މިއީ ދެދުނިޔޭގެ އުފާވެރިކަމާ ކާމިޔާބީ ލިބެން އެދޭ ކޮންމެ މީހަކަށް އޮތް ރަސޫލް ޞޢވ ގެ ވަރަށް ޚާއްޞަ ވަޞިއްޔަތްފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މިއީ ދެދުނިޔޭގެ އުފާވެރިކަމާ ކާމިޔާބީ ލިބެން އެދޭ ކޮންމެ މީހަކަށް އޮތް ރަސޫލް ޞޢވ ގެ ވަރަށް ޚާއްޞަ ވަޞިއްޔަތްފުޅެއް!

ރަސޫލް (ﷺ) ޢަބްދުﷲ ބިން ޢައްބާސް އަށް ޙަދިޘްފުޅު ކުރެއްވެވިއެވެ.  

"ޒުވާނާއެވެ. ބަސްފުޅެއް ދަސްފުޅުކޮށްދެއްވާހުށީމެވެ. "ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނާށެވެ! ތިބާގެ ކަންކަމަށް ﷲ ބައްލަވައިވޮޑިގަންނަވާނެތެވެ. (ތިބާގެ ކަންކަން ބަލަހައްޓަވާނެތެވެ.) ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނާށެވެ! ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނާނެތެވެ. ކަމަކަށް ދަންނަވަން ވެއްޖެނަމަ ﷲ އަށް ދަންނަވާށެވެ. އެހީއަކަށް ބޭނުންވި ނަމަވެސް ﷲ ގެ ޙަޟްރަތުން އެދޭށެވެ.  

މުޅި ދުނިޔެ އެކުގައި ތިބާއަށް އެހީތެރިވާން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިނުވާ ކަމެއް ކޮށެއް ނުދެވޭނެއެވެ. މުޅި ދުނިޔެ އެކުގައި ތިބާއަށް ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިނުވާ ގެއްލުމެއް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. ޞަފްޙާތައް ހިކިއްޖެއެވެ."

އަހުރެމެން މިއަދު މިއުޅެނީ ކޮންފަދަ ނިކަމެތި ޙާލެއްގައި ހެއްޔެވެ؟ އެންމެ ގިނަ ބައަކަށް އުޅެންޖެހިފައިވަނީ މާލީ ގޮތުން ނުހަނު ދަތިޙާލުގައެވެ. އަދާކުރާނެ ވަޒީފާއެއް ނުލިބިގެންނެވެ. ވަޒީފާއެއް ލިބުނަސް ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިގެންނެވެ. ތަނަވސްކަން ލިބިއްޖެނަމަ ކޮންމެވެސް ބޮޑު ބައްޔެއްގައެވެ. ބައްޔެއް ނުޖެހޭނަމަ ކޮންމެވެސް ބޮޑު މުޞީބާތެއްގައެވެ.  

އަވަހަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނަ މީހަކަށްވާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގަ ދެމިހުރުމަކީ ހިތަށް އެރުމުން ﷲ ތަޢާލާއަށް ބިރުވެތިވެފަ ފާފަކުރަން ބޭނުންވުމުން ﷲ ތަޢާލާއަށް ބިރުވެތިނުވުމެއް ނޫނެވެ. އަބަދުވެސް ﷲ ތަޢާލާ އަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ދެމިހުރުމެވެ އެއެރިން: 

- ތިބާގެ ކަންކަމަށް ﷲ ބައްލަވައިވޮޑިގަންނަވާނެތެވެ. (ތިބާގެ ކަންކަން ބަލަހައްޓަވާނެތެވެ.

- ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނާނެތެވެ.  

އެގޮތުގައި ހުރެ ކޮންމެ ކަމަކަށް ދަންނަވަން ބޭނުންވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމުން ގެންދާށެވެ! އެހީއަކަށް ބޭނުންވި ނަމަވެސް މެއެވެ. އިން ޝާ ﷲ އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ.  

ދެން ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެންގެ ތެރެއިން ގިނަ ބައަކު އަބަދުވެސް ތިބެނީ މީހަކު ދީފާނެ ގެއްލުމަކަށް ބިރުންނެވެ. އެކަމަކު "މުޅި ދުނިޔެ އެކުގައި ތިބާއަށް އެހީތެރިވާން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިވާ ކަމެއް ކޮށެއް ނުދެވޭނެ" ކަމަށް އޮތުމުން އެނގެނީ ދުނިޔޭގައި ތިބި އެންމެން ގުޅިގެން ތިބާއަށް ގެއްލުމެއް ދޭން އުޅުނަސް ނުދެވޭނެކަމެވެ.  

ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ޘާބިތުކަމާއިއެކު ވަރަށް ވަރުގަދައަށް ހިފަހައްޓަންޖެހޭ ވަޞިއްޔަތްފުޅެކެވެ. ޘާބިތުވެވިއްޖެނަމަ ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން