މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓުނަސް ދުނިޔޭގެ އިޤްޠިޞޯދު ހަމައަކަށް އެޅެން ދިގުމުއްދަތެއް ނަގާނެކަމުގެ އިންޒާރު ކަމުގެ މާހިރުން ދެއްވަމުން ގެންދަވާއިރު ހަނގުރާމަ ހޫނުވެ ކުރިއަށްދާނީ ކިހާދުވަހެއްކަން އެނގޭނެ ގޮތެއް އަދި ނެތެވެ. މަހެއްހައި ދުވަސްތެރޭ ކާމިޔާބުކޮށް ނިންމައިލެވޭނެކަމަށް އެމެރިކާއިން ދެކެމުން އައި ހުވަފެން މިހާރުވަނީ ފޭލްވެފައެވެ. ހަނގުރާމައިގެ ކޮންޓްރޯލް އެމެރިކާއަށް މިވަނީ ގެއްލިފައެވެ.
ހަނގުރާމައިގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ އީރާނުގެ ކޮޅު ވަރުގަދަވަމުން އަންނަކަމަށް ސޯޝަލްމީޑިއާގައި ދައުރުކުރާ ޕޯސްޓްތައް އަންނަނީ ގިނަވަމުންނެވެ. ޔަހޫދީންނާއއި އެމެރިކާއަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ގޮތްދޫކުރާނެ ބައެއް ނޫނެވެ. މިހަނގުރާމައަކީ ކުއްލިއަކަށް ފެށި ހަނގުރާމައެއް ނޫނެވެ. ދުރާލައި ރާވައިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމައެކެވެ. ހަނގުރާމައަށް ހޭދަކުރަމުން އެގެންދަނީ މަކަރާ ހީލަތުން ޢަރަބި ޤައުމުތަކުން ހޯދާފައިވާ ފައިށާއެވެ.
ތެލުގެ އަގުއުފުލޭވަރަކަށް ދަތުރުފަތުރުގެ އަގުތައް އުފުލި މުދައު އުފުލުމުގެ އަގުތައް ބޮޑުތަނުން މައްޗަށްޖެހޭނެއެވެ. ނަތީޖާއަކަށްވާނީ ކާބޯތަކެތީގެ އަގުތައް ބޮޑުތަނުން އުފުލިގެންދިއުމެވެ. މިމައްސަލަ ޔޫރަޕްގެ ޤައުމުތަކަށްވެސް ކުރިމަތިވާނެއެވެ. ދަތުރުކުރާ މީހުން މަދުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުވެސް މަދުވެގެންދާނެއެވެ.
ސަރުކާރަށް ލިބޭ އާމްދަނީ މަދުވާވަރަކަށް ސަރުކާރުންދޭ ސަބްސިޑީތައް ކުޑަވެގެންދާނެއެވެ. އެކަމުގެ އަސަރު ރައްޔިތުންނަށް ކުރާނެއެވެ. މިހުންނަނީ ކުރިމަތިލާންޖެހޭނެ ކަންކަމެވެ.
ދެން ބަލަންވީ ބޭރުން ލިބޭ އެހީއަށެވެ. ހަނގުރާމަ ނުވެސް ފެށެނީސް 50 ޓަނު ކަދުރު 15 ޓަނަށް ދަށްވީއެވެ. އެކަމުން އަންގައިދެނީ އެކުވެރި ޤައުމުތަކުން ލިބޭ އެހީ މިހާރަށްވުރެވެސް މަދުވެގެންދާނެ ކަމެވެ.
ކޮންމެއަކަސް މިޙާލަތުގައި މަސައްކަތްކުރަންވީ އަވަހަށް ފޯދޭނެ ގަހެއް އިންދުމަށެވެ. އެއީ ފަޅޯގަހެއް ނަމަވެސް ދަނޑިއަލުވި ގަހެއް ނަމަވެސް މެއެވެ. ބަރަބޯވެލެއް ނަމަވެސްމެއެވެ. ފަސޭހައިން ހެދޭ އެއްޗެއް ހަދަން މަސައްކަތްފަށަންވީ ވަޤުތު މިއޮތީ އައިސް ޖެހިފައެވެ.
ރަށްތަކުގެ ކައުންސިލުތަކުން މިކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ރައްޔިތުން ގޮވައިގެން ނުކުމެ މުޅި ރަށުގައި ގަސްއިންދަން އެބަޖެހެއެވެ. ސޯލާއިން ކަރަންޓް ހޯދިދާނެއެވެ. އެކަމަކު ބަނޑުފުރާނަ މުއްތިކުރެވޭނީ އެއްޗެއް ކައިގެންނެވެ.
ގަސްއިންދުމާއިބެހޭ ގޮތުން ކުރިން ލިޔެފައިވާ ލިޔުމެއް!:
މިހާރަކަށް އައިސް މީހަކު ދެކެ ރުޅިއަތުވެއްޖެނަމަ އޭނާގެ ދަނޑުބިންތަކަށް ގެއްލުންދެއެވެ. އިންދާފައި ހުންނަ ގަސްތަކަށްވެސް ގެއްލުންދީ ހަދައެވެ. އެމީހުން އެކުރަނީ ހާދަ ނުބައިކަން ބޮޑު ޢަމަލެކެވެ.
ގަސް އިންދައި ހެއްދުމުގެ މަތިވެރިކަމާއިމެދު ނިކަން ވިސްނައިލާށެވެ!
އެންމެ ކާމިޔާބު ވިސްނުންތެރިންނަކީ އެމީހަކަށް ގަހުން މޭވާއެއް ނުލިބުނު ނަމަވެސް އެހެން މީހުންނަށް މޭވާ ލިބުމަށްޓަކައި ގަސްއިންދާ މީހުންނެވެ. އެއީ ކުރާ ކަންކަމުގެ ފައިދާ އެމީހަކަށް ނުކުރި ނަމަވެސް އެހެން މީހުންނަށް ފައިދާ ކުރާނެ ގޮތަށް ކަންކަން ކުރާ މީހުންނެވެ.
Hadith on Trees: Finish planting trees, even if the Hour is established
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “If the Resurrection were established upon one of you while he has in his hand a sapling, then let him plant it.”
Source: Musnad Aḥmad 12491
މިޙަދީޘްފުޅުގައި އަންގަވާފައި އެވަނީ ޤިޔާމަތްވުމުގެ އައިސް ޖެހޭ ވަގުތަކީ މީހަކު ގަހެއް އިންދަން އުޅުނު ވަގުތު ނަމަވެސް އެ ގަސް ނުއިންދައި ދޫކޮށްނުލުމަށެވެ. އިންދަން އެމީހެއްގެ އަތުގައި އޮތް ގަސް އިންދުމަށެވެ. ޤިޔާމަތް ވެއްޖެ ނަމަ އިންދާ ގަހަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް އިރުގައިވެސް އިންދަން އަތުގައި އޮތް ގަސް އިންދަން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ގަސް އިންދުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަންކަން ފާހަގަކުރެވެއެވެ. ވީމާ ގަސްތަކަށް ގެއްލުންދީ ގަސްތައް ކަނޑާއިރު މިކަންކަމަށް ވިސްނާށެވެ!
ހިޔާ ލިބޭ އަދި ކާބޯތަކެތި އަޅާ ގަހެއް ކަނޑަން ވާނީ ކޮންމެހެން ކަނޑަން ޖެހިއްޖެ ޙާލަތެއްގައެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް މީސްތަކުންނަށް ފައިދާކުރާ ގަސްތަކަށް ގެއްލުން ނުދޭން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
މީސްތަކުންނޭވެ! އިންދަންވީ އެގަހަކުން މީސްތަކުންނަށް ފައިދާކުރާނެ ގަސްތަކެވެ. ހިޔާ ލިބޭނެ ގަސްތަކާއި ކާބޯތަކެތި އަޅާ ގަސްތަކެވެ. ހިތްހަމަ ޖެހުން ލިބިގަތުމަށްޓަކައި މާމެލާމެލި އަޅާ ގަސްތައް އިންދުމަކީ ތަފާތު ކަމެކެވެ. އެކަމުން މީސްތަކުންނަށް ކުރާނެ ފައިދާ ތަފާތުވީމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން