލުކުރަންވީ ގޮތެވެ! " އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ!"  

ވިއްދައިގެން މިއަންނަނީ މިކަންކަމުގައި އަމަލުކުރާ ގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ. "ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." 

ހަމަ އެކަނި މިއާޔަތުންވެސް ދެމަފިރިންގެ މައްޗަށް ހުރި ވާޖިބުތަކާއި ޙައްޤުތައް އެނގިގެންދެއެވެ. ﷲ ތަޢާލާ މިވަނީ މިފަދަ ހުރިހާ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. އެއްވެސް އޮޅުމެއް ނުއަރާނެ މިންވަރަށް އަންގަވައިދެއްވަވައިފައެވެ.  

ދެމަފިރިންގެ ގުޅުމަކީ ދީނުގެ އަޅުކަމެކެވެ. ކޮންމެ ދުވަހަކު އަޅުކަން ކުރާ ފަދައިން ކޮންމެ ދުވަހަކުވެސް ދެމަފިރިންގެ ގުޅުން ބަދަހިކޮށް ދަމަހައްޓަން ޖެހޭނެއެވެ. ހިތާމައަކީ ބައެއް ފަހަރު ދެމަފިރިން އެއް ގެއެއްގައި، އެއް ފުރރާޅެއްގެ ދަށުގައި ދިރިއުޅުނު ނަމަވެސް ކައިވެނީގެ ގުޅުން ދިރުވައި ދަމަހައްޓަން ޖެހޭ އެއްވެސް ވާހަކައެއް ނުދައްކައި އަހަރުތައް ފާއިތުކުރަމުން ގެންދާ ކަމެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައި ތިބޭކަމެވެ.  

އެއިރުން މިއާޔަތުގައި ބަޔާން ކުރައްވަވާފަދައިން ޢަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ. މި އާޔަތް ފެށުމުގައި އެވާ "ޤައްވާމޫން" އަށް ބަލައިފިނަމަ އެނގިގެންދަނީ ދެމަފިރިންގެ ގުޅުން ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ނިމުމެއް ނެތް ކަމެވެ. އެއީ އަބަދުވެސް ކުރަން ޖެހޭނެ މަސައްކަތެއް ކަމެވެ!

 

-  ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން